ކ. މާލެ
|
7 އޯގަސްޓް 2018 | އަންގާރަ 12:44
އަހުމަދު އަދީބް ރައީސް ޔާމިން އަރިހުގައި
އަހުމަދު އަދީބް ރައީސް ޔާމިން އަރިހުގައި
ރާއްޖެ އެމްވީ
އަހުމަދު އަދީބު
ރިލްވާން ހޯދަން ކެބިނެޓް ލެވެލްގައި ކުރި މަސައްކަތް ރައީސް ޔާމިން ހުއްޓުވި: އަދީބު
ސަރުކާރުގައި ހުރިއިރުވެސް ރިލްވާންގެ އާއިލާއާ ބައްދަލުކުރިން
ރިލްވާން މައްސަލައިގާ ހެދި ޕެޓިޝަންގައި ސޮއިކޮށް އެކަމަށް ބާރު އެޅިން
ރިލްވާން ތަހުގީގް ސިޔާސީ ނުކުރުމަށް މުއައްސަސާތަކުގައި އެދުނިން

ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން ހޯދުމަށް ކެބިނެޓް ލެވެލްގައި ކުރި މަސައްކަތް ރައީސް ޔާމީން ހުއްޓުވިކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.

ރިލްވާން ވީނުވީއެއް ނޭނގިފައިވާތާ 4 އަހަރު ވުމާއި އަދި ރިލްވާންގެ ޝަރީޢަތް ރިލްވާން އަށާއި ރިލްވާންގެ ޢާއިލާއަށް އިންސާފް ނުލިބި ނިމިފައިވާތީ ލޯޔަރުން މެދުވެރިކޮށް އަދީބު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ރިލްވާން ގެއްލުވާލިކަމުގެ ދައުވާ އުފުލުނު މައްސަލައިގެ ހުކުމަށް ބަލާއިރު، ފުލުހުންގެ ފަރާތުން ތަހުގީގުގައި ބޮޑެތި އިހްމާލްތަކެއް ވެފައިވާކަން އެމައްސަލައިގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައިވެސް ބަޔާންކޮށްފައިވާ ކަމަށެވެ.

އަދީބު ވިދާޅުވެފައިވަނީ ރިލްވާން ގެއްލުމާއި ގުޅިގެން ރިލްވާން ހޯދުމުގެ މަސައްކަތް ކުރެވެމުންދިޔައިރު، ރިލްވާންގެ އާއިލާއިން ރައީސުލްޖުމްހޫރިއްޔާ އަދި މިނިސްޓަރުންނާއި ބައްދަލުކުރުމަށް އެދުމުން ޓޫރިޒަމް މިނިސްޓްރީގައި ރިލްވާންގެ އާއިލާއާ ބައްދަލުކުރެއްވި ކަމަށާއި އެބައްދަލުވުމުގައި ރިލްވާންގެ އާއިލާގެ ބޭފުޅުންނާއި އަދި ޚާއްޞަކޮށް ރިލްވާންގެ މަންމަ، ރިލްވާން ގެއްލުމުން ހުރި ކަންބޮޑުވުންތަކާއި ހިތާމަތައް ފުން އަސަރާއިއެކީ އަދީބާ ހިއްސާކުރިކަމަށެވެ. އެބައްދަލުވުމުގައި ރިލްވާން ހޯދުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރާނެކަމަށް ،ރިލްވާންގެ މަންމައާއި އާއިލާއަށް ވައުދު ވެފައިވާނޭކަމަށް އަދީބު ވަނީ ވިދާޅުވެފައެވެ.

އަދީބު ވިދާޅުވެފައިވަނީ ކަމާއިގުޅޭ އިދާރާތަކާއި އަދި ވުޒާރާތަކުގެ ވެރިންނަށް، ރިލްވާންގެ މައްސަލައިގައި ފުރިހަމަ ތަހުގީގެއް ކުރަމުން ނުދާތީއާއި އަދި ހުޅުމާލެއިން މީހަކު ގެއްލިގެން ރިޕޯޓް ކުރިއިރު ވަގުތުން އެކަމާ އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިނުވާތީ އެކަމާއި ގުޅިގެން އަދީބުގެ ކަންބޮޑުވުންތައް އިދާރާތަކާއި ވުޒާރާތަކުގެ ވެރިންނާއި ހިއްސާ ކޮށްފައިވާނޭ ކަމަށެވެ.

ރިލްވާން ގެއްލިގެން ރިލްވާންގެ އާއިލާއާއި އެކުވެރިން ހަދަމުންދިޔަ ޕެޓިޝަންގައި ސޮއިކުރައްވައި އެޕެޓިޝަން މަޖިލީހަށް ހުށަހަޅައި، އެކަން ބަލައި ދިނުމަށްވެސް މަޖިލިސް މެމްބަރުންގެ ގާތުގައި އެދިވަޑައިގެންނެވިކަން ފާހަގަ ކުރައްވައި އަދީބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެކަމަށް ހެކިވާނެ ކަމަށެވެ.

އަދީބު ވިދާޅުވީ ރިލްވާން ހޯދުމުގެ މަސައްކަތުގައި ކެބިނެޓް މިނިސްޓަރުންގެ ލެވެލްއިން ކުރެވުނު މަސައްކަތް ކެބިނެޓްގެ ވައިބަރ ގުރޫޕެއްގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އޯވަރ ރޫލް ކުރައްވާފައިވާކަމަށެވެ. ނަމަވެސް އޯވަރ ރޫލް ކުރެއްވި ސަބަބެއް ރައީސުލްޖުމްހޫރިއްޔާ ވިދާޅެއް ނުވިކަމަށް އަދީބު ވިދާޅުވިއެވެ. އަދި އެކަން ހިނގާފައިވާކަން އޭރުގެ ކެބިނެޓްގައި ތިއްބެވި ހުރިހާ މިނިސްޓަރުންނަށް އެނގޭނެ ކަމަށްވެސް އަދީބު ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ ރައީސް ޔާމީން، ރިލްވާން ގެއްލުވާލި މައްސަލަ ބަލަން އިސްކަން ދޭން ނުޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާތީއާއި، މިއަދާ ހިސާބަށް އައިއިރުވެސް ތަހުގީގްވެސް ފުރިހަމަވެފައި ނެތުމާއި އިންސާފު ލިބިފައި ނުވާތީ އެކަމުގެ ޒިންމާ ނަގައި ރައްޔިތުންނަށް ޖަވާބުދާރީވުމަށް ދިވެހި ސަރުކާރަށް ގޮވާލާކަމަށެވެ.

ރިލްވާން ގެއްލުވާލުމުގައި އުޅުނު ބަޔަކު ރާއްޖެއިން ބޭރަށް ފުރިއިރު އިމިގްރޭޝަނާ އަދީބު ހަވާލުވެ ހުރިކަމަށް ދެކެވޭ ވާހަކައާއި ގުޅޭގޮތުން އަދީބު ވިދާޅުވީ އެމީހުންނަށް ފުރުނީ ކޯޓުން ހިފަހައްޓާފައިވާ ޕާސްޕޯޓްތައް ދޫކޮށްފައި އޮތުމުން ކަމަށެވެ. ވަގުތީގޮތުން އިމިގްރޭޝަނާ ހަވާލުވެ ހުންނެވިނަމަވެސް އެއޮފީހުގެ އެއްވެސް އިދާރީ ކަމަކާ ބެހި އެއްވެސް މީހަކު ފުރުވާލާފައި ނުވާނެ ކަމަށް އަދީބު ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ ޖަލުގައި ބަންދުކުރެވުނު ފަހުންވެސް ރިލްވާންގެ އާއިލާއިން އެދުމުންވާނީ ލޯޔަރުން މެދުވެރިކޮށް އެއާއިލާއިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވާފައި ކަމަށެވެ

ސަރުކާރުގައި މަސައްކަތް ކުރެއްވިއިރުވެސް ޤަބޫލް ނުކުރެއްވޭ ކަންތައްތަކުގައި ކެރިގެން އެތެރޭގައި ބަސްވިދާޅުވެފައިވާނޭކަން ފާހަގަ ކުރައްވައި އަދީބު ވިދާޅުވީ ރިލްވާންގެ ތަހުގީގް ސިޔާސީ ނުކޮށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް ކަމާބެހޭ ހުރިހާ މުއައްސަސާތަކުގައި ވާނީ އެދިފައި ކަމަށެވެ.

އަދީބު ވިދާޅުވީ ރިލްވާނަށް ވީގޮތެއް އެނގޭނަމަ ފާޅުގައި އެކަން ހާމަކުރައްވާނެ ކަމަށާއި އެކަމުގައި ތުހުމަތުކުރެވޭނޭ ފަދަ ކުޑަނަމަވެސް ހެއްކެއް އަދީބުގެ މައްޗަށްވާނަމަ މިހާރު އޮންނާނީ ދައުވާ އުފުލާފައި ކަމަށާއި ރިލްވާންގެ މައްސަލައިގައި އަދީބުގެ މައްޗަށް ބައެއް ފަރާތްތަކުން ކުރަމުން ގެންދާ ތުހުމަތު ތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތު ތަކެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް