ކ. މާލެ
|
10 އޯގަސްޓް 2018 | ހުކުރު 01:49
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް
މުހައްމަދު ޝަރުހާން
ކުރީގެ ނައިބު ރައީސް އަދީބު
އަދީބާއި މެދު ތަފާތުކުރުންތައް ނުގެންގުޅޭކަމަށް އެޗްއާރުސީއެމުން ނިންމައިފި
އެޗްއާރުސީއެމް އިން އެގޮތަށް ނިންމީ އަދީބްގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ހުށައެޅުއްވި މައްސަލަ ބަލައި، ނިންމުމަށްފަހުގައި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މެދު ކަރެކްޝަނަލް ސާރވިސްއިން ތަފާތުކުރުން ނުގެންގުޅޭކަމަށް އެޗްއާރުސީއެމުން ނިންމައިފި އެވެ. 

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވިސް (އެޗްއާރުސީއެމް) އިން އެގޮތަށް ނިންމީ އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ހުށަހެޅުއްވި މައްސަލަ ބަލައި، ނިންމުމަށްފަހުގަ އެވެ. 

ނަޝްވާ ހުށައެޅުއްވި މައްސަލައިގައި ބުނެފައިވަނީ ކަރެކްޝަނަލް ސަރވިސްއިން އަދީބާއިމެދު ތަފާތުކުރުންތައް ގެންގުޅޭކަމަށާއި، އާއިލީ ބައްދަލުވުންތައްވެސް ދެމުން ގެންދަނީ މަހަކު އެއް ފަހަރުކަމަށެވެ. އަދި އަދީބަކީ ދިވެހިރާއްޖޭގެ ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށްވާއިރު، އޭނާއަށް ސްޕެޝަލް ޕްރޮޓެކްޝަންވެސް ދޭންޖެހޭނެކަމަށާއި، ސްޕެޝަލް ޕްރޮޓެކްޝަން ނުދިނުމަކީވެސް ތަފާތުކުރުންކަމަށެވެ. އޭގެއިތުރުން އަދީބު އެކަހެރިކޮށް، ޖަލުގައި ބޭއްވުމަކީވެސް ތަފާތުކުރުން ކަމަށް އެ މައްސަލާގައި ބުނެފައިވެއެވެ. 

މައްސަލާގައި އެދިފައިވަނީ ސްޕެޝަލް ޕްރޮޓެކްޝަން އަދީބަށް ހަމަޖައްސައިދިނުމާއި، ސްޕެޝަލް ޕްރޮޓެކްޝަންގައި ތިބޭ އެހެން ގައިދީންނާއި އެއްގޮތަށް އަދީބާއިމެދު ކަންތައްތައް ކުރުމަށް ކަރެކްޝަނަލް ސާރވިސްގެ މައްޗަށް އެންގުމަށެވެ. 

ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން ނަޝްވާ ވިދާޅުވީ އެޗްއާރުސީއެމުން މައްސަލަ ނިންމާފައިވަނީ ކަރެކްޝަނަލް ސާރވިސް އިން ހުށަހެޅި ކަންތައްތަކުގެ މައްޗަށް ބެލުމަށްފަހުގައި، ތަފާތުކުރުން ނުގެންގުޅޭކަމަށެވެ. އަދި އަދީބާއިމެދު ތަފާތުކުރުން ގެންގުޅެނީ އަދީބަކީ ކަސްޓޯޑިއަލް ޖަލެއްގައި ހުންނަ ފަރާތަކަށް ވުމުންކަމަށް ކަރެކްޝަންސްއިން އިންް ބުނެފައިވާތީ އެއީ ރަނގަޅަށް ކުރާކަމެއްކަމަށް އެޗްއާރުސީއެމުން ނިންމިކަމަށް ނަޝްވާ ވިދާޅުވި އެވެ.

"އާންމު ގައިދީންނާއި އެއްގޮތަށް ކަންތައް ކުރާނަމަ ޓީވީ ބަލާލުމަށް ފުރުސަތު ލިބޭނެ، އެހެންމީހުންނާއި ބައްދަލުކުރުމަށް އަދި ކަސްރަތުކުރުމަށްވެސް ފުރުސަތު ލިބެންޖެހޭނެ. ނަމަވެސް އަދީބު އެކަހެރިކޮށްފައި ހުންނަތާވެސް 1000 ދުވަހަށްވުރެ ގިނަ ދުވަސްވަނީ ވެފައި" ނަޝްވާ ވިދާޅުވި އެވެ. 

އަދީބާއިމެދު ތަފާތުކުރުންތަކެއް ގެންގުޅެނީ އަދީބް ކަސްޓޯޑިއަލް ޖަލެއްގައި ހުރުމުން ކަމަށް ކްރެކްޝަނަލް ސާރވިސްއިން ބުނި ނަމަވެސް ނަޝްވާ ވިދާޅުވީ އަދީބް މާފުށީ ޖަލުގައި ހުންނެވިއިރުވެސް، އާންމު ގައިދީންްނަށްދޭ ހައްޤުތައްވެސް ނުދޭކަމަށެވެ. އެގޮތުން ޓީވީ ބެލުމާއި، ކަސްރަތުކުރުމުގެ ފުރުސަތުވެސް ނުދޭކަމަށާއި، ކަރެކްޝަނަލް ސާރވިސްއިން ހަދާފައިވަނީ ދޮގުކަމަށެވެ. 

އަދީބާއިމެދު ބޮޑެތި ތަފާތުކުރުންތަކެއް އިދާރާތަކުން ގެންގުޅޭކަމަށް އާއިލާއިން ތުހުމަތުކުރާއިރު، ރައީސް އަބްދުﷲ ޔާމީން އެންމެ ބޮޑަށް ބިރުފުޅުގަންނަ ބޭފުޅަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުކަމަށް ސިޔާސީ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި އަދީބު ހާމަކުރައްވާ މައުލޫމާތުތަކުގެ ސަބަބުން ރައީސް ޔާމީންް ވަރަށް ބޮޑަށް ބިރުގެންފައިވާކަމަށް ސިޔާސީ ބޭފުޅުން ވިދާޅުވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް