ކ. މާލެ
|
7 އޯގަސްޓް 2018 | އަންގާރަ 09:08
ކޮލަމާފުށި ޕީޕީއެމް ޖަގަހަ ކުރިމަތީގައި ދަމާފައިހުރި ދިދަފޮތިތައް ނަގަނީ
ކޮލަމާފުށި ޕީޕީއެމް ޖަގަހަ ކުރިމަތީގައި ދަމާފައިހުރި ދިދަފޮތިތައް ނަގަނީ
މުހައްމަދު ޝަރުހާން
ގއ ކޮލަމާފުށި
ރައީސް ޔާމިން ވަޑައިގަންނަވާތީ ކޮލަމާފުށީގައި ދަމާފައިވާ އެމްޑީޕީގެ ދިދަތަކާއި ބެނާތައް ކޯޓު އަމުރަކުން ފުލުހުން ނަގައިފި
އެތަކެތި ނެގީ ހަމަނުޖެހުން ހިންގަން އުޅޭކަމަށް ބުނެ
އަތިރިމަތި ނުފެންނަ ވަރަށް ބަނދަރު ސަރަހައްދު ވަނީ ކޯޑަން ކޮށްފައި
މިކަމުގެ ސަބަބުން ގުޅިފައިވާ ޕީޕީއެމްގެ އިތުރު ބަޔަކު ވަނީ ގުޅިފައިވާ ޕާޓީތަކާ ގުޅިފައި

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ރައީސް ޔާމީން ގއ ކޮލަމާފުއްޓަށް ވަޑައިގަންނަވާތީ އެރަށު ޕީޕީއެމް ޖަގަހަ ކުރިމަތީގައި ހުންނަ އެމްޑީޕީގެ އޮފީސް ކުރިމަތީގައި ދަމާފައިވާ ދިދަފޮތި ތަކާއި ބެނާރތައް ނެގުމަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ނަގައިފިއެވެ.

ގއ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ ކޯޓު އަމުރުގައި ބުނެފައިވަނީ 2018 އޯގަސްޓް 7 ވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހުގެ ނިޔަލަށް ގއ އަތޮޅުގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ކުރެއްވުމަށް ހަމަޖެހިފައިވާ ރަސްމީ ދަތުރުފުޅަށް ހުރަސްއެޅުމުގެ ގޮތުން ރަސްމީ ބައްދަލުވުންތަކާއި، ޖަލްސާތައް ކުރިއަށް ގެންދާ ސަރަހައްދުތަކުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ބައްދަލުވުންތަކާއި ޖަލްސާތަކަށް ހުރަސްއެޅުމަށް ރާވަމުންދާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ކޮލަމާފުއްޓަށް ދާދުވަހު ރައީސުލްޖުމްހޫރިއްޔާ ފަރިއްކުޅުވުމަށް ހަމަޖެހިފައިވާ ޕީޕީއެމް ޖަގަހަ ހިމެނޭ ސަރަހައްދުގެ އަމަން އަމާންކަން ނަގާލައި ފުލުހުންގެ ކޯޑަންތެރެ ހިމެނޭ ސަރަހައްދުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ބަޔަކު ދިދަފޮތި ދަމައި އަމަން އަމާންކަން ނަގާލުމަށް ބަޔަކު މީހުންގެ ހިތްތަކުގައި ޝައުގުވެރިކަން އުފައްދައި އެސަރަހައްދަށް މީހުން ޖަމާކޮށް ހަމަނުޖެހުން ހިންގުމަށް ރާވަމުންދާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅަށް ހުރަސްއެޅުމުގެ ގޮތުން ގއ ކޮލަމާފުށީގެ އެމްޑީޕީ އޮފީސް ކުރިމަތި ފުލުހުންގެ ކޯޑަން ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު ދިދަފޮތި ދަމާފައިވާތީ އެކަމަކީ ރައީސުލްޖުމްހޫރިއްޔާ ފަރިއްކުޅުއްވާ ސަރަހައްދަށް ބަޔަކު މީހުން ޖަމާކުރުމަށް ޝައުގުވެރިކަން އުފެއްދުމުގެ ގޮތުން ކޮށްފައިވާ ކަމެއްކަމަށް ބެލެވޭތީ އެސަރަހައްދުގައިހުރި ދިދަފޮތިތަކާއި ހަމަނުޖެހުމެއް ހިންގުމަށް ޝައުގުވެރިވާފަދަ އެއްވެސް އެއްޗެއް ނުވަތަ ލިޔުމެއް، ޕޯސްޓަރެއް، ބެނާރއެއް ހުރިނަމަ ފުލުހުންގެ ބެލުމުގެދަށަށް ގެނައުމަށެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ފަރާތުން ކޮލަމާފުށީގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެރަށު ކައުންސިލްގެ ކުރީގެ ނައިބު ރައީސް އަހުމަދު ރައޫފް ވިދާޅުވީ ކޯޓު އަމުރުގެ ދަށުން ދިދަތަކާއި ބެނާރތައް އަދި ޕޯސްޓަރުތައް ނަގާފައިވާ ކަމަށެވެ.

ރައޫފް ވިދާޅުވީ ކޯޓު އަމުރުގައި ބުނެފައިވާ ފަދަ އެއްވެސް ހަމަނުޖެހުމެއް ހިންގުމަށް އެމްޑީޕީން ރާވާފައި ނުވާކަމަށާއި އެފަދަ ވާހަކައެއް ބުނީތީވެސް އަޖައިބުވާ ކަމަށެވެ.

ރަސްމީ ދަތުރުފުޅެއްގެ ގޮތުގައި ބުނެފައިވާއިރު، ފެނާ ނަރުދަމާ ހުޅުވުމާއި އެއަރޕޯޓެއް އެޅުމަށް އިއުލާން ކުރުމަށް ހަމަޖެހިފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަން ފާހަގަ ކުރައްވަމުން ރައޫފް ވިދާޅުވީ ފެނާ ނަރުދަމާގެ މަޝްރޫޢު ނިމިފައި ނުވާ ކަމަށެވެ.

ރައޫފް ވިދާޅުވީ ރައީސް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާތީ ބަނދަރުމައްޗާއި ރަށުގެ އެހެނިހެން ތަންތަނުގައި އެމްޑީޕީގެ ދިދަފޮއްޗާއި ބެނާރ ދަމާފައި ނުވާނެ ކަމަށާއި އެތަކެތި ދެމީ ހަމައެކަނި އެމްޑީޕީ އޮފީސް ހިމެނޭ ސަރަހައްދުގައި ކަމަށެވެ. މީގެ އިތުރުން ރަށުގެ އަތިރިމަތި ނުފެންނަވަރަށް ފުލުހުން ވަނީ ބަނދަރު ސަރަހައްދު ކޯޑަން ކޮށްފައިކަމަށްވެސް ރައޫފް ވިދާޅުވިއެވެ.

ރައޫފް ވިދާޅުވީ މިކަންކަމުގެ ސަބަބުން އެމްޑީޕީއަށާއި ގުޅިފައިވާ ޕާޓީތަކަށް ލިބެނީ އިތުރު ހިތްވަރެއް ކަމަށާއި ކުރިން ޕީޕީއެމްގައިތިބި އެތައް ބަޔަކުވެސް މިހާރު ގުޅިފައިވާ ޕާޓީތަކާ ގުޅިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައިވެސް އެކަން ކޮލަމާފުށިން ފެނިގެންދާނެކަމަށް ރައޫފް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް
7 އޯގަސްޓް 2018 | އަންގާރަ 08:22
އަހުމަދު
މިހިރީ މިޤަޤުމުގެ ހުރި މިނިވަން މުވައްސަސާތަކުގެ ފެންވަރު. މިފަދަ ހާލަތެއްގައި ވާޤަޢުމެއްގެ އަދުލު އިންސާފް އޮނާނެވަރު ވިސްނާލާ. ލަދުހަޔާތްވެސް ނެތީބާ؟