ކ. މާލެ
|
6 އޯގަސްޓް 2018 | ހޯމަ 14:38
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް
ރާއްޖެއެމްވީ
ޑިފެންސް މިނިސްޓަރ
ފޭސްބުކްގައި ޖެހީ ގިނަ ބަޔަކަށް ވީހާވެސް އަވަހަށް ހިއްސާކުރަން: ޑިފެންސް މިނިސްޓަރު
ފޭސްބުކްގައި ލިޔުނީ ސޯޝަލް މީޑީއާ އިން ގިނަ ބަޔަކާއި ހިއްސާކުރެވޭނެ ކަމަށް
ޕޯސްޓުކޮށްފައިވަނީ ވެރިފައިޑް ޕޭޖެއްގައެއް ނޫން
ޕޭޖް ފޮލޯކުރަނީ 2002 މީހުން

މިމަހުގެ 4 ވަނަ ދުވަހުގެ ރޭ، ގައުމަށް ނުރައްކަލެއް ވެދާނެ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށް އަމިއްލަ ފޭސްބުކް އެކައުންޓްގައި ލިޔުއްވީ ވީހާވެސް އަވަހަށް އެމައުލޫމާތު ގިނަ ބަޔަކާއި ހިއްސާ ކުރެއްވުމަށް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އޮގަސްޓު މަހުގެ 4 ވަނަ ދުވަހުގެ ރޭ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްގެ އަމިއްލަ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ގައުމު ހަލަބޮލިކޮށް ގައުމުގެ އަމާންކަން ނަގާލުމަށްޓަކައި ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ޝަރީފްގެ އަމިއްލަ ފޭސްބުކް ޕޭޖުގައި  އެގޮތަށް ޕޯސްޓު ކުރެއްވި ނަމަވެސް އެކަމާއި ގުޅިގެން ރަސްމީ އެއްވެސް ފަރާތަކުން އަދި ރަސްމީ ސިފައެއްގައިވެސް އެކަމާއި ގުޅޭ ވާހަކައެއް ދައްކާފައެއް ނުވެއެވެ.

ޕީޕީއެމުން އާދިއްތަ ދުވަހު ރ. އުނގޫފަހަރުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ފޭސްބުކް މެދުވެރިކޮށް އެކަން ހާމަކުރެއްވީ އެކަމަކީ ވަރަށް ސީރިއަސް ކަމަށްވެފައި ވީހާވެސް އަވަހަކަށް ރައްޔިތުންނާއި ހަމައަށް އެވާހަކަ ފޯރުކޮށް ދިނުމަށް ކަމަށެވެ.

އެވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކުރި އެންމެ ބޮޑު އެއް ސަބަބަކީ އެންމެ އަވަހަށް ހުރިހާ ކުލައެއްގެ މީހުންނަށްވެސް އެމައުލޫމާތު އެންމެ ފަސޭހައިން ފޯރާނީ ސޯޝަލް މީޑިއާއިން ކަމަށްވާތީ ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ފޭސްބުކް މެދުވެރިކޮށް އެކަން ހާމަކުރެއްވީ ވީހާވެސް ގިނަ ބަޔަކަށް އެމައުލޫމާތު ފޯރުކޮށްދެވޭނީ ސޯޝަލް މީޑިއާ އިން ކަމަށް މިނިސްޓަރު ވިދާޅުވާ އިރު، އެ ޕޯސްޓް ކުރައްވާފައިވަނީ މިނިސްޓަރު ނަމުގައި ހަދާފައިވާ ފޭސްބުކް ޕޭޖެއްގައެވެ.

މިނިސްޓަރު ވިދާޅުވާ ޕޯސްޓް ކުރައްވާފައިވާ ފޭސްބުކް ޕޭޖަކީ ވެރިފައިޑް ޕޭޖަކަށް ނުވާއިރު، މި ޚަބަރު ލިޔުމާއި ހަމައަށް އެ ޕޭޖަށް ލިބިފައިވަނީ 1978 ލައިކެވެ. އަދި އެ ޕޭޖް ފޮލޯކުރާ މީހުންގެ ޖުމްލަ އަދަދަކީ 2002 އެވެ. އެ ޕޯސްޓަށް ޝެއާކޮށްފައިވަނީ 45 މީހަކަށް ވާއިރު، އެ ޕޯސްޓަށް ރިއެކްޓުކޮށްފައިވަނީ 88 މީހެކެވެ.

އެ ޕޭޖަކީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްގެ އަމިއްލަ ފޭސްބުކް ޕޭޖެއްކަން ގިނަ ބަޔަކަށް އެނގުނީވެސް އެ ޚަބަރު ޚަބަރު ފަތުރާ ވަސީލަތްތަކުން ގެނެސް ސީދާ މިނިސްޓަރަށް އެކަން ކަށަވަރު ކުރަން ގުޅުމުންނެވެ.

މިނިސްޓަރު ފޭސްބުކް މެދުވެރިކޮށް އެކަން ހާމަ ކުރެއްވުމުން އެކަމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިހް އެކަން ސިފަކުރައްވާފައިވަނީ "ބޮޑު ޖޯކެއް"ގެ ގޮތުގައެވެ.

އިބޫ ވިދާޅުވީ ގައުމުގެ އަމާންކަން ނަގާލަން ބަޔަކު ރާވާ، ޤައުމަށް ނުރައްކަލެއް އޮތް ކަމަށްބުނެ އަޑު ފަތުރަނީ އަންނަ ރިޔާސީ އިންތިޚާބު ފަސްކުރުމަށް ކަމަށެވެ. އަދި ރާއްޖެއަށް މާބޮޑު ބިރެއް ކުރިމަތިވެގެން އުޅޭ ވާހަކަ ޑިފެންސް މިނިސްޓަރުގެ އަމިއްލަ ފޭސްބުކް އެކައުންޓުން ހާމަކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް އިބޫ ވިދާޅުވެފައިވެއެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް