ކ. މާލެ
|
10 އޯގަސްޓް 2018 | ހުކުރު 19:17
އަބުރުފުޅު ފަންޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ހަސަން ލަތީފް ބައިވެރިވެވަޑައިގަންނަވަނީ
އަބުރުފުޅު ފަންޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ހަސަން ލަތީފް ބައިވެރިވެވަޑައިގަންނަވަނީ
ރާއްޖެ އެމްވީ
ރާއްޖެޓީވީ އަބުރުފުޅު ފަންޑު
ޖޫރިމަނާ ފައިސާ އަނބުރާ ދޭން ޖެހޭނީ ކޮމިޝަންގެ މެމްބަރުން: ހަސަން ލަތީފް
ބްރޯޑްކޮމް އިން ސްޓޭޝަންތައް ޖޫރިމަނާކުރަމުން ދަނީ ޤާނޫނާއި ޚިލާފަށް
ގެއްލުމުގެ ބަދަލު ހޯދައިދެވޭނީކީ ރައްޔިތުން ދައްކާ ޓެކްސް ފައިސާއިންނެއް ނޫން

ރާއްޖެޓީވީފަދަ ޓީވީ ޗެނަލްތައް ޖޫރިމަނާކުރަމުންދަނީ ބްރޯޑްކާސްޓިންގ ކޮމިޝަން ނިވާފަތްގަނޑަކަށް ހަދައިގެން ކޮމިޝަން މެމްބަރުންކަމަށާއި، ޖޫރިމަނާ ފައިސާ އަނބުރާ ދައްކަން ޖެހޭނީ އެމެމްބަރުންކަމަށް އެމްޑީޕީގެ ޗެއަރޕަރސަން އަލްއުސްތާޛް ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުން 2 މިލިއަން ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާކުރުމާއި ގުޅިގެން ހުޅުވި 'އަބުރުފުޅު' ފަންޑުފޮށި ހުޅުވުމުގެ ރަސްމިއްޔާތުގައި ފޮއްޓަށް ފައިސާގެ އެހީއެއް ވެދެއްވުމަށްފަހު ހަސަން ވިދާޅުވީ ބްރޯޑްކޮމް އިން ސްޓޭޝަންތައް ޖޫރިމަނާކުރަމުން ދަނީ ޤާނޫނާއި ޚިލާފަށްކަމަށެވެ. އަދި އޭގެ ބަދަލު ޝައްކެއްވެސް ނެތް ގޮތުގައި ރާއްޖެޓީވީއަށް ހޯދައިދެވެން ޖެހޭނެކަމަށެވެ.

"އެހެންނަމަވެސް އެވާ ގެއްލުމުގެ ބަދަލު ހޯދައިދެވޭނީކީ ކޮންމެހެން ރައްޔިތުން ދައްކާ ޓެކްސް ފައިސާއިންނެއް ނޫން. ރައްޔިތުންނެއް ނޫން އެފައިސާ ބަދަލު ހޯދައިދޭން ދައްކަން ޖެހޭނީކީ. އެހެންވީމަ ބަޖެޓުންނެއް ނޫން އެކަން ކުރަން ޖެހޭނީ. އެހެންނަމަވެސް އެކަން ކުރާ މީހުން، އެއީ ނިވާފަތްގަނޑެއްގެ ގޮތަށް އެމުއައްސަސާ ބޭނުންކޮށްގެން އެކަން ކުރާ މީހުން، ފަރުދީ ގޮތުން ޒިންމާވާން ޖެހޭ ކަންތައްތައް އެއީ. އެބޭފުޅުންގެ އަތުން އެލާރި ނަގައި، ޖޫރިމަނާކުރެވޭ ފަރާތްތަކަށް ބަދަލު ހޯދައިދެވެން ޖެހޭނެ،" ހަސަން ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ 4 ފަހަރު މަތިން ރާއްޖެ ޓީވީ ޖޫރިމަނާކުރެވިފައިވާއިރު، އެ ޖޫރިމަނާގެ ބަދަލު ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ހޯދައިދެވޭނެކަމަށެވެ. އަދި ޖޫރިމަނާކުރުމުގައި ޤާނޫނާއި ޚިލާފުވި ވަކިވަކި ފަރުދުންނާއި މެދުވެސް ދައުވާކުރެވޭނެކަމަށް ހަސަން ވިދާޅުވިއެވެ. ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބުގެ ނަންފުޅު ފާހަގަކުރައްވައި ހަސަން ވިދާޅުވީ ޝަހީބު އަމިއްލަފުޅަށް އެކަންކަމުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނެކަމަށެވެ. އެގޮތުން ޝަހީބުގެ އާމްދަނީއިން މީޑިއާތަކަށް އެބަދަލު ހޯދައިދެވެން ޖެހޭނެކަމަށް ހަސަން ވިދާޅުވިއެވެ. 

އެމްޑީޕީގެ ޗެއަރޕަރސަންގެ އިތުރުން އެޕާޓީގެ އިސް އެހެން ބޭފުޅުންވެސް ވަނީ ވެރިކަން ބަދަލުވުމުން ބްރޯޑްކާސްޓިންގ ކޮމިޝަނުން މީޑިއާތައް ޖޫރިމަނާކުރުމުން ދައްކަން ޖެހުނު ފައިސާ އަނބުރާ ކޮމިޝަންގެ މެމްބަރުންގެ އަތުން ނަގާނެކަމަށް ވިދާޅުވެފައެވެ.

ހަސަން ވިދާޅުވީ ބްރޯޑްކޮމް އިން މަސައްކަތްކުރަމުންދަނީ ގުޅިފައިވާ ޕާޓީތަކުން ހިންގާ ކެމްޕޭން ހަރަކާތްތައް ރައްޔިތުންނަށް ފެނުނަ ނުދިނުމަށްކަމަށެވެ. އަދި މީޑިއާތަކަށް ފިޔަވަޅު އެޅިޔަސް، ސޯޝަލް މީޑިއާވެސް އެބައޮތްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެއާއިއެކު ރާއްޖެ ޓީވީވެސް ފަހަތަށް ނުޖެހޭނެކަން އެނގިވަޑައިގަންނަވާކަމަށާއި އެހެން މީޑިއާތަކުންވެސް ފަހަތަށް ނުޖެހި މަސައްކަތްކުރަމުންދާނެކަމަށް ހަސަން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 32 މިނެޓު ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް