ކ. މާލެ
|
5 އޯގަސްޓް 2018 | އާދީއްތަ 23:36
ރިޔާސީ ކެންޑިޑޭޓުގެ ކެމްޕެއިން އެޖެންޓް، ހިސާން ހުސައިން ދިއްގަރުގައި ވާހަކަފުޅު ދައްކަވަނީ
ރިޔާސީ ކެންޑިޑޭޓުގެ ކެމްޕެއިން އެޖެންޓް، ހިސާން ހުސައިން ދިއްގަރުގައި ވާހަކަފުޅު ދައްކަވަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ހިސާންގެ އިލްތިމާސް: ބޮޑު އިންސައްތައަކުން ރައީސަކަށް ނޫނެކޭ ބުނި ފަހަރަށް ހަދަންވާނެ
ޑިފެންސް މިނިސްޓަރު ޕްރޮޕެގެންޑާ ފަތުރާ ކަމަށް ވިދާޅުވި
އިންތިހާބު ފަސްކުރަން ރައްޔިތުން ފުރުސަތެއް ނުދޭނެ: ހިސާން
ސެޕްޓެމްބަރު 23، ތާރީހީ ދުވަހަކަށް ހަދުމަށް އިލްތިމާސް ކުރެއްވި

އަންނަ ސެޕްޓަމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަކީ ދުނިޔޭގައި ވެސް ރައީސަކަށް އެންމެ ބޮޑު އިންސައްތައަކުން ނޫނެކޭ ބުނި އިންތިހާބަށް ހަދަންވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުގެ ކެމްޕެއިން އެޖެންޓް، ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ވ. އަތޮޅާއި މ. އަތޮޅަށް ކުރަމުންދާ ދަތުރުގައި މ. ދިއްގަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހިސާން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ނުކުމެ ތިބީ، ރައްޔިތުންނަށްޓަކާ އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށެވެ. ރައީސް އަބްދުﷲ ޔާމީން އިންތިހާބު ފަސް ކުރަން އުޅޭ ކަމަށް ތުހުމަތު ކުރައްވައި ހިސާން ވިދާޅުވީ އިންތިހާބު ފަސްކުރަން ރައްޔިތުން ފުރުަސަތު ނުދޭނެ ކަމަށެވެ.

ގައުމީ ސަލާމަތަށް ނުރައްކަލެއް ބަޔަކު ކުރިމަތި ކުރަން އުޅޭ ކަމަށް ބުނެ، ފޭސްބުކް ސްޓޭޓަސްއެއް މެދުވެރިކޮށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު އާންމު ކުރެއްވި ޕޯސްޓާ ގުޅިގެން ހިސާން ވިދާޅުވީ އެއީ އިންތިހާބު ފަސް ކުރުމަށް ހިންގެވި ޕްރޮޕެގެންޑާއެއް ކަމަށެވެ.

މަޝްހޫރު ގާނޫނީ ވަކީލު ހިސާން ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަންތައްތަކުގައި އަމަލު ކުރަންޖެހޭ އިޖުރާއަތްތަކެއް ހުންނާނެ ކަމަށާއި އެގޮތުން އެފަދަ މައުލުމާތުތައް ގާނޫނު އަސާސީގެ 241 މާއްދާގައި ބަޔާން ކުރާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީއަށާއި ވަޒީރުންނާއި އަސްކަރިއްޔާ ހިމެނޭ ގައުމީ ސަލާމަތާ ބެހޭ މަޖިލީހަށް ހުށަހެޅިދާނެ ކަމަށެވެ. އަދި އެފަދަ ތަންތަނަށް އެ މައުލުމާތު ހިއްސާ ނުކުރައްވައި، ފޭސްބުކް ޕޯސްޓެއްގައި އެކަން އާންމު ކުރެއްވުމުގެ ހިސާން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ހިސާންގެ ވާހަކަފުޅު ނިންމަވާލައްވަމުން އެދިވަޑައިގެންނެވީ ދުނިޔޭގައި ވެސް ރައީސަކަށް އެންމެ ބޮޑު އިންސައްތައަކުން ނޫނެކޭ ބުނި އިންތިހާބަށް މިފަހަރުގެ ރިޔާސީ އިންތިހާބު ހަދައި، 23 ސެޕްޓެމްބަރަކީ ތާރީހީ ދުވަހަކަށް ހެއްދެވުމަށެވެ.

"23 ސެޕްޓެމްބަރު ދުވަހަކީ ތާރީހީ ދުވަހަކަށް ހައްދަވަން ވާނެ. އެންމެ ބޮޑު އިންސައްތައަކުން ނޫނެކޭ މުޅި ދުނިޔޭގައި ވެސް ރައީސުލްޖުމްހޫރިއްޔާއަކަށް ބުނި އަދަދުން، އިންސައްތައިން، ވޯޓުދީ، ރައީސް ޔާމީން ބަލިކޮށް، އަޅުގަނޑުމެން ރައްޔިތުން ބޯކޮށް ވޯޓު އަޅައި، އިންތިހާބު ކާމިޔާބު ކުރަންވާނެ،" ގުޅިފައިވާ ޕާޓީތަކު ރިޔާސީ ކެންޑިޑޭޓުގެ ކެމްޕެއިން އެޖެންޓް ހިސާން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް