ކ. މާލެ
|
7 އޯގަސްޓް 2018 | އަންގާރަ 23:18
އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހަައްމަދު ސޯލިހް
އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހަައްމަދު ސޯލިހް
ރާއްޖެ އެމްވީ
އިބޫ ސޯލިހް
ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް ސަލާންޖެހުން ހުއްޓުވާނަން: އިބޫ
އިންފްލޭޝަނާ އެކު ދުވަސްވީ މީހުންނަށް ދޭ އިނާޔަތަށް ވެސް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކުރާ ކަމަށް ވިދާޅުވި

 ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް ސަލާންޖެހުން ހުއްޓުވާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހަައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ލ. ގަމުގައި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ކެމްޕެއިންގެ ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އެ ބޭފުޅުންގެ ވެރިކަމެއްގައި ތަކެތީގެ އަގުތަކަށް ނުވަތަ އިންފްލޭޝަނަށް އަންނަ ބަދަލާ އެކު ދުވަސްވީ މީހުންނަށާއި އަދި ދައުލަތުންދޭ އެހެނިހެން އިނާޔަތްތަކަށް ވެސް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް މިހާރު ވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އިބޫ ވިދާޅުވީ، މިހާރު ވެސް ދުވަސްވީ މީހުންނަށް ދެމުންގެންދާ 5،000ރ. ގެ އިނާޔަަތަށް އުނިކަމެއް ނުގެންނާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި މިހާރަށް ވުރެ ހެޔޮ ބަދަލެއް ގެނެވޭތޯ އެބޭފުޅުންގެ ސިޔާސަތުތައް އެކުލަވާލާ ކޮމިޓީން މަަަސައްކަތް ކުރަމުންދާ ކަމަށެވެ.

މިހާރު ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް ރައްޔިތުން ސަލާން ޖަހާ ޖެހުން ހުއްޓުވާނެ ކަމަށް އިބޫ ވައުދުވެވަޑައިގެންނެވިއެވެ. އަދި އެމީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

"ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް ފަންޑުފޮށި ބަަހައްޓައިގެން ސަލާންޖެހައިގެން ފައިސާ ހޯދުމުގެ ސަގާފަތް އަޅުގަނޑުމެން ނައްތާލާނަން،" އިބޫ ވިދާޅުވިއެެވެ.

ކެމްޕެއިންގެ މި ދަތުރުފުޅުގައި ބައެއް ރަށްތަކަށް ވަޑައިގެން ރާއްޖޭގައި މިހާރު އޮތް ސިއްހީ ނިޒާމަށް މިހާރަށް ވުރެ ހެޔޮ ބަދަލެެއް ގެެންނަވާނެ ކަމަށް އިބޫ ވަނީ ވިދާޅުވެފައެވެ.

އިބޫ މިހެން ވިދާޅުވެފައިވާ އިރު، ރާއްޖެއިން ފަރުވާކުރެވެން ނެތް ބޮޑެތި އެތަށް ބަލިތަކަށް ފަރުވާ ހޯދުމަށް ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން އެތައް ދިވެހިންނެއް ދަނީ އަދޭސްކުރަމުންނެވެ. އަދި ބައެއް ފަރާތްތަކަށް ފައިސާގެ ދަތިކަން ދިމާވެ، ރާއްޖެއިން ބޭރަށް ފުރޭނެ ގޮތެއް ނެތި ދުނިޔޭ ދޫކޮށްފައި ވެސް އެބަހުއްޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް