ކ. މާލެ
|
5 އޯގަސްޓް 2018 | އާދީއްތަ 06:18
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު: ނުރައްކަލެއް އޮތްނަމަ ތަފްސީލް ދޭން ޖެހޭނެ
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު: ނުރައްކަލެއް އޮތްނަމަ ތަފްސީލް ދޭން ޖެހޭނެ
ސަން
ޢަބްދުﷲ ޝާހިދު
ޤައުމީ ސަލާމަތަށް ނުރައްކަލެއް އޮތްނަމަ މަޖިލީހުގެ ކޮމެޓީތަކަށް ތަފްސީލް ދޭން ޖެހޭނެ: ޝާހިދު
ނުރައްކަލެއް އޮތްނަމަ އެކަމުގެ ތަފްސީލް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީއާއި 241 ކޮމެޓީއަށް އެކަމުގެ ތަފްސީލް ރައީސުލްޖުމްހޫރިއްޔާ ދެއްވަން ޖެހިވަޑައިގަންނަވާނެ
މިވާހަކަތައް ސަރުކާރުން ދައްކާފައި މިވަނީ އިންތިޚާބާމެދު ރައްޔިތުން ސުވާލު އުފައްދަމުންދާ ދަނޑިވަޅެއްގައި

ޤައުމީ ސަލާމަތަށް ނުރައްކަލެއް އޮތްނަމަ އެކަންކަމާ ގުޅުންހުރި ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކަށް އެކަމުގެ ތަފްސީލް ދޭންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރުކަން ކުރައްވާ އަބްދުالله ޝާހިދު މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގެ އަމާންކަން ނަގާލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައި ވާތީ ސިފައިންނާއި ފުލުހުން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެފައި ވަނިކޮށެވެ.

ޑިފެންސް މިނިސްޓަރު، ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ގައުމު ހަލަބޮލިކޮށް، އަމަންއަމާންކަން ނަގާލުމަށް ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، އެ ކަންކަން އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ އެއްވެސް ކަމެއްގެ މައުލޫމާތު ލިބިއްޖެ ނަމަ، ވަގުތުން އެމްއެންޑީއެފާއި ފުލުހުންނަށް ރިޕޯޓު ކުރުމަށް ވެސް އާންމުންގެ ކިބައިން އާދަމް ޝަރީފް ވަނީ އެދިވަޑައިގެންފަ އެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްލާމް ދީނާއި ގާނޫނުއަސާސީ ރައްކާތެރިކުރުމާއެކު، ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތް ކުރުމުގައި، ސިފައިންގެ ގާނޫނުގައިވާ ގާނޫނީ ވާޖިބު އަދާކުރާނެ ކަމުގެ ޔަގީންކަން އަރުވާކަމަށެވެ.

މިގޮތަށް ވާހަކަފުޅު ދައްކަވާފައި ވަނިކޮށް ޝާހިދު ހޮނިހިރު ދުވަހުގެރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤައުމީ ސަލާމަތަށް ނުރައްކަލެއް އޮތްނަމަ އެކަމުގެ ތަފްސީލް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީއާއި 241 ކޮމެޓީއަށް އެކަމުގެ ތަފްސީލް ރައީސުލްޖުމްހޫރިއްޔާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

ޑިފެންސް މިނިސްޓަރގެ ވާހަކަފުޅަށް އިޝާރާތް ކުރައްވާ ޝާހިދު ވިދާޅުވީ މިވާހަކަތައް ސަރުކާރުން ދައްކާފައި މިވަނީ އިންތިޚާބާމެދު ރައްޔިތުން ސުވާލު އުފައްދަމުންދާ ދަނޑިވަޅެއްގައިކަމަށެވެ.

ޑިފެންސް މިނިސްޓަރގެ އެވާހަކަފުޅާ ގުޅިގެން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ބޭއްވޭނޭ މާހައުލެއް ނެތްކަމަށް ދެއްކުމަށް ސަރުކާރުން ކަންތައްތަކެއް ރާވަމުންދާކަމުގެ ތުހުމަތު ގިނަބަޔަކު ދަނީ ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް