ކ. މާލެ
|
8 އޯގަސްޓް 2018 | ބުދަ 08:48
ގަމުގައި ބޭއްވި ޖަލްސާގައި އިންތި ވާހަކަ ދައްކަވަނީ
ގަމުގައި ބޭއްވި ޖަލްސާގައި އިންތި ވާހަކަ ދައްކަވަނީ
އެމްޑީޕީ
ރިޔާސީ އިންތިޚާބު 2018
ރިލުވާނުގެ މައްސަލައިގައި އެކަނިވެސް މިވެރިކަން ބަދަލުކުރަން ޖެހޭ: އިންތި
ރިލްވާނުގެ މައްސަލަ މަޖިލީހުގެ 3 ކޮމިޓީއަކަށް ހުށަހެޅުމުންވެސް ޕީޕީއެމްއިން ބޭރުކޮށްލި

ނޫސްވެރިޔާ މުހައްމަދު ރިލުވާން އަބްދުﷲ ގެއްލުވާލި މައްސަލަ ތަހުޤީޤުކުރުމަށް ސަރުކާރުން އިހުމާލުވެފައިވާތީވެސް މި ސަރުކާރު ބަދަލުކުރަން ޖެހޭކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ލ. ގަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އަންގާރަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ރިލުވާނު ގެއްލުވާލި މައްސަލައިގައި މިސަރުކާރު ވަރަށް ބޮޑަށް އިހުމާލުވެފައިވާކަމަށެވެ. އަދި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) ގެ ވެރިކަމެއްގައި މިނިވަން ތަހުޤީޤެއް ހިންގައި، ރިލްވާނަށް ވީ ގޮތެއް ހޯދާނެކަމަށް އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ ރިލުވާނު ގެއްލުމާއި ގުޅިގެން އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ 3 ކޮމިޓީއަކަށް ހުށަހެޅުއްވިކަމަށާއި، އެހެންނަމަވެސް ޕީޕީއެމްގެ މެޖޯރިޓީ އޮތް އެ 3 ކޮމިޓީއިންވެސް އެމައްސަލަ ބޭރުކޮށްލީކަމަށެވެ.

ރިލުވާނު ގެއްލުނުތާ 4 އަހަރު ފުރުމާއި ދިމާކޮށް، އެމައްސަލަ ކެބިނެޓް ލެވެލްގައި ބަލަން އުޅުނުކަމަށާއި، އެމައްސަލަ ރައީސް ޔާމީން ހުއްޓުވީކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވުމާއި ގުޅިގެން ރައީސް ޔާމީން ވަނީ އަންގާރަ ދުވަހު އެމަނިކުފާނަށް ރައްދު ދެއްވާފައެވެ. އެގޮތުން ގދ. މަޑަވެލީގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން އެންމެ ފުރަތަމަ ވިދާޅުވީ ރިލުވާން މަރުވެފައިވާކަމަށާއި، އެކަމަށް ޝައްކެއް ނެތްކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނުގެ އޭގެ ގަޑިއިރުތަކެއް ފަހުން ގދ. ފަރެސްމާތޮޑާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިރާދަކުރެއްވިއްޔާ މަރުނުވާނެކަމަށެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅު މީޑިއާއިން އޮޅުވާލީކަމަށް ތުހުމަތުކުރެއްވިއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުތަކަށް އިޝާރާތްކުރައްވައި އިންތި ވިދާޅުވީ ރައީސް ޔާމީން ގިނަގިނައިން ޕޯޑިއަމަށް އަރުވަންވީކަމަށެވެ. އަދި އެމަނިކުފާނު ޕޯޑިއަމްއަށް ގިނައިން އެރުވި ވަރަކަށް ގޯސް ހައްދަވާނެކަމަށް އިންތި ވިދާޅުވިއެވެ. އިންތިގެ ވާހަކަފުޅުގައި ރައީސް ޔާމީންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެމަނިކުފާނުގެ ސިކުނޑިފުޅު ހަމަޖެހޭތޯ ސުވާލު އުފެއްދެވިއެވެ. މީގެ އިތުރުން ރައީސް ޔާމީނަށް އެމަނިކުފާނުގެ އަމިއްލަފުޅު ނަފްސު އޮޅިވަޑައިގެންފައިވާކަމަށް އޭނާ ސިފަކުރެއްވިއެވެ. އަދި ވަކިވަރަކަށް ސިކުނޑި ހަމަނުޖެހުމަކީ ވެރިކަމުގެ ޝަރުތު ގެއްލޭ ސަބަބެއްކަމަށް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
8 އޯގަސްޓް 2018 | ބުދަ 07:33
ހ މ ޒ
އިތުރު ދައުރެއް ރައީސް އަށް ދީގެން ނޫނީ ގައުމު ސަލާމަތް ނުކުރެވޭނެ!