ކ. މާލެ
|
6 އޯގަސްޓް 2018 | ހޯމަ 23:12
ތިމަރަފުށީ ޖަލްސާގައި އިބޫ ވާހަކަ ދައްކަވަނީ
ތިމަރަފުށީ ޖަލްސާގައި އިބޫ ވާހަކަ ދައްކަވަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިޚާބު 2018
ތިމަރަފުށިން ގޯތި ދޫކޮށް، ބިމުގެ މައްސަލަ ހައްލުކޮށްދޭނަން: އިބޫ
އިބޫ ވިދާޅުވީ އެރަށުގެ މަގުތައް ހަލާކުވެފައިވާ ކަމަށާއި، އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އެމަގުތައް ހަދާނެ ކަމަށް
ރައީސް ޔާމީނާއި މިސަރުކާރުން ޤާނޫނު އަސާސީގެ 13 ބާބުގައި އެއްވެސް މާއްދާއަކާ ޚިލާފުނުވާ އެންމެ ބާބެއް ވެސް ނެތް

ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމުގައި ތ. އަތޮޅު ތިމަރަފުށީގައި ދިމާވެފައިވާ ބިމުގެ މައްސަލައަށް ހައްލެއް ގެނެސް، ގޯތި ދޫކުރާނެ ކަމަށް އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

އިބޫ އިސްވެ ހުންނަވައި ގުޅިފައިވާ އިއްތިޙާދުން ލ. އަތޮޅާއި ތ. އަތޮޅަށް ކުރަމުންދާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން ތ. ތިމަރަފުށީގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ތިމަރަފުށީގެ ބިން ހިއްކާފައި ވީނަމަވެސް އެބިމުގެ ބޭނުން ރަނގަޅު ގޮތުގައި ހިފިފައި ނުވާ ކަމަށެވެ. ތިމަރަފުއްޓަކީ ބިމުގެ ދަތިކަން އިންތިހާއަށް އޮތް ރަށެއް ނަމަވެސް، އަދި ހިއްކި ބިމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ލޭންޑް ޔޫޒް ޕްލޭނެއް ހެދި ނަމަވެސް، މިސަރުކާރުން އެބިމުގެ ބޭނުން ރަނގަޅު ގޮތުގައި ހިފާފައިނުވާ ކަމަށް އިބޫ ފާހަގަކުރެއްވިއެވެ. އިބޫ ވިދާޅުވީ ބިން ދޫކުރާ އިރު، ލޯކަލް ޓޫރިޒަމަށް ވެސް ބިން ދޫކުރާނެ ކަމަށެވެ.

މީގެ އިތުރުން ތިމަރަފުށީގެ މަގުތަކުގެ ޙާލަތަށް އަލިއަޅުއްވާލައްވައި އިބޫ ވިދާޅުވީ އެރަށުގެ މަގުތައް ހަލާކުވެފައިވާ ކަމަށާއި، އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އެމަގުތައް ހަދާނެ ކަމަށެވެ.

ތިމަރަފުށީގައި ވާހަކަ ދައްކަވަމުން ވެސް އިބޫ ވަނީ ރާއްޖެއަށް ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އަލުން ހޯދައިދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ. ތ. އަތޮޅުގައި ވެސް ގިނަ ރަށްތަކެއް ކުއްޔަށް ދޫކޮށްފައިވާ އިރު، ކުއްޔަށް ދޫކޮށްފައިވާ ރަށްތައް ތަރައްޤީކުރުމަށް ސަރުކާރުން އެހީވާނެ ކަމަށް އިބޫ ވެވަޑައިގެންނެވި ވައުދު ތިމަރަފުށީގައި ވެސް ވަނީ ތަކުރާރު ކުރައްވާފައެވެ. އަދި ކުއްޔަށް ދޫކޮށްފައިވާ ރަށްތައް ތަރައްޤީ ނުކުރެވިގެން އުޅެނީ އިންވެސްޓަރުންގެ އިތުބާރު ނެތުމުން ކަން އިބޫ ފާހަގަކުރެއްވިއެވެ. ފަތުރުވެރިކަމުގެ ވައުދާ އެކު އިބޫ ވަނީ ފެރީގެ ނިޒާމް އިތުރަށް ހަރުދަނާ ކުރައްވާނެ ކަމަށް ވެސް ވައުދުވެ ވަޑައިގެންފައެވެ.

ޤާނޫނަށް އަސާސީއަށް އަމަލުކުރަން ފެށިތާ 10 އަހަރުވުން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ ރައީސް ޔާމީނާއި މިސަރުކާރުން ޤާނޫނު އަސާސީގެ 13 ބާބުގައި އެއްވެސް މާއްދާއަކާ ޚިލާފުނުވާ އެންމެ ބާބެއް ވެސް ނެތް ކަމަށެވެ. އެގޮތުން ޤާނޫނު އަސާސީ އިން ކަށަވަރުކޮށްދީފައިވާ މިނިވަން ކަމަށް ސަރުކާރުން އަރައިގެންފައިވާ ކަމަށާއި، ފަނޑިޔާރުގެ ވެސް ގަޑުބަޑުވެފައިވާ ކަމަށް ފާހަގަކުރެއްވިއެވެ. ފަނޑިޔާރުގެ ހިނގަމުންދާ ގޮތަށް ފާޑުވިދާޅުވަމުން އިބޫ ވިދާޅުވީ ފަނޑިޔާރުގެ ގޯސްވެގެން ދިޔައީ މިނިވަން މުއައްސަސާތަކަށާއި ފަނޑިޔާރުގެއަށް ސަރުކާރުގެ ނުފޫޒު ފޯރުވުމުން ކަމަށެވެ. އަދި އެކަން ހައްލުކުރާނެ ގޮތް އެމްޑީޕީއިން ޕްލޭންކޮށްފައި އެބަ އޮތް ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވަނީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގެ ފުރަތަމަ ދުވަހު ތ. އަތޮޅު ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މިނިވަންކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ރިޔާޒަކީ ތިމަރަފުއްޓަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް