ކ. މާލެ
|
5 އޯގަސްޓް 2018 | އާދީއްތަ 06:15
ނާދިރާ: ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި
ނާދިރާ: ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި
ފާތިމަތު ޝަނާ މުހައްމަދު
ފަލަ ސުރުޚީ
ޤައުމީ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށް ދައްކަނީ ތާއީދު ނެތުމުން ގޮތްހުސްވެގެން:ނާދިރާ
ރައްޔިތުންނަށް މިއަދު އޮޅުވައެއް ނުލެވޭނެ.
މިލިޓްރީ ވެރިކަމެއް ނުގެނައިކަންވެސް ނަސީބު
ވެގެން މިއުޅޭ ގޮތަކީ ރައްޔިތުންގެ ތާއީދު ނެތީ

ޤައުމީ ސަލާމަތަށް ނުރައްކަލެއް އޮތްކަމަށް ވާހަކަ ދައްކަނީ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ނެތުމުން ގޮތް ހުސްވެގެން ކަމަށް މައުމޫން ރިފޯމް މޫވްމެންޓްގެ މެމްބަރު އައިމަނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އަމާންކަން ނަގާލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައި ވާތީ ސިފައިންނާއި ފުލުހުން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ހޮނިހިރު ދުވަހުގެ ރޭ ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވާ ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ނާދިރާ ވިދާޅުވީ ބޮމެއް ފެނިގެން މާލޭގެ ހުރިހާ މަގުތަކެއްގައި އެ ބޮން ހިފައިގެން ނުދުއްވާ ވަރުގެ ކަމެއް ދިމާވެއްޖިއްޔާ ކިތައްމެހާވެސް ރަނގަޅު ކަމަށެވެ.

ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް ނާދިރާ އިޝާރާތް އެ ކުރެއްވީ 2015 ވަނަ އަހަރު ފެނުނު ބޮން ނައްތާލުމަށް، އެ ބޮން ނައްތާލުމަށް ކުރި މަސައްކަތަށެވެ. 

ނާދިރާ ވިދާޅުވީ ފެނިގެންދަނީ ވަރަށް ފަތުއަޑުކިޔާފައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިޙްގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށްދާ ތަން ކަމަށެވެ. ދިވެހި ރައްޔިތުން ތިބިގޮތް ވަރަށް ސާފު ކަމަށާއި ހަތަރު ލީޑަރުންވެސް ވިދާޅުވަމުން ދަނީ އެބޭފުޅުންގެ ތާއީދު އިބްރާހީމް މުހައްމަދު ސޯލިހަށް އެބައޮތް ކަމަށެވެ.

"އެހެންވީމާ މިހާހިސާބުން އެބަ އެނގޭ މިއުޅެނީ ގޮތް ހުސްވެގެންކަން. ހަތަރު ލީޑަރުން ތިއްބެވީ ފުރިފައި. އެގުޑުގުޑެއް ނާޅާ. ގުޑުގުޑުއަޅާ ބަޔަކީ އެބޭފުޅުން. އެމީހުންނަށް އަމިއްލައަށް އިހްސާސް އެބަވޭ ތިމަންމެންނަކަށް ކާމިޔާބެއް ނެތްކަން." ނާދިރާ ވިދާޅުވިއެވެ.

ނާދިރާ ވިދާޅުވީ ދިވެހިރައްޔިތުންނަށް ލައްކަ އޮޅުވާލެވިއްޖެ ކަމަށާއި ރައްޔިތުންނަށް ލައްކަ އަނިޔާ ދެވިއްޖެކަން އެނގޭ ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާއިން ނަގައިގެން މިބޭފުޅުންނަށް އެ އެއްޗެހި ބޭނުން ކުރެވިއްޖެކަންވެސް އެނގޭ ކަމަށް ނާދިރާ ވިދާޅުވިއެވެ.

"މިފަދަ ބަޔަކު ކުރައްވަފާނެ ކޮންމެފަދަ ކަމެއްވެސް. ފެންނަން އުޅޭ މަންޒަރަކީ މިއީކަމަށް އަޅުގަނޑަށް ލަފާކުރެވެނީ. މިއިންތިޚާބުގައި ޔާމީނަށް ހަމަ ކުޑަކޮށްވެސް ތާއީދު ނެތީ. އެއްކޮށް ތަނަކަށް ދާނެ މީހަކުވެސް ނެތީ. މިހާރު އެހުންނެވީ އެކަނިމާއެކަނި. ހަތަރު ލީޑަރުން އެއްފަޅީގައި އެތިއްބެވީ. މިހަތަރު ލީޑަރުން އެއްފަޅިއަށް އެރީމަ ޔާމިން މުޅިން އެކަނިވެއްޖެ. ދެން މި ނެރެނީ ތިމަންމެންނަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވެއްޖެއޭ ކިޔާފައި ސިފައިން. ކިތައްމެހާވެސް ރަނގަޅު މިތަން މިލިޓްރީ ވެރިކަމަކަށް ނައިސްފިއްޔާ. ތިމަންނަމެން މިޤައުމުގައި ކުރާނީ ދެން މިލިޓްރީ ވެރިކަމަމެކޭ ދެން މިޤައުމުގައި ކުރާނީ ބުނާ ހާލަތަކަށްވެސް ޔާމިން މިޤައުމު ގެންގޮސްދާނެ" ނާދިރާ ވިދާޅުވިއެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް