ކ. މާލެ
|
7 އޯގަސްޓް 2018 | އަންގާރަ 15:21
2018 އޯގަސްޓް 7 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިލުވާނުގެ ދައްތަ މަރްޔަމް ފަޒްނާ(މ) ވާހަކަދައްކަނީ
2018 އޯގަސްޓް 7 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިލުވާނުގެ ދައްތަ މަރްޔަމް ފަޒްނާ(މ) ވާހަކަދައްކަނީ
މުހައްމަދު ޝަރުހާން
ރިޝުވާނު ވަގަށްނެގި މައްސަލަ
ރިލްވާން ވަގަށްނެގި މައްސަލަ: އިހުމާލުގެ މައްސަލައިގައި ފުލުހުންނާ ދެކޮޅަށް އާއިލާއިން ދައުވާކުރަނީ
ރިލްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރު
އޭނާ ގެއްލުނު މައްސަލައިގައި ދައުވާލިބުނު މީހުންގެ މައްޗަށް ކުށް ސާބިތެއްނުވޭ

ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވަގަށްނެގި މައްސަލައިގައި ފުލުހުންގެ އިހުމާލު ވާކަމަށްބުނެ ފުލުހުންނާއި ދެކޮޅަށް ދައުވާކުރުމަށް އާއިލާއިން ނިންމައިފިއެވެ.

ރިލްވާން ވަގަށްނެގިތާ ހަތަރު އަހަރު ފުރުމާއި ގުޅިގެން އާޢިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި މަޖިލީހުގައި، ރިލްވާން ގަދަކަމުން ފޮރޮވުމުގެ އަމަލު ތަހްގީގު ކުރުމުގައި "ނުކޮށް ދޫކޮށް ލައިގެން ނުވާނެ ކިތަންމެ ކަމެއް ދޫކޮށްލާފައިވާ" ކަމަށް ގާޒީ އާދަމް އާރިފް ވިދާޅުވި ވިދާޅުވުމަކީ ފުލުހުން އިހުމާލުވެފައިވާކަން އިތުރަށް ސާފުވެގެންދާކަމެއްކަމަށެވެ.

"ދެން އެންމެ ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑުމެން ބުނަމުންދިޔައީ ފުލުހުންގެ އިހުމާލެއް މިކަމުގައި ވެޔޭ، އެކަމުގެ މައްސަލަ އަޅުގަނޑުމެންވާނީ ޕޮލިސް އިންޓަރގްރިޓީ ކޮމިޝަނަށް ހުށަހަޅާފައި. ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނަށް ބަދަލުވި ފަހުންވެސް އަޅުގަނޑުމެން ހަމަ ބަލަމުން ދިޔައީ އެކަން އެ ކޮޅުންވެސް ބަލަމުންދޭތޯ" ރިލްވާން ގެއްލުނުތާ ހަތަރު އަހަރުފުރެން އެއް ދުވަހަށް ވެފައިވަނިކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރިލްވާންގެ ދައްތަ މަރްޔަމް ފަޒްނާ ވިދާޅުވިއެވެ.

އާއިލާއިން ބުނެފައިވާ ގޮތުގައި ގާޒީގެ ވާހަކައަށް ބަލާއިރު ފުލުހުންގެ ތަހުގީގަކީ ހަމައެކަނި ދެއްކުންތެރިކަމުގެ ގޮތުން ކުރިކަމެއްކަން ސާބިތުވެއެވެ.

މީގެ އިތުރުން ރިލްވާން ގެއްލުވާލުމުގައި ދައުލަތުގެ އިހުމާލު ނުވަތަ ދައުލަތުން ބައިވެރިވެފައިވާކަން އެނގޭކަމަށް ބުނެފައިވެއެވެ.

ރިލްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް 8 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ފުލުހުންގެ މައްޗަށް ދައުވާކުރަން ނިންމުމުގެ އިތުރުން އާއިލާއިންވަނީ ރައްޔިތުންގެ މަޖިލީހުން އެ މަޖިލީހުގެ ދައުރު އަދާކޮށް އިންސާފުގެ މަގަށް ހުރަސްއެޅި ދައުލަތުގެ ފަރާތްތައް ހޯދުމަށް ގޮވާލާފައެވެ.

"މީގެ އިތުރުން މި އަނިޔާވެރި ކުށުގައި ޝާމިލުވާ ހުރިހައި އެންމެން ހޯދައި އެމީހުންގެ މައްޗަށް ގާނޫނީ ފިޔަވަޅުއެޅުމަށް ގޮވާލަން" އާއިލާގެ ބަޔާނުގައި ބުނެފައިވެއެވެ.

ރިލްވާން ވަގަށްނެގިތާ ހަތަރު އަހަރު ފުރުމާއި ދިމާކޮށް ބުދަ ދުވަހުގެ ހަވީރު ހަތަރެއްޖަހާއިރު މަޖީދީމަގާއި ޗާންދަނީ މަގު ގުޅޭ ސަރަހައްދުގައި އެއްވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް