ކ. މާލެ
|
8 އޯގަސްޓް 2018 | ބުދަ 13:47
ފައްޔާޒް އިސްމާއީލް: އިންސާފްގެ ވާހަކަ ވަރަށް ބޮދަށް ދައްކަވާ
ފައްޔާޒް އިސްމާއީލް: އިންސާފްގެ ވާހަކަ ވަރަށް ބޮދަށް ދައްކަވާ
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު 2018
ޔާމީނަށް އިތުރު ދައުރެއް ދީފިނަމަ އެއްވެސް ޙައްޤެއް ރައްޔިތަކަށް ނުލިބޭނެ:ފައްޔާޒް
ގުޅިފައިވާ ޕާޓީތަކުން ނިކުތީ އިންސާފް ގެއްލުނީމާ
ކުދި އަދި މެދުފަންތީގެ ވިޔަފާރި މިއަދު މިޤައުމުގައި ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ
ބިން އޮތް ރަށްރަށް އޮއްވައި މީހުން ހުޅުމާލެއަށް ނުވަތަ ވިލިމާލެއަށް ގެންދިއުމުގެ ބޭނުމަކީ އަޅުވެތިކުރުން

ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުރުމަށް ރައީސް ޔާމީނަށް ފުރުސަތު ދީފިނަމަ އެއްވެސް ޙައްޤެއް ރައްޔިތަކަށް ނުލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާސް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން އަންގާރަ ދުވަހުގެ ރޭ ލ. ގަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ފައްޔާޒް ވިދާޅުވީ ޤައުމެއްގައި އިންސާފާއި ހަމަހަމަކަން ނެތް ނަމަ އަޅުގަނޑުމެން ބޭނުންވާ އެއްވެސް ކަމެއް ހާސިލެއް ނުވާނެ ކަމަށާއި ގުޅިފައިވާ ޕާޓީތަކުން އެކަމުގައި ނިކުތީ އެހެން ވެގެން ކަމަށެވެ.

ޤާނޫނީ ވަކީލު ފައްޔާޒް ވިދާޅުވީ އެތައް އަނިޔާއެއް ތަހައްމަލް ކުރަމުން ރައްޔިތުން އެދަނީ އެ އިންސާފް މި ޤައުމުގައި ނެތުމުން ކަމަށާއި އިންސާފް ނެތިއްޔާ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ އަމިއްލަ ކަންކަންވެސް ނުކުރެވޭނެ ކަމަށެވެ.

" މި ފަސް އަހަރު ތެރޭގައި މި ޤައުމުން އިންސާފު ގެއްލިގެން ގޮސް އަޅުގަނޑުމެންގެ އިޤްތިސޯދު މިވަނީ ފުނޑުފުނޑުވެފައި. ކުދި އަދި މެދުފަންތީގެ ވިޔަފާރި މިއަދު މިޤައުމުގައި ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ" ފައްޔާޒް ވިދާޅުވިއެވެ.

މިދިޔަ ފަސް އަހަރު ތެރޭ ރައީސް ޔާމީންގެ ސަރުކާރުން އެއްވެސް މީހަކަށް އެއްވެސްތާކުން ގޯއްޗެއް ދީފައި ނުވާކަން ފާހަގަ ކުރައްވަމުން ފައްޔާޒް ވިދާޅުވީ ގަން ފަދަ ބޮޑެތި ބިން އޮތް ރަށްރަށް އޮއްވައި މީހުން ހުޅުމާލެއަށް ނުވަތަ ވިލިމާލެއަށް ގެންދިއުމުގެ ބޭނުމަކީ އަޅުވެތިކުރުން ކަމަށެވެ. ވަޒީފާތަކުގައި ތިބޭ މީހުން މިހާރު އަޅުވެތިކޮށްގެން ގެންގުޅޭ ގޮތަށް އަމިއްލަ މީހުންގެ މަސައްކަތްތައް ހުއްޓުވާ ފްލެޓްތަކުގައި ބައިތިއްބައިގެން އެ މީހުންނަށް ބަރޯސާ ކުރުވައިގެން ބޭތިއްބުންކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ޖަޒީރާ ރާއްޖޭގެ ދަށުން އެމީހެއްގެ އަތޮޅުގައި އެމީހެއްގެ ރަށުގައި ތިބެގެން ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ކުރިއަރާނޭ ޖާގައާއި ވިޔަފާރި ކުރެވޭނޭ ޖާގަ އަދި މުއްސަނދިކަން އިތުރު ކުރެވޭނެ ޖާގަ ލިބިގެންދާނެ ކަމަށެވެ.

ފައްޔާޒް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯތަކުގައިވާ ވައުދުތަކުގެ ތެރެއިން ފުރަތަމަ ކަމަކީ ގުޅިފައިވާ ޕާޓީތަކުގެ ޝިއާރު ކަމުގައިވާ އިންސާފުގެ މަގަށް ރާއްޖެ ގެންދިއުން ކަމަށާއި އެކަން ކުރުމަށް ލިބޭ އެންމެ މުހިއްމު ދުވަހަކީ 23 ސެޕްޓެމްބަރު ކަމަށެވެ.  

ފައްޔާޒު ވިދާޅުވީ އެ ދުވަހު ނުކުމެ ބިރެއް ނެތި ބޭނުންވާ ގޮތަށް ވޯޓުލައިގެން މިއަނިޔާވެރި ރައީސް ޔާމީންގެ ވެރިކަން ނިންމަންޖެހޭ ކަމަށެވެ.

"އެނޫނިއްޔާ އަޅުގަނޑުމެންނަށް ނޭވާލައިގެން ކުރިއަށް އޮތް 5 އަހަރު އުޅެވޭނެ ޖާގައެއް ނެތް.ކުރިއަށް އޮތް 5 އަހަރު މިޤައުމުގައި އޭނާ (ރައީސް ޔާމިން) ހުރެއްޖިއްޔާ އަޅުގަނޑުމެންގެ އެއްވެސް ރައްޔިތެއްގެ އެއްވެސް ޙައްގެއް، އެއްވެސް މުދަލެއް އޮންނާނެ ކަމާ ދޭތެރެ ޝައްކެއް ނުކުރަން." ފައްޔާޒް ވިދާޅުވިއެވެ.   

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް