ކ. މާލެ
|
8 އޯގަސްޓް 2018 | ބުދަ 16:39
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ސަރުކާރު ހިންގާ ޕީޕީއެމުން ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާތީ ހުއްޓުވުމަށް އޭސީސީގައި އެދިއްޖެ
މުލީއާގޭގައި ޕީޕީއެމްގެ ސިޔާސީ ހަރަކާތް ހިންގުން ހުއްޓާލުމަށް އޭސީސީން އަންގާފައިވާ ކަމަށްވޭ

ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމުން ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ދައުލަތުގެ އެކި މުއައްސަސާތަކުގެ މުވައްޒަފުންނާއި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާތީ އެކަން ހުއްޓުވައި ދެއްވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފި އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އޭސީސީގެ މެމްބަރުންނާ ބައްދަލުކުރެއްވުމަށްފަހު ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުންނާ ބުދަ ދުވަހު ބައްދަލު ކުރެއްވީ ރިޔާސީ އިންތީޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެއްދެވުމަށާއި ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ހޯދުމަށް ބާރު އެޅުއްވުމުގެ ގޮތުން ކަމަށެވެ.

އަނަސް ވިދާޅުވީ ސަރުކާރު ހިންގާ ޕީޕީއެމުން ދައުލަތުގެ މުދަލާއި ވަސީލަތްތަކާއި ދައުލަތުގެ މުވައްޒަފުން ކެމްޕެއިން ހަރަކާތްތަކުގައި ބޭނުން ކުރަމުންދާތީ އެކަން އެކޮމިޝަނަށް ހުށަހައި އެކަން ހުއްޓުވައި ދެއްވައި ފިޔަވަޅު އަޅުއްވާ ދެއްވުމަށް އެދިވަޑައިގަންނަވާފައިވާނެ ކަމަށެވެ

މީގެއިތުރުން، ރީ ރެޖިސްޓްރީ ކުރުމުގައި ދައުލަތުގެ އެކިއެކި އިދާރާތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ނުފޫޒު ފޯރުވައިގެން ޕީޕީއެމުން މަސައްކަތްތަކެއް ކުރުވަމުން ގެންދަވާ ކަމަށާއި ދައުލަތުގެ މީޑިއާ އިން ހަމަހަމަ ފުރުސަތުތައް ނުދޭކަންވެސް ފާހަގަކުރައްވާފައި ވާނެ ކަމަށް އަނަސް ވިދާޅުވި އެވެ.

އަނަސް ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނާއި ވަސީލަތްތައްވެސް ނަހަމަ ގޮތުގައި ބޭނުންކޮށް ޕީޕީއެމުން ކެމްޕެއިން ކުރަމުން ދާއިރާއިރު، ސަރުކާރު ކުންފުނިތައް ބޭނުންކޮށްގެން އިދިކޮޅު ޕާޓީތަކުގެ ކެމްޕޭނަަށް ހުރަސް އަޅަމުންދާތީ އެކަންވެސް އޭސީސީގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ. 

ގުޅިފައިވާ ޕާޓީތަކާއެކު މަސައްކަތް ކުރަމުންދާ ރައީސް މައުމޫން ރިފޯމް މޫވްމެންޓްގައި ހިމެނިވަޑައިގަންނަވާ އައިމިނަތު ނާދިރާ ވިދާޅުވީ، ސަރުކާރު ހިންގާ ޕީޕީއެމުން ދައުލަތުގެ ވަސީލަތްތައް ބޭނުންކުރަމުންދާތީ އޭސީސީން ވެސް އެކަންކަން ހުއްޓުވުމަށް މަސައްކަތްތަކެއް ކޮށްފައިވާކަން ހާމަވެފައިވާ ކަމަށެވެ. އެގޮތުން، ޕީޕީއެމުން ސިޔާސީ ކަންކަމުގައި މުލިއާގެ ބޭނުން ކުރަމުންދާތީ އެކަން ހުއްޓާލުމަށް އޭސީސީން އަންގާފައިވާ ކަމަށް އެކޮމިޝަނުން ބުނެފައިވާ ކަމަށް ނާދިރާ ވިދާޅުވި އެވެ. 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ދަނީ ރިޔާސީ އިންތިހާބުގެ ކަންކަމާއި ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ހުރިހާ ފަރާތްތަކަށް ވެސް ލިބިދޭގޮތަށް ދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކުން އެއްބާރުލުން ދިނުމަށް ގޮވާލަމުންނެވެ. އަދި ކަމާބެހޭ މުއައްސަސާތަކާއެކު ބައްދަލުވުންތައް ވެސް ދަނީ ބާއްވަމުން ނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް