ކ. މާލެ
|
9 އޯގަސްޓް 2018 | ބުރާސްފަތި 02:20
ދުސްތޫރީ ފަސާނާ ޕެނަލްގައި ހުސްނުއްސުއޫދު ވާހަކަފުޅު ދައްކަވަނީ
ދުސްތޫރީ ފަސާނާ ޕެނަލްގައި ހުސްނުއްސުއޫދު ވާހަކަފުޅު ދައްކަވަނީ
ރާއްޖެއެމްވީ
ގާނޫނު އަސާސީއަށް 10 އަހަރު
ގާނޫނު އަސާސީއާ ކުޅުމުގެ އެއްވެސް ބާރެއް ސުޕްރިމް ކޯޓަށް ލިބިގެން ނުވޭ: ހުސްނުއްސުއޫދު
ގާނޫނު އަސާސީއާ ހިލާފުވާނަމަ ދައުލަތް ފުޑުފުޑު ވެގެންދާނެ
ގާނޫނު އަސާސީއާ ހިލާފުވުމުގެ ބާރު އެއްވެސް މީހަކަށް މުއައްސަސާއަކަށް ލިބިގެން ނުވޭ
ސުޕްރިމްކޯޓުން އަމަލުކުރަމުން ދަނީ ގާނޫނު އަސާސީގެ ބާރުކެނޑޭ ގޮތައް

ދިވެހިރާއްޖޭ ގާނޫނު އަސާސީއާ ކުޅުމުގެ އެއްވެސް ބާރެއް ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ގާނޫނީ ވަކީލުން ކުރިއަށް ގެންދިޔަ "ދުސްތޫރީ ފަސާނާ" ހުސްނުއްސުއޫދު ވިދާޅުވީ 2008 ވަނަ އަހަރު ތަންފީޒު ކުރި ފެހި ގާނޫނު އަސާސީއާ ހިލާފުވެ، ގާނޫނު އަސާސީ ބަދަލުކުރުމުގެ އިހްތިޔާރު އެއްވެސް ފަރާތަކަށް ލިބޭނަމަ ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އަސާސްތައް ފުނޑުފުނޑު ވެދާނެ ކަމަށާއި ދައުލަތް ރޫޅިގެންދާނެ ކަމަށެވެ.

ސުއޫދު ވިދާޅުވީ ގައުމު ހިންގާ، ދައުލަތް ހިންގުމުގެ ބާރު ސަރުކާރާއި ހަވާލުކޮށްފައިވަނީ ގާނޫނު އަސާސީއިން ކަމަށާއި، ގާނޫނު އަސާސީއާ ހިލާފުވުމުގެ ބާރު އެއްވެސް މީހަކަށް މުއައްސަސާއަކަށް ލިބިގެން ނުވާ ކަމަށެވެ. ގާނޫނު އަސާސީގެ ބެލެނިވެރި ފަރާތްކަމަށް ދައުވާކުރާ ސުޕްރިމްކޯޓަށް ވެސް ގާނޫނު އަސާސީއާ ކުޅުމުގެ ބާރު ލިބިގެން ނުވާކަން ފާހަގަކުރައްވައި ސުއޫދު ވިދާޅުވީ ސުޕްރިމް ކޯޓު އުފެއްދީ ގާނޫނު އަސާސީން ކަމަށާއި، ސުޕްރިމް ކޯޓަށް އެބާރު ދިނީ ވެސް ގާނޫނު އަސާސީން ކަމަށެވެ. އެހެންކަމުން ސުޕްރިމް ކޯޓަކަށް ގާނޫނު އަސާސީއާ ހިލާފަށް އެއްވެސް ކަމެއް ކުރުމުގެ ބާރު ލިބިގެން ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މިފާއިތުވެގެންދިޔަ ދެތިން އަހަރުގެ ތެރޭގައި ސުޕްރީމް ކޯޓުން އަމަލުކުރަމުން ދިޔައީ ގާނޫނު އަސާސީގެ ބާރުކެނޑޭ ގޮތަށް ކަމަށް ސުއޫދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ވަކިކަމެއް ވަކިގޮތަކަށް ކުރުމަށް ގާނޫނު އަސާސީގައި ކަނޑައަޅާފައި ވާއިރު އެ ގާނޫނަށް ބެލުމެއް ނެތި ސުޕްރިމް ކޯޓުން އަމަލު ކޮށްފައިވާ ކަމަށެވެ.

"މިދިޔަ އަހަރު ޖުލައި މަހުގެ 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރެއްވި ހުކުމް އެއީ އަޅުގަނޑު ދެކޭ ގޮތަށް މިހާތަނަށް ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމަށް ސުޕްރިމް ކޯޓުން ނިންމާފައިވާ ނިންމެވުމެއް. އެނިންމެވުމުގައި ބަޔާންކޮށްފައިވަނީ ގާނޫނު އަސާސީގައި ބަޔާންކޮށްފައި އެބައޮވޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވަކި ވާނެ ގޮތް. އެހެން ނަމަވެސް ސުޕްރިމްކޯޓުން އަނެއްކާ ވެސް އިތުރު ޝަރުތެއް ކަނޑައަޅުއްވަނީ. ހުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެއްޔާ ނުވަތަ ޕާޓީއަކުން ކެޑިއްޖެކަމަށްވަންޏާ ރައްޔިތުން މަޖުލީހުގެ މެންބަރުކަމުގެ ގޮޑި ގެއްލޭނޭ. އަދި އެއީ ގާނޫނު އަސާސީއާ ކަނޑައެޅިގެން ހިލާފަށް ނިންމާފައި އޮތް ނިންމެވުމެއް. ގާނޫނު އަސާސީގައި އެބައޮވޭ ވަކި އުސޫލަކުންނޭ ރައްޔިތުން އިންތިޚާބު ކުރާ ރައްޔިތުންގެ މަންދޫބުން ވަކި ވާނީ. ސްޕްރިމްކޯޓަށް އެބާރެއް ދީފައެއް ނެތް." ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީއަކީ ވަރަށް ފުރިހަމަ ގާނޫނެއް ކަމަށާއި، އެ ގާނޫނުގެ ކުރިމަތީގައި އެއްވެސް ރައްޔިތަކު ބިކަ ނުވާނެ ކަމަށެވެ. އަދި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ކަނޑައަޅާފައި ވަނީ ގާނޫނު އަސާސީން ކަމަށާއި، އެގޮތަށް ކަނޑަނާޅާ ނަމަ ދީން ބަދަލުވާނެ ކަމަށް ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ މުޅި ދައުލަތް ބިނާވެގެންވާ އެންމެ ވަރުގަދަ އަސާސްއަކީ ގާނޫނު އަސާސީކަމަށް ވާއިރު ދިވެހިރައްޔިތުންގެ ތެރެއިން ކޮންމެ މީހަކު ވެސް މުސްލިމަކަށްވާންޖެހޭ ކަމަށް އަމުރު ކޮށްފައިވަނީ ގާނޫނު އަސާސީން ކަމަށެވެ. އެއީ ވަކި މީހަކު ވެރިކަމުގައި ހުރެގެންވާ ކަމެއް ނޫން ކަމާށާއި، ދީނަށް އެންމެ ފުރަތަމަ ހިމާޔަތް ދީފައިވަނީ ގާނޫނު އަސާސީން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް