ކ. މާލެ
|
5 އޯގަސްޓް 2018 | އާދީއްތަ 04:48
ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު (ކ) އަދި އެ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު (ކ) އަދި އެ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް
ޓްވިޓަރ
އަލީ ވަހީދު
ގައުމަށް މިހާރު އޮތް އެންމެ ބޮޑު ނުރައްކަލަކީ މިހާރު މިއޮތް އަނިޔާވެރި ވެރިކަން: އަލީ ވަހީދު
ރާއްޖޭގެ އަމާންކަން ނަގާލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައި ވާކަމަށް ޑިފެންސް މިނިސްޓަރު ވަނީ ވިދާޅުވެފައި

ދިވެހި ރާއްޖޭގެ ގައުމީ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ މިހާރު "މިއޮތް އަނިޔާވެރި ވެރިކަން" ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ. 

އަލީ ވަހީދު ހޮނިހިރު ދުވަހު ގެ ރޭ މިހެން ވިދާޅުވެ ޓްވީޓް ކުރެއްވިއިރު ރާއްޖޭގެ އަމާންކަން ނަގާލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައި ވާތީ ސިފައިންނާއި ފުލުހުން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވަނީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައެެވެ. އާދަމް ޝަރީފް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ގައުމު ހަލަބޮލިކޮށް، އަމަންއަމާންކަން ނަގާލުމަށް ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، އެ ކަންކަން އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ އެއްވެސް ކަމެއްގެ މައުލޫމާތު ލިބިއްޖެ ނަމަ، ވަގުތުން އެމްއެންޑީއެފާއި ފުލުހުންނަށް ރިޕޯޓު ކުރުމަށް ވެސް އާންމުންގެ ކިބައިން އެދޭ ކަމަށެވެ. 

ޑިފެންސް މިނިސްޓަރު މިހެން ވިދާޅުވިއިރު ރިޔާސީ އިންތިޚާބުގެ ކެމްޕޭން ވަނީ ވަރަށް ފޯރިއާއެކު ފެށިފައެވެ. ރައީސް އަބްދުﷲ ޔާމިންގެ ސަަރުކާރަށާއި އަދި ޚުދު އެމަނިކުފާނަށް ވަނީ ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތާއި މަގާމުގެ ނާޖައިޒު ފައިދާ ނަގަމުންދާ ކަމަށާއި، ވެރިކަމަށް ވަޑައިގަންނަވަން ވެވަޑައިގަތް ވައުދުތައް ނުފުއްދަވާކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައެވެ. އަދި އިސްލާމް ދީން އައްޑަނައަކަށް ބޭނުންކޮށް ބޮޑެތި ޖަރީމާތައް ހިންގަވަން އިސްލާމް ދީން ނިވާފަތްގަނޑަކަށް ހައްދަވާކަމުގެ ތުހުމަތު ވެސް ވަނީ ކުރެވިފައެވެ. ރިޔާސީ އިންތިޚާބު 23 ސެޕްޓެމްބަރު ގައި އޮންނައިރު ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ބުނަމުން ގެންދަނީ ރައީސް ޔާމިން ބޮޑުތަނުން ބަލިކުރާނެ ކަމަށާއި އެމަނިކުފާނަށް ދެވަނަ ދައުރު ހައްގު ނޫން ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް