ކ. މާލެ
|
5 އޯގަސްޓް 2018 | އާދީއްތަ 12:25
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ރައީސް ޔާމީނަށް އެންމެ ތާއީދު ބޮޑު ރަށްތައް ބަދަލު ވެއްޖެ: އިބޫ
އަނިޔާވެރި ކަމާއި ދެކޮޅަށް މުޅި ރާއްޖޭގެ ރައްޔިތުން ނޫނެކޭ ބުނެފި
ގުރައިދޫ ރައްޔިތުން ތިބީ އަނިޔާވެރިކަމާއި ދެކޮޅަށްކަން ހާމަވެއްޖެ
މި ސަރުކާރުން ފަށައި، ނުނިމި ހުރި ޕްރޮޖެކްޓްތައް ނިންމަވައިދެއްވާނެ ކަމަށް އިބޫ ވިދާޅުވި

ރައީސް ޢަބްދުﷲ ޔާމީނަށް އެންމެ ތާއީދު ބޮޑު ރަށްތައް ބަދަލުވެއްޖެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕެއިންގައި ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ގުރައިދޫގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ގުރައިދޫ އާއި އޭދަފުށީގެ އިތުރުންވެސް ރައީސް ޔާމީނަށް އެންމެ ތާއީދު ބޮޑު ތިން ހަތަރު ރަށް ބަދަލުވެއްޖެ ކަމަށާއި އަނިޔާވެރިކަމާއި ދެކޮޅަށް މުޅި ރާއްޖޭގެ ރައްޔިތުން ނޫނެކޭ ބުނެފި ކަމަށެވެ.

2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ގުރައިދޫއިން ރައީސް ޔާމީނަށް 93 އިންސައްތަ ލިބުނު ކަމާއި 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެރަށުން ޕީޕީއެމަށް 69 އިންސައްތަ ލިބިގެން ދިޔަކަން ފާހަގަ ކުރައްވާ އިބޫ ވިދާޅުވީ މިއަދު އެރަށުގެ ރައްޔިތުން ދެއްކި މިސާލުން، އެރަށުގެ ރައްޔިތުން ތިބީ އަނިޔާވެރިކަމާއި ދެކޮޅަށްކަން ހާމަވެއްޖެ ކަމަށެވެ. 

މީގެ އިތުރުން އިބޫ ވިދާޅުވީ ކޯލިޝަން ގެ ވެރިކަމުގައި ގުރައިދޫގައި މި ފަސް އަހަރުތެރޭގައި ކޮށްދޭން ވައުދުވެ، ނުނިމިހުރި ޕްރޮޖެކްޓްތައް ނިންމަވައިދެއްވާނެ ކަމަށެވެ. އެގޮތުން އިބޫ ވަނީ މިހާރު އެރަށުގައި ފަށާފައިވާ ބިން ހިއްކުމުގެ މަސައްކަތާއި، ބަނދަރު ހެދުމާއި، ސްކޫލް ހޯލް ހެދުމާއި، ފުޓްސެލް ދަނޑު އެޅުމުގެ މަސައްކަތް ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުންވެސް އެރަށަށް ވައިގެ މަގުން ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް ގާއިމް ކޮށްދެއްވާނެ ކަމަށާއި ދުއްވާ އެއްޗިއްސަށް ދުއްވޭނެ ގޮތަށް މަގުތައް މަރާމާތު ކޮށްދެއްވާނެކަމަށް އިބޫ ވިދާޅުވިއެވެ. އަދި ސިއްޚީ ނިޒާމް ހަރުދަނާކޮށް ރަނގަޅު ސިއްޚީ ފަރުވާ، ކޯލިޝަން ސަރުކާރެއްގައި ލިބިގެންދާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑީޕީ ގުރައިދޫ ގޮފީގެ ރައީސް ވިދާޅުވީ ގުރައިދޫ ރައްޔިތުންގެ ވިސްނުން ބަދަލުވާން ފަށާފައިވާ ކަމަށާއި އެބަދަލު ދައްކާނީ ވޯޓުގެ ނަތީޖާއިން ކަމަށެވެ. އަދި ރައްޔިތުން ބަދަލުވާން ޖެހުނީ ސަބަބުތަކެއް ނެތި ނޫން ކަމަށާއި އެގޮތުން މިސަރުކާރުން ފަސް އަހަރު ތެރޭގައި އެރަށައް ކޮށްދޭން ވައުދުވެ، ނުކޮށްދެވިފައިވާ ސިއްޚީ ހިދުމަތާއި ދަތުރު ފަތުރުގެ ނިޒާމާއި ގޯތި ގެދޮރުގެ ދަތިކަމުގެ މައްސަލައަށް އޭނާ ވަނީ އަލިއަޅުއްވާލައްވާފައެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
5 އޯގަސްޓް 2018 | އާދީއްތަ 07:47
އަލީ ނާޞިރު
ތިކަހަލަ ކިތަންމެ ރަށެއް އަދިވެސް ފެންނާނެ
5 އޯގަސްޓް 2018 | އާދީއްތަ 07:46
އަލީ ނާޞިރު
ތިކަހަލަ ކިތަންމެ ރަށެއް އަދިވެސް ފެންނާނެ