ކ. މާލެ
|
7 އޯގަސްޓް 2018 | އަންގާރަ 10:41
ގދ. ވާދޫ
ގދ. ވާދޫ
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު 2018
ރައީސް ޔާމިން ފަރެސްމާތޮޑާއަށް ވަޑައިގަންނަވާތީ އެއަތޮޅުގެ ވާދޫ ސްކޫލު ބަންދު ކޮށްފި
ވާދޫ ސްކޫލު ބަންދު ކުރީ މިއަދު ހެނދުނު 9:15 ގައި
މިއީ ސިޔާސީ ހަރަކާތްތަކުގައި ޓީޗަރުންނާއި ސްކޫލު ކުދިން ބައިވެރިކުރުވުން

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގދ ފަރެސްމާތޮޑާއަށް ވަޑައިގަންނަވާތީ އެއަތޮޅުގެ ވާދޫ ސްކޫލު ބަންދު ކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވާދޫ ކައުންސިލަރު ވިދާޅުވީ ރައީސް ޔާމިނަށް މަރުހަބާ ދެންނެވުމަށް އެރަށުގެ ސްކޫލު ކުދިންނާއި، ޓީޗަރުންނާއި، ބައެއް އާންމު ރައްޔިތުންނަށް ފަރެސްމާތޮޑާއަށް ދިއުމަށް އަންގާފައިވާ ކަމަށެވެ. އެގޮތުން މިއަދު ހެނދުނު 9:15 ސްކޫލުތަކުގައި ކިޔަވައި ދިނުމަށްފަހު ބަންދު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު އެބައޮތް މިރަށު ރައްޔިތުން ބަލާ އައިސް ބޮޑު ދޯންޏެއް. ދާންވާ ބަޔަކު ދާންވީ. އެކަމަކު ސްކޫލު ބަންދުކޮށް މިދެން މަޖުބޫރެއް ނޫންތޯ މިކުރަނީ. ހާޒިރީ ބަލާ ކަމެއް ނުބަލާ ކަމެއް އަދި އަޅުގަނޑަށް އެނގިފައެއް ނެތް" ކައުންސިލަރު ވިދާޅުވިއެވެ.

ކައުންސިލަރު ވިދާޅުވީ ރައީސް ޔާމިން އެއަތޮޅުގެ ފަރެސްމާތޮޑާއަށް ވަޑައިގެންނެވި ނަމަވެސް ވާދޫ ސްކޫލު ބަންދު ކުރަން ނުޖެހޭނެ ކަމަށާއި، މިއީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މިއީ ސްކޫލު ކުދިންގެ ކިޔެވުމަށް ހުރަސްއެޅުންކަން ފާހަގަކުރައްވައި ކައުންސިލަރު ވިދާޅުވީ އެރަށުގެ ބައެއް ބެލެނިވެރިން ކަންބޮޑުވުންފާޅުކޮށްފައިވާ ކަމަށެވެ.

"މިއަދު ދެން އެކުދިން ފިލާވަޅުދޯ މިގެއްލުނީ. މިއަދުގެ ފިލާވަޅު ނަގަން އެކުދިން ޖެހޭނެ. ޝެޑިއުލްއަށް އޮޅުން އެރީމަ އަނެއްކާ ހަމަކުރަން ވެސް އުނދަގޫވާނެ" ކައުންސިލަރު ވިދާޅުވިއެވެ.

ރައީސް ޔާމިންގެ ސަރުކާރަކީ ކުޑަ ކުދިން ސިޔާސީ ކަންކަންކަމުގައި ބައިވެރިނުކުރާ ސަރުކާރެއް ކަމަށް ބުނަމުންދާއިރު މިފަދަ ކަންކަމަކީ ސިޔާސީ ކަންކަމުގައި ސްކޫލު ކުދިން ބައިވެރިކުރުން ކަމަށް ދެކޭ ކަމަށްވެސް ކައުންސިލަރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް