ހައިރާނުން ހައިރާނެވެ. އަންތަރީހުގެ މީޓަރު އަރާ ގޮސް އެހުރީ އަތުވާ ހިސާބަކު ނޫނެވެ. ދެކިބަލާށެވެ. މިގައުމުގެ ވެރިޔާގެ ދޫފުޅުން އެވިދާޅުވާ ބައެއް އެއްޗެހި އަޅުގަނޑުމެނަށް ފަހުމްވަނީކީ ނޫނެވެ. އެއީ ދެރަކަމެކެވެ.
ޖަލުގައި އޮންނެވި ކުރީގެ ނައިބު ރައީސް ޖަލުގައި އޮންނަވައިގެން ނުވަތަ ޝަރީއަތުގެ މަޖިލީހުގައި ސަރުކާރަށް ނިސްބަތް ކުރައްވާ ވިދާޅުވާ ބައެއް ބަސްފުޅުތަކަށް މި ސްޓޭޝަނުން ސަރުކާރުގެ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނުގެ ބަހެއް ހޯދާލުމަށް ގުޅައެވެ. ގުޅާ ގިނަ ފަހަރުތަކުގައި ވިދާޅުވަނީ ޖަލުގައި ތިބޭ ގައިދީން ނުވަތަ ބަންދުގައި ތިބި މީހުންގ ބަޔާނަށް ނޫންނަމަ ވާހަކަތަކަށް ޖަވާބު ދެއްވަން ބޭނުން ނުވާ ކަމަށެވެ.
މައްސަލައެއް ނެތެވެ. އަދީބު ވިދާޅުވާ އެއްޗަކަށް އޭރު ތަރުޖަމާނު ދެއްވާނެ ރައްދެއް ނެތެވެ. އަދި ރައީސް ވެސް ދައްކަވާނެ ވާހަކަފުޅެއް ނެތެވެ. އެއީ މާޒީ ކަމަށް އަޅުގަނޑު ގަބޫލުކޮށްފީމެވެ.
އެހެން ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނައިރު އަދީބު ޖަލުގައި ހުންނެވިޔަސް އެމަނިކުފާނު ދައްކަވާ ވާހަކަފުޅަށް ރައްދުދޭން ސަރުކާރުން ބޭނުންވެއެވެ. ރައީސުލް ޖުމްހޫރިއްޔާވެސް އަދީބު އެވިދާޅުވާ ވާހަކަފުޅުތައް މީޑިއާ މެދުވެރިކޮށް އަޑުއައްސަވައެވެ. އަދި އެވާހަކަތަކަށް އެއްޗެއް ވިދާޅުވާން މިއަދު ބޭނުންފުޅުވަނީއެވެ.
ދާދިފަހުން ގެއްލުވާލައިފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ނޫސްވެރިޔާ ރިލްވާނާ ގުޅޭގޮތުން އަދީބު ދެއްވައިފައިވާ މައުލޫމާތަކަށް ބިނާ ކޮށް ރައީސް މީހާ ދެއްކެވި ވާހަކަފުޅުން އަޅުގަނޑުމެންވީ ހައިރާނެވެ. އަދި ވިދާޅުވި ބަސްފުޅު ފަހުން ސަރުކާރުގެ ތަރުޖަމާނު އަޅުގަނޑުމެންނަށް ތަރުޖަމާ ކޮށްދެއްވިއެވެ. މީގެ އިތުރުން ރައީސް ވަނީ ރިލްވާނާ ގުޅޭގޮތުން އޭގެ ގަޑިިރުތަކެއް ކުރިން ދެއްކެވި ވާހަކަފުޅު އަލުން އެހެން ގޮތަކަށް ވެސް ވިދާޅުވެފައެވެ. ރަނގަޅެވެ. ރައްޔިތުންނާ ނޫސްވެރިން މިފަހަރު ދޭހަނުވީ ކަމަށް ވީތޯއްޗެކެވެ.
އަޅުގަނޑުމެން މިވަގުތު ރައީސް ވިދާޅުވިހާ ގޮތެއްގެ ތަފްސީލު ލިޔެލިޔެފައި ކިޔައިދޭކަށް ގަސްދެއް ނުކުރަމެވެ. އެހެން ނަމަވެސް ރައްޔިތުންނަށް އެދުވަހު ރައީސް ދެއްކެވި ވާހަކަފުޅާ ވިދާޅުވި އެއްޗެއް މުޅިން ސާފުވެއްޖެއެވެ.
ދަންނަވަންތޯއެވެ. ގައުމުގެ ރައީސް ކަމުގައި ހުންނަވައިގެން ތިޔަ ޒާތުގެ ސަމާސާ ދިވެހިރައްޔިތުންނާ ދެން ނުކުރައްވާށެވެ. ރައްޔިތުންނަށް ސާފުވާނެހެން ވިދާޅުވާ އެއްޗެއް ކުރުކޮށް ވިދާޅުވެފައި ނިންމަވާ ލެއްވިޔަސް މަނިކުފާނަށް ހުތުރު ބަހެއް ރައްދެއް ނުވާނެއެވެ. ދިގު ކުރައްވައި ފަށުވި ކުރައްވަންވާނީ ހަގީގަތުގައި ދޭހަވާ އެއްޗެއްގެ މާނަ އޮޅިގެންނުދާ މިންވަރަށް ކަމަށް ހެޔޮހިތުން ގަބޫލު ކުރައްވާށެވެ. އޮޅުނު އެއްޗެއް އޮޅުނީއެވެ. ހެދުނު ގޯހެއް ހެދި ނިމިގެން ދިޔައީއެވެ.