ކ. މާލެ
|
8 އޯގަސްޓް 2018 | ބުދަ 14:06
ކ. މާފުށީގައި ހުންނަ ޖަލު
ކ. މާފުށީގައި ހުންނަ ޖަލު
ގޫގުލް
ކަރެކްޝަންސް ސާރވިސް
ކަރެކްޝަންސްގެ އޮފިޝަލުންނާ މެދު އިހުމާލުވެފައިވާތީ ވެރިން ރުޅިގަދަވެއްޖެ
އެތަނުގެ މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން އިޖާބަ ދީފައި ނުވޭ
ކަރެކްޝަންސްގެ މުވައްޒަފުން މަދުކަމުން ޖަލުތައް ބެލެހެއްޓުމުގައި ދަތިތަކެއް އެބަހުރި
ކުށްވެރިން ބެލެހެއްޓުމަށް އެކަށީގެންވާ ވަސީލަތްތައް ނެތް

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގައި މަސައްކަތްކުރާ މުވައްޒަފުންނާ މެދު މި ސަރުކާރުން ވަރަށް ބޮޑަށް އިހްމާލުވެފައިވާތީ އެ ތަނުގެ އިސްވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ކަރެކްޝަންސްގެ އިސް އޮފިޝަލަކު ރާއްޖެ އެމްވީ އަށް ވިދާޅުވީ އެ ތަނުގެ އިސްވެރިންނާ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު ޝިހާން ހޯމަ ދުވަހު ބައްދަލުކުރެއްވި ކަމަށާއި އެ ތަނުގެ މުވައްޒަފުންނަށް ކުރިމަތިވެފައިވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. އަދި އެތަނުގެ މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން އިޖާބަ ދީފައި ނުވާ ކަމަށް އެ ބައްދަލުވުމުގައި ޝިހާން ވިދާޅުވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އޮފިޝަލް ވިދާޅުވިއެވެ.

"ޝިހާން ވިދާޅުވީ ސަރުކާރުން އަޅުގަނޑުމެންގެ އަޑެއް ނޭހިއޭ. އެހެންވީމަ ތިޔަ ބޭފުޅުންނަށް އޮތް ގޮތަކުން މި ވާހަކަތައް ސިޔާސީ ފަރާތްތަކާ ހަމައަށް ގެންގޮސް ދޭށޭ. ސަރުކާރުގެ އިސްވެރިންނާއި އެހެން ގޮތްގޮތުން ވެސް މި މައްސަލަތައް ހައްލުކުރެވޭނެ ގޮތެއް އޮތްތޯ ބަލާށޭ. ވަރަށް ބޮޑަށް މާޔޫސްވެފައި ހުންނެވީ،" ނަން ސިއްރުކޮށްދެއްވުމަށް އެދިވަޑައިގެން އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކަރެކްޝަންސްގެ މުވައްޒަފުން މަދުކަމުން ޖަލުތައް ބެލެހެއްޓުމުގައި ދަތިތަކެއް އެބަހުރި ކަމަށާއި ތަނުގެ އިންފްރާސްޓްރަކްޗަރ ވެސް ވަރަށް ބާވެފައިވާ ކަމަށެވެ. އަދި ކުށްވެރިން ބެލެހެއްޓުމަށް އެކަށީގެންވާ ވަސީލަތްތައް ނެތުން ފަދަ އެތައް މައްސަލަތަކެއް ސަރުކާރާ ހިއްސާކޮށްފައިވާ ކަމަށާއި މުސާރައިގެ މައްސަލަ ވެސް އެތައް ފަހަރަކު ސަރުކާރަށް ހުށަހަޅައިގެން ވެސް މިހާތަނަށް ހައްލެއް ލިބިފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ ތަންފީޒީ އެހެން އިދާރާތަކަށް ސަމާލުކަން ދޭ ގޮތަށް ސަރުކާރުން ކަރެކްޝަނާ މެދު ސަމާލުކަން ނުދޭ ކަމަށާއި އެހެން އިދާރާތަކުގެ މުވައްޒަފުންނަށް ތަފާތު އެލަވަންސްތަކާއި މުސާރަ ބޮޑުކޮށްދޭ އިރު މައްސަލަތަކަށް ހައްލެއް ހޯދައިދީފައި ނުވާ ކަމަށެވެ. އަދި އެހެން ތަންފީޒީ އިދާރާތަކާ ވަރަށް ބޮޑަށް ތަފާތުކުރުން ގެންގުޅޭ ކަމަށާއި ފުލުހުންނާއި ސިފައިންނާއި އަދި އެ ނޫން ވެސް މުއައްސަސާތަކުގެ މުވައްޒަފުންނަށް ހާއްސަ ފްލެޓް ސްކީމްތައް ހިންގާ އިރު ކަރެކްޝަންސް އަށް އެ ފަދަ ފުރުސަތެއް ނެތް ކަމަށެވެ. ނަމަވެސް އެއީ ވެސް 600 ވަރަކަށް މުވައްޒަފުން ތިބި ތަނަކަށްވާ އިރު ކަންކަން ހައްލު ނުކޮށްދޭތީ މުވައްޒަފުންގެ މެދުގައި ވަރަށް ބޮޑު ހިތްހަމަނުޖެހުން އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް