ކ. މާލެ
|
8 އޯގަސްޓް 2018 | ބުދަ 17:36
ކްރިމިނަލް ކޯޓު: ޖިނާއީ މައްސަލަތައް ބަލާ ފުރަތަމަ މަރުހަލާގެ ކޯޓު
ކްރިމިނަލް ކޯޓު: ޖިނާއީ މައްސަލަތައް ބަލާ ފުރަތަމަ މަރުހަލާގެ ކޯޓު
މުހައްމަދު ޝަރުހާން
ޝަރީއަތްކުރުމާބެހޭ ގަވާއިދު
ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދަށް އަމަލު ކުރަން ފަށައިފި
މި ގަވާއިދަށް މިއަދުން ފެށިގެން އަމަލު ކުރަން މިވަނީ ފެށިފައި
މި ގަވާއިދަށް އަމަލު ކުރަން ފެށުމާއެކު މިހާތަން އަމަލު ކުރަމުންއައި 6 އުސޫލެއް އުވިގެންދާނެ

ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 211 ވަނަ މާއްދާގެ (ހ)ގެ (3) ވަނަ ނަންބަރުގެ ދަށުން، ޝަރީޢަތްކުރުމާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދު އަންގާރަ ދުވަހު ޝާއިޢުކޮށް، އަމަލު ކުރަން ފަށައިފި އެވެ.

ޖުމްލަ 17 ބާބެއްގެ މައްޗަށް އެކުލެވިގެންވާ މި ގަވާއިދުގައި، ޖިނާއީ މައްސަލަތައް ކޯޓުތަކަށް ހުށަހެޅުމާއި، ހުށަހަޅާ މައްސަލަތައް ކޯޓުތަކުން ބަލައިގަތުމާއި، ޝަރީޢަތް ހިންގުމުގައި ކޯޓުތަކުން ޢަމަލުކުރަންޖެހޭ އެއްގޮތް އުސޫލުތައް ހިމެނެއެވެ. އަދި ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމުގައްޔާއި، ކަފާލާތުގެ ދަށުން ދޫކުރުމާއި، ކޯޓު އަމުރު ނެރުމުގައި ކޯޓުތަކުން ޢަމަލުކުރާނެ އެއްގޮތް އުޞޫލުތަކާއި، ހެބިއަސް ކޯޕަސް އަމުރު ނެރެމާގުޅޭ އުޞޫލުތައް ހިމެނެއެވެ.

އޭގެ އިތުރުން، ޖިނާއީ މައްސަލަތަކުގެ ޝަރީޢަތްތަކާ ގުޅިގެން ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ފަދަ އުސޫލުތައް ވެސް މި ގަވާއިދުގައި ހިމެނެއެވެ.

ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދަށް ޢަމަލުކުރަން ފެށިނަމަވެސް، ޖުވެނައިލް ކޯޓަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު ހަތަރެއްގައި ބަޔާންކޮށްފައިވާ، ޤާނޫނުގައި ކުޑަކުދިންކަމުގައި ބުނާ ކުދިން ކުރާ ކުށްކުށުގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓުކަމުގައިވާތީ، ޤާނޫނުން، އެ ކޯޓުގެ ޠަބީޢަތުން އެ ކޯޓަށް ޚާއްޞަ ކުރެވިފައިވާ، ޝަރީޢަތްކުރުމާ ގުޅޭ އެންމެހައި އިޖުރާއަތުތައް އެ ޤާނޫނުގައިވާ ނިސްބަތަށް ހިންގުމަށް މި ގަވާއިދުން އެ ކޯޓަށް ވަނީ އިސްތިސްނާ ލިބިދީފައެވެ. އަދި ހަމައެހެންމެ، ޑްރަގް ކޯޓަކީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 30 ވަނަ މާއްދާގެ (ށ) ގެ ދަށުން ވަކި ޚާއްޞަ އިޖުރާއަތުތަކެއް ޚާއްޞަވެގެންވާ ކޯޓެއްކަމުގައިވާތީ، ޤާނޫނުން، އެ ކޯޓުގެ ޠަބީޢަތުން އެކޯޓަށް ޚާއްޞަކުރެވިފައިވާ، ޝަރީޢަތްކުރުމާ ގުޅޭ އެންމެހައި އިޖުރާއަތުތައް އެ ޤާނޫނުގައިވާ ނިސްބަތަށް ހިންގުމަށް މި ގަވާއިދުން އެ ކޯޓަށް ވެސް ވަނީ އިސްތިސްނާ ލިބިދީފައެވެ.

ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 212 ވަނަ މާއްދާގެ (ށ) ގައި، އެ ޤާނޫނަށް ޢަމަލުކުރަންފެށުމާއެކު، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ޢަމަލުކުރަމުންދިޔަ ޖިނާއީ އިޖުރާއާތުގެ ޢާންމު އުސޫލުތައް އުވޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

އެގޮތުން އުވިގެންދާ އުސޫލުތަކުގެ ތެރޭގައި ތިރީގައިވާ އުސޫލުތައް ހިމެނޭނެކަމަށް ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

1. ޝަރީޢަތްކުރުމާބެހޭ ގަވާއިދު 6.0 އާއި 6.1 ގައި ހިމެނޭ ޖިނާއީ އިޖުރާއާތުގެ ޢާންމު އުސޫލުތައް

2. މީހުން ދިރިއުޅޭ ތަންތަން ބަލާފާސްކުރުމަށް ތަޙްޤީޤުކުރާ ފަރާތުން ވަނުމުގެ ހުއްދަ ދިނުމުގައި ކޯޓުން ޢަމަލުކުރާނެގޮތުގެ ގަވާއިދު

3. ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ގަވާއިދު

4. ޖިނާއީ މައްސަލަތަކުގައި ޝަރީޢަތް ހިންގުމާބެހޭ ގަވާއިދު

5. ޖިނާއީ ކުށުގެ މައްސަލަތައް އަވަސްނިޔާއިން ނިންމުމާބެހޭ ގަވާއިދު

6. ކަފާލާތުގައި ދޫކުރުމުގެ ގަވާއިދު

ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 211 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ ދަށުން ޝަރީޢަތްކުރުމާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންނެވެ.

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ 2018 އޮގަސްޓް 08 ވާ ބުދަ ދުވަހުން (މިއަދުން) ގެންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް