ކ. މާލެ
|
9 އޯގަސްޓް 2018 | ބުރާސްފަތި 17:51
އިބޫ މިއަދު މާލޭގެ ބައެއް ގެތަކަށް ވަޑައިގަތުމުގެ ތެރެއިން:-ފޮޓޯ-ރާއްޖެއެމްވީ
އިބޫ މިއަދު މާލޭގެ ބައެއް ގެތަކަށް ވަޑައިގަތުމުގެ ތެރެއިން:-ފޮޓޯ-ރާއްޖެއެމްވީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
އިބޫ އާއި ފައިސަލް މިއަދު ވެސް ގިނަ ވަގުތު ގެތަކަށް ވަޑައިގެންނެވުމުގައި
ލ އަދި ތ.އަތޮޅުގެ ކެމްޕެއިން ދަތުރުތައް ވަރަށް ކާމިޔާބު ކަމަށް ވިދާޅުވި
އިބޫ ވިދާޅުވީ އެންމެ ގިނަ ރައްޔިތުން އެދެނީ އިންސާފު ގާއިމުކޮށްދިނުމަށް ކަމަށް

އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ރަނިންގމޭޓް ފައިސަލް ނަސީމް ކެމްޕެއިނުގައި ގިނަ ގެތަކަށް ބުރާސްފަތި ދުވަހު ވެސް ވަޑައިގެންފި އެވެ.  

އިބޫ ބުރާސްފަތި ދުވަހު ހެންވޭރުގެ ގެތަކަށް ވަޑައިގެންނެވިއިރު ފައިސަލް ވަޑައިގެންނެވީ ހުޅުމާލޭގެ ގެތަކަށެވެ. ހެނދުނާއި މެންދުުރު ފަހު ވެސް އެ ދެ ބޭފުޅުން އުޅުއްވީ ގެތަކަށް ވަޑައިގެންނެވުމުގަ އެވެ.

ފައިސަލް ނަސީމް މިއަދު ހުޅުމާލެއަށް ޒިޔާރަތްކުރުމުގެ ތެރެއިން:-ފޮޓޯ-ރާއްޖެއެމްވީ

މާލޭގެ ބައެއް ގެތަކަށް ވަޑައިގެންނެވުމަށްފަހު ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އިބޫ ވިދާޅުވީ ގެތަކަށް ޒިޔާރަތް ކުރައްވަނީ ރައްޔިތުންގެ އަޑުއަހާ ހިޔާލާއި މަޝްވަރާ ހޯދެއްވުމަށެވެ.  

"އަޅުގަނޑުމެނަށް ތާއިދުކުރިއަސް ނުކުރިއަސް، ރައްޔިތުންގެ އިހްސާސްތައް ދެނެގަންނަން ޖެހޭނެ. އެއީ އަޅުގަނޑުމެން މިކުރާ މަސައްކަތަކީ. ރައްޔިތުން ތިބި ގޮތް އަޅުގަނޑުމެނަށް އިނގޭ. އެހެން ނަމަވެސް ބައްދަލުކޮށް ވާހަކަ ދެއްކީމަ އޭގެ ތަފްސީލުތައް ލިބިގެން މިދަނީ،" އިބޫ ވިދާޅުވި އެވެ.

ހަމަ އެހެންމެ އިބޫ ވިދާޅުވީ އެމްޑީޕީން ކޯލިޝަނެއްގެ ތެރެއިން މަސައްކަތްކުރާއިރު އެހެން ޕާޓީތަކުގެ މެމްބަރުންނަށް އެނގެން ބޭނުންވާ ކަންކަން ތަފްސީލްކޮށްދިނުމަކީ ވެސް އެމަނިކުފާނު ގެތަކަށް ޒިޔާރަތްކުރައްވާ އެއް ބޭނުން ކަމަށެވެ.  އިބޫ ވިދާޅުވީ ތ. އަދި ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުން ވަރަށް ބޮޑު އުއްމީދެއް ލިބިގެން ހިނގައްޖެ ކަމަށެވެ. އެ އަތޮޅުގެ ރައްޔިތުންގެ ކިބައިން ވެސް ފެނިގެން ދިޔައީ އަނިޔާވެރިކަން ނިންމަން ބޭނުންވެފައިވާ މަންޒަރު ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.  

"ރަށްރަށުން އެންމެ ބޮޑަށް އެދެނީ އަދުލު އިންސާފު ގާއިމުކޮށްދިނުމަށް، އަނިޔާވެރިކަން ނައްތާލަދޭށޭ. އެއަށްފަހު ދެން މިއަންނަނީ ދެން ހުރި ކަންތައްތައް،" އިބޫ ވިދާޅުވި އެވެ.

އަދި ވިދާޅުވީ އަންނަ އާދިއްތަ ދުވަހު ހދ.އަތޮޅަށް ކެމްޕެއިން ދަތުރެއްގައި ވަޑައިގަންނަވާނެ ކަމަށެވެ. އެ ދަތުރުފުޅުގައި ހދ.ގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

"ހދ.ގެ ހުރިހާ ރަށަކަށް ގޮސް ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ އަޑުއަހައި، އެ އިހްސާސްތައް ދެނެގަނެ، އަޅުގަނޑުމެން ކުރަން ރާވާފައިވާ ކަންތައްތައް ހިއްސާކުރާނަން"އިބޫ ވިދާޅުވި އެވެ.  

އިބޫ ހދ.އަތޮޅަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު ހުކުރު ދުވަހު ޅ.އަތޮޅަށް ފައިސަލް ވަޑައިގަންނަވާނެ އެވެ. ފައިސަލް ވަނީ މާލޭގެ ގެތަކަށާއި ވިލިމާލެ ގެތަކަށް ވެސް މީގެ ކުރިން ވަޑައިގެންފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
9 އޯގަސްޓް 2018 | ބުރާސްފަތި 16:30
އަލީ ފައިސަލް
ސާބަހޭ