ކ. މާލެ
|
11 އޯގަސްޓް 2018 | ހޮނިހިރު 11:36
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް
މިހާރު
ރިޔާސީ އިންތިހާބު 2018
އިލެކްޝަންސް އޮފިޝަލުން ތަމްރީން ވާންވީ މަކަރެއް ނުހެދޭނެކަން ޔަގީންވާ ވަރަށް: ޝަރީފް
ސިޔާސީ ފިކުރު ހާމަކޮށްގެން ނުވާނެ ކަމަށް ވިދާޅުވި
70 މީހަކު މި ތަމްރީންތަކުގައި ބައިވެރިވޭ

ރިޔާސީ އިންތިޚާބުގައި ކުރެވޭ ކަންތައްތަކީ، ރައްޔިތުންނަށް ހާމަކަން ބޮޑު، މަކަރެއް ނުހެދޭނެކަން ޔަގީންވާ ހުރިހާ ގޮތަކަށް އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ތަމްރީންވާން ޖެހޭނެ ކަމަށް އެކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބު 2018 އަށް އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއްގައެވެ.

ޝަރީފް ވިދާޅުވީ އިންތިޚާބުގައި އެއްވެސް ފަރާތަކަށް މަކަރެއް ނުހެދޭ ވަރަށް އޮފިޝަލުން ތަމްރީންވުމަށްޓަކައި މި ޕްރޮގްރާމްގެ ތެރޭގައި ހިއްސާކުރާ މައުލޫމާތުތަކަކީ ވަރަށް މުހިންމު ކަމަކަށް ވެގެންދާނެ ކަމަށެވެ.

އިންތިޚާބުގައި ވޯޓުލުމަށް އަންނަ މީހުންނާއި ވޯޓްލުމުގެ ކަންކަން އޮބްޒާވްކުރާ ފަރާތްތަކަށް، އިންތިޚާބުގެ ކަންކަން ކުރިއަށްދަނީ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ކަމުގެ އިހުސާސް ކުރެވޭ ވަރަށް އޮފިޝަލުން ތަމްރީންވާން ޖެހޭނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

"އެއްވެސް ވަރަކަށް އެއްވެސް ފަރާތަކުން އިންތިޚާބުގައި ވޯޓްލުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، އޮޅުވާލުމާއި މަކަރެއް ހެނދުމުގެ ފުރުސަތު ނެތްކަން އެބޭފުޅުންނަށް ހާމަވާ ވަރަށް ހާމަކޮށްދެއްވަންވީ. މީ މައިގަނޑު ގޮތެއްގައި އަޅުގަނޑުމެން އެންމެބޮޑަށް ބޭނުންވާ ކަމަކީ،" ޝަރީފް ވިދާޅުވިއެވެ.

އިލެކްޝަންސްގެ އިންތިހާބީ މަރުކަޒު ހުންނަ ބާޖަމާލުއްދީންގެ ޓްރެއިނިން ހޯލްގައި ހަތް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ތަމްރީން ޕްރޮގްރާމްގައި 70 މީހުން ތަމްރީން ކުރާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ. އެ ޕްރޮގްރާމް ފައްޓަވައި ދެއްވީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ނާއިބު ރައީސް މުހައްމަދު ޒާހިދެވެ.

މި ޕްރޮގްރާމްގެ ބައިވެރިނަށް އަމާޒްކޮށް ޝަރީފް ވިދާޅުވީ އިލެކްޝަންސްގެ މަސައްކަތުގައި އުޅޭ ފަރާތްތަކުން އެ މީހުންގެ ސިޔާސީ ފިކުރު ހާމަކުރަން ޖެހޭނީ ވޯޓު ކަރުދާހުގައި ކަމަށެވެ. ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އެއްވެސް އޮފިޝަލަކު އެމީހެއްގެ ސިޔާސީ ފިކުރު ހާމަކޮށްގެން ނުވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް