ކ. މާލެ
|
8 އޯގަސްޓް 2018 | ބުދަ 19:28
އިބްތިހާލުގެ މަންމަ، އަދި އޭނާގެ ގާތިލު އާފިޔާ މުހައްމަދު: އިއުތިރާފު ވަނީ އަނބުރާ ގެންގޮސްފައި
އިބްތިހާލުގެ މަންމަ، އަދި އޭނާގެ ގާތިލު އާފިޔާ މުހައްމަދު: އިއުތިރާފު ވަނީ އަނބުރާ ގެންގޮސްފައި
މުހައްމަދު ޝަރުހާން
އިބްތިހާލުގެ މަރު
އިބްތިހާލު މަރައެއް ނުލަން، އެއީ ދޮންބައްޕަގެ ދަރިއެއް: އާފިޔާ
މަރުވި ދުވަހު ގޭ ތެރޭގައި ބޮޑެތި ފިޔަވަޅު ހުރި: އާފިޔާ
ދޮން ބައްޕަގެ ދަރިއަކަށްވުމުން ރަކީދޫ މީހުން ރުޅި އަންނަ ކަމަށް ބުނި
ދެކޮޅަށް 19 ހެއްކެއް ހުށަހަޅަން ވަނީ ނިންމާފައި

އަނިޔާވެރި ގޮތަކަށް ވ. ރަކީދޫގައި މަރާލި ތިން އަހަރުގެ މުހައްމަދު އިބްތިހާލު މަރާލި ކަމަށް އިއުތިރާފުވި އޭނާގެ މަންމަ، އާފިޔާ މުހައްމަދުގެ ވާހަކަ ބަދަލުވެ، އިބްތިހާލު މަރާލާފައި ނުވާނެ ކަމަށް ބުނެފިއެވެ.

އާފިޔާގެ ވާހަކަ ބަދަލުވެ، އިބްތިހާލު މަރާލި ކަމަށް ބުނެ ކުރިން ވެފައިވާ އިއުތިރާފު ދޮގުކޮށް، ވާހަކަ ދެއްކީ އޭނާގެ މައްޗަށް އުފުލާފައިވާ ގަސްތުގައި ކުއްޖަކު މަރާލި ކަމުގެ ދައުވާ ގުޅިގެން ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައެވެ.

އާފިޔާ ބުނެފައި ވަނީ ދަރިފުޅު މަރާލި ކަމަށް އެއްބަސްވެ ތަހުގީގާއި ޝަރީއަތުގައި ވާހަކަ ދެއްކީ ބަޔަކު ބިރު ދައްކައިގެން ކަމަށެވެ. އާފިޔާ ބުނީ އިބްތިހާލު މަރުވި ދުވަހު އޭނާ ގެއިން ނުކުމެގެން ދިޔައީ ގޭތެރެ ކުނި ކަހާފައި ކަމަށާއި ނަމަވެސް އެނބުރި ގެއަށް އައިއިރު ގޭ ތެރޭގައި ބޮޑެތި ފިޔަވަޅުތައް ހުރި ކަމަށެވެ. އަދި އިބްތިހާލު ވެސް ގޭތެރޭގައި މަރުވެފައިވާ ކަމަށް އާފިޔާ ބުންޏެވެ.

އިބްތިހާލު މަރާލި ކަމަށް އެއްބަސްވާން ޖެހޭނެ ކަމަށް އެތައް ބަޔަކު އޭނާއަށް ބިރު ދައްކާ ކަމަށް އާފިޔާ ބުނުމުން ބުދަ ދުވަހުގެ ޝަރީއަތުގައި މައްސަލަ ބައްލަވާ ގާޒީ މުހުތާޒު ފަހުމީ ވަނީ އާފިޔާއާ ސުވާލުތަކެއް ކުރިމަތި ކުރައްވާފައެވެ.

ބިރު ދައްކަނީ ކޮން ބައެއްތޯ ގާޒީ މުހުތާޒު ފަހުމީ ސުވާލު ކުރެއްވުމުން އާފިޔާ ވަނީ އަންހެނަކާއި ފިރިހެނެއްގެ ނަން ޝަރީއަތުގައި ބުނެފައެވެ. ދަރިފުޅު މަރާލި މައްސަލާގައި އާފިޔާއަށް މަރުގެ ހުކުމް އަންނާނެ ކަމަށް އެ މީހުން ވިސްނައިދިން ކަމަށް އާފިޔާ ޝަރީއަތުގައި ބުންޏެވެ.

ބިރު ދެއްކި ވާހަކަ ޝަރީއަތުގައި ކުރިން ނުބުނީ ކީއްވެގެންތޯ ގާޒީ ސުވާލު ކުރުމުން، އާފިޔާ ބުނީ ބިރު ދެއްކި މީހުން އެކަން ކުރީ މަޖަލަކަށް ކަމަށް ހީކޮށްގެން އެ ވާހަކަ ކޯޓުގައި ނުދެއްކީ ކަމަށެވެ.

އާފިޔާ ކުށަށް އެއްބަސް، އިއުތިރާފުވީ މަޖަލަކަށް ބަޔަކު ދެއްކި ވާހަކައަކަށް ބަލައިގެންތޯ ގާޒީ ސުވާލު ކުރެއްވުމުން އާފިޔާ ބުނީ އާއެކެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ތިން ދަރިންގެ މަންމަ، އާފިޔާ ޝަރީއަތުގައި ބުނީ އޭނާގެ ދޮށީ ދަރިފުޅު، އިބްތިހާލަކީ ދޮން ބައްޕައަށް ލިބިފައިވާ ދަރިއަކަށް ވާތީ ދަރިފުޅާމެދު ރަކީދޫ މީހުންގެ މެދުގައި ރުޅިވެރިކަން އޮންނަ ކަމަށެވެ.

އިބްތިހާލަކީ އާފިޔާގެ ދޮންބައްޕައަށް ލިބުނު ދަރިއެއް ކަމަށް ބުދަ ދުވަހުގެ ޝަރީއަތުގައި އާފިޔާ ބުނިއިރު، މިއީ ޝަރީއަތުގައި އެ ވާހަކަ އާފިޔާ ދެއްކި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ފުލުހުން ބުނެފައި ވަނީ އާފިޔާއަކީ ކުޑައިރުން ފެށިގެން ޖިންސީ އަނިޔާ ލިބެމުން ދިޔަ އަންހެނެއް ކަމަށެވެ. އަދި ދޮންބައްޕަ ވެސް އޭނާއާ ބެހުނު ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

އާފިޔާއަށް، އޭނާގެ ދޮންބައްޕަގެ ފަރާތުން ޖިންސީ އަނިޔާ ލިބެމުންދިޔަ ދުވަސްވަރު އެކަމާ އޭނާގެ މަންމަ އަޅާނުލާތީ، ނަފްސާނީ މައްސަލަތަކެއް އާފިޔާ ތަހަންމަލް ކުރި ކަމަށް ރަކީދޫ މީހުން ބުނެ އުޅެއެވެ. އެ އަނިޔާތައް ލިބެމުންދަނިކޮށް އާފިޔާ ނަހަލާލަށް ބަލިވެ، އިނދެ އިބްތިހާލު ވަނީ ލިބިފައެވެ.

އެކަމާ ގުޅިގެން އާފިޔާ ބުނީ އިބްތިހާލަކީ ދޮންބަޕައަށް ލިބުނު ދަރިއަކަށްވުމުން، އިބްތިހާލު ބޮޑުވުމުން އަންހެން ކުދިންގެ ފަހަތުން އޭނާ ވެސް ދުވާނެ ކަމަށް ބުނެ، ރަކީދޫ މީހުން ދިމާކޮށް އުޅޭ ކަމަށެވެ.

ބުދަ ދުވަހުގެ ޝަރީއަތުގައި އާފިޔާއާ ދެކޮޅަށް މީހަކު ވަނީ ހެކިބަސް ދީފައެވެ. ހެކިބަސް ދިނީ ރަކީދޫ، ޝާމިލާ މުހައްމަދެވެ. އިބްތިހާލު މަރުވުމުގެ ދުވަސްތަކެއް ކުރިން، އެއް ދުވަހަކު އިބްތިހާލު އަތުގައި ހިފައިގެން ދަމަމުން "ތެޅި ތެޅީނުން މަރާލާނެ" ކަމަށް އާފިޔާ ބުނި ކަމަށެވެ.

އާފިޔާއާ ދެކޮޅަށް މީގެ ކުރިން ދައުލަތުން ވަނީ 19 ހެއްކެއް ހުށަހަޅާފައެވެ. ނަމަވެސް އާފިޔާ ކުށަށް އިއުތިރާފުވެފައިވުމުން ދައުލަތުން ނިންމާފައި ވަނީ އޭގެ ތެރެއިން ތިން މީހެއްގެ ހެކިބަސް ނެގުމަށެވެ.

އިބްތިހާލު މަރުވި ކަމަށް ބުނެ، ކުރިންވެފައިވާ އިއުތިރާފު އާފިޔާ އަބުރާ ގެންދިއުމުން، ދައުލަތުން ކޯޓުގައި ބުނީ ހުރިހާ ހެކިވެރިންގެ ހެކިބަސް ނަގަން ބޭނުންވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް