ކ. މާލެ
|
11 އޯގަސްޓް 2018 | ހޮނިހިރު 17:33
އިލެކްޝަން ކޮމިޝަނުގެ މެންބަރު އަކުރަމް ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ
އިލެކްޝަން ކޮމިޝަނުގެ މެންބަރު އަކުރަމް ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ
ރާއްޖެއެމްވީ
އިލެކްޝަން ކޮމިޝަން
އެއް ފަހަރާ ގިނަ ފޯމްތަކެއް ހުށަހަޅާފައިވާތީ ސައްހަތޯ ބެލުމަށް ގިނަ ވަގުތު ބޭނުންވާނެ:އިލެކްޝަންސް
މިދިޔަ ދެ ދުވަހެއްގެ ތެރޭގައި ވެސް 30،000 އަކަށް ފޯމް ހުށަހަޅާފައި
މައްސަލަތައް އުޅޭ ފޯމްތަކާއި ޝަކުވާ ހުށަހެޅުމަށް ތިން ދުވަހުގެ މުއްދަތެއް ދޭނެ

ގިނަ އަދަދެއްގެ ފޯމްތައް އެއްފަހަރާ ރީރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ކަމަށާއި، މިފޯމްތައް ޕްރޮސަސްކުރުމަށް ތިނެއް ނުވަތަ ހަތަރު ދުވަސް ނަގާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ ހުކުރު ދުވަހުގެ ރެއާ ހަމަޔަށް 86،000 ފޯމް ހުށަހަޅާފައިވާ ކަމަށާއި، ވަކިވަކިން ހުށަހަޅާ ފޯމްތައް ވަގުތުން ރަޖިސްޓާރކުރި ނަމަވެސް އެއްފަހަރާ ގިނަ އަދަދަކަށް ހުށަހަޅާ ފޯމްތައް ރަޖިސްޓާރ ކުރުމަށް ވަގުތު ބޭނުންވާނެ ކަމަށެވެ.

އަކްރަމް ވިދާޅުވީ ފާއިތުވެގެންދިޔަ މިތިން ދުވަހަކީ ސިޔާސީ ޕާޓީތަކުން އެއްފަހަރާ ގިނަ ފޯމްތަކެއް ހުށަހެޅި ދުވަސްތަކެއް ކަމަށެވެ. އެގޮތުން މިދިޔަ ދެ ދުވަހެއްގެ ތެރޭގައި ވެސް 30،000 އަކަށް ފޯމް ހުށަހަޅާފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

"ޚާއްސަ ގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލާނަން ޕީޕީއެމުން ވެސް ފާއިތުވި ދެ ދުވަހެއްގެ ތެރޭގައި ކޮންމެ ދުވަހަކު 10,000ފޯމަށް ވުރެ ގިނަ ފޯމް ހުށަހަޅާފައިވަނީ. އެހެންވީމަ މިހެން ބަލްކްކޮށް ހުށަހެޅޭ ފޯމްތައް ރަޖިސްޓާރާ ވުމަށް ވަގުތު ހޭދަވާނެ.މި ޔަގީން ކުރަނީ ދެ ދުވަސް ނުވަތަ ތިން ދުވަސްތެރޭގައި އެހުރިހާ ފޯމެއް ރަޖިސްޓާރވެ ނިމޭނެ ކަމަށް," އަކްރަމް ވިދާޅުވިއެވެ.

ކަރެކްޝަންއިން ރީރަޖިސްޓްރޭޝަން ހުށަހެޅި ފޯމްތައް ރަޖިސްޓްރީ ނުވާކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވައި އަކްރަމް ވިދާޅުވީ ވަކި މީހަކު ވޯޓުލުމަށް ރީރަޖިސްޓްރީ ކުރުމަށް ފޯމް ހުށަހެޅިކަން ޔަގީން ނުކުރާ ކަމަށާއި، ކަރެކްޝަނުން ވެސް ހުށަހަޅާފައިވާ ފޯމްތައް ރީރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އަދި ފޯމް ހުށަހަޅާފައިވާނަމަ ރީރަޖިސްޓްރީ ވާނެކަމުގެ ޔަގީންކަން އަކްރަމް ދެއްވިއެވެ.

އަކްރަމް ވިދާޅުވީ ރީރަޖިސްޓްރޭޝަން ހުށަހަޅާފައިވާ ފޯމްތައް ބެލުމަށްފަހު މައްސަލަތައް އުޅޭ ފޯމްތަކާއި ޝަކުވާ ހުށަހެޅުމަށް ތިން ދުވަހުގެ މުއްދަތެއް ދޭނެ ކަމަށެވެ. އޭގެ ތެރެއިން ބާތިލުވާ ފޯމުތައް އަލުން ރަޖިސްޓާރ ކުރުމަށް ފުރުސަތު ދޭނެ ކަމަށް ވެސް އޭނަ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 މިނެޓު ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް