ކ. މާލެ
|
5 އޯގަސްޓް 2018 | އާދީއްތަ 15:44
ރައީސް ނަޝީދު:ހަޤީގަތެއް ނެތް ވާހަކަ ދައްކައިގެން އިންތިޚާބަށް ހުރަސްއަޅަން އުޅޭކަމަށް ތުހުމަތު ކުރައްވާ
ރައީސް ނަޝީދު:ހަޤީގަތެއް ނެތް ވާހަކަ ދައްކައިގެން އިންތިޚާބަށް ހުރަސްއަޅަން އުޅޭކަމަށް ތުހުމަތު ކުރައްވާ
ގޫގުލް
ރިޔާސީ އިންތިޚާބު 2018
ހަޤީގަތެއް ނެތް ވާހަކަ ދައްކަނީ އިންތިޚާބު ހަރާބުކޮށްލަން:ނަޝީދު
އިިންތިޚާބަށް ހުރަސްއެޅުމަށްޓަކައި ރިޝްވަތު ދިނުމުގެ އިތުރުން ހަޤީގަތެއް ނެތް ވާހަކަތައް ފަތުރަން ފަށައިފި
ރާއްޖޭގެ އަމާންކަން ނަގާލަން ބަޔަކު ރާވަމުންދާ ކަމަށް ޑިފެންސް މިނިސްޓަރ ވަނީ ވިދާޅުވެފައި

ސަރުކާރުގެ ފަރާތުން ހަގީގަތެއް ނެތް ވާހަކަ ދައްކަނީ ރައީސް އަބްދުﷲ ޔާމީނަށް އެއްވެސް ތާއިދެއް ނެތުމުން ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބު ހަރާބުކުރުމުގެ ގޮތުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ރާއްޖޭގެ އަމާންކަން ނަގާލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ ސިފައިންނާއި ފުލުހުން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ހޮނިހިރު ދުވަހުގެ ރޭ އޭނާގެ ފޭސްބުކް ޕޭޖްގައި ލިޔުއްވާފައިވާ ވާހަކައާ ގުޅިގެން، ކުރީގެ ރައީސް ނަޝީދު ވިދާޅުވީ "އިންތިޚާބަށް ހުރަސް އެޅުމަށްޓަކައި ގޯނާކޮށް، ބިރު ދައްކައި، ރިޝްވަތު ދީ އަދި ހަގީގަތާ ޚިލާފު ވާހަކަ [ސަރުކާރުގެ ވެރިން] ގެންދަނީ ފަތުރަމުން" ކަމަށެވެ. 

ޑިފެންސް މިނިސްޓަރު، ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ގައުމު ހަލަބޮލިކޮށް، އަމަންއަމާންކަން ނަގާލުމަށް ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، އެ ކަންކަން އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ އެއްވެސް ކަމެއްގެ މައުލޫމާތު ލިބިއްޖެ ނަމަ، ވަގުތުން އެމްއެންޑީއެފާއި ފުލުހުންނަށް ރިޕޯޓު ކުރުމަށް ވެސް އާންމުންގެ ކިބައިން އާދަމް ޝަރީފް ވަނީ އެދިވަޑައިގެންފަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްލާމް ދީނާއި ގާނޫނުއަސާސީ ރައްކާތެރިކުރުމާއެކު، ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތް ކުރުމުގައި، ސިފައިންގެ ގާނޫނުގައިވާ ގާނޫނީ ވާޖިބު އަދާކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

މިނިސްޓަރުގެ މި ވާހަކައާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އެމްއެންޑީއެފުން އަދި ފުލުހުން އެއްޗެއް ބުނެފައެއް ނެތެވެ. އަދި ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތްކަން ރައްޔިތުންގެ މަޖިލީހަަށް އެންގިކަން ހާމަކޮށްފައެއް ވެސް ނެތެވެ. 

ރާއްޖޭގެ އަމާންކަން ނަގާލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް މިނިސްޓަރު ފޭސްބުކްގައި ވިދާޅުވުމުގެ ކުރިން، ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ޕޯސްޓަރުގައި ޖަލަށް ލާފައިވާ ހަތަރު ލީޑަރުންގެ ތަސްވީރު ބޭނުންކޮށްފައިވާތީ އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ކުރާ ބަޔަކު ހޯދައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ ދީފަ އެވެ. 

ފުލުހުންގެ މި އިންޒާރުގެ ބަޔާނުގައި އެއްވެސް ގާނޫނަކާއި ގަވާއިދެއްގެ މާއްދާއަކާ ހަވާލާ ދީފައެއް ނުވެ އެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް