ކ. މާލެ
|
4 އޯގަސްޓް 2018 | ހޮނިހިރު 17:07
އަބްދުﷲ ރިޔާޒުގެ އެއްބަފާ ދައްތަ މޫމިނާ
އަބްދުﷲ ރިޔާޒުގެ އެއްބަފާ ދައްތަ މޫމިނާ
ރާއްޖެ އެމްވީ
އަބްދުﷲ ރިޔާޒު
ޔާމީން ގެނައީ އަނިޔާވެރިވާނެ ކަމަކަށް ނޫން، އެކަމަކު ޖަލަށްލީ ދައްތަމެންގެ ލޮލުގެ ކޮއި
މޫމިނާއަކީ އަބްދުﷲ ރިޔާޒުގެ އެއްބަފާ ތައްދަ
އެ އާއިލާއިން ޔާމީން ވެރިކަމަށް ގެންނަން ޙަރަދު ކުރި
އެދެނީ އިބޫއަށް ވޯޓު ދިނުމަށް

އެއް ޒަމާނެއްގައި އެއީ މިހާރުގެ ރައީސް އަބްދުﷲ ޔާމީނަށްޓަކައި ޖާނާއި މާލުން ހޭދަކުރި އާއިލާއެކެވެ. ޔާމީނަށް އެ އާއިލާ އިން އުފަލާ އެކު މަރުޚަބާ ކިޔުމަށް އަބަދުވެސް ތިބެނީ ތައްޔާރަށެވެ. ނަމަވެސް މިއަދު ވިސްނުން ހުއްޓިފައި ވަނީ ގައުމުގެ އަނިޔާވެރިކަމަށެވެ. މިއަދު އެ އަނިޔާވެރިކަމުގެ ދިގު އަތް އެ އާއިލާއާ ހަމައަށް ވަނީ ފޯރުވާފައެވެ. މިއީ ތ. އަތޮޅު ތިމަރަފުށީ މާޖެހިގޭގެ އާއިލާއަށް ކުރިމަތިވެފައިވާ ހިތްދަތިކަމުގެ ވާހަކައެވެ.

ރައީސް ޔާމީން ވެރިކަމަށް ގެނެއުމަށް 2013 ވަނަ އަހަރު އެ އާއިލާގެ ހުރިހާ މެމްބަރުން ވަނީ ޖާނާއި މާލުން ގުރުބާންވެފައެވެ. އެންމެ ސަބަބަކަށްޓަކައެވެ. ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިޔާޒުގެ އެދުމުގެ މަތިންނެވެ. އެހެނަސް މިއަދު އެ އާއިލާގެ ކޮންމެ މީހެއްގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ދަނީ އޮހެރެމުނެވެ.

"ރައީސް ޔާމީން ދިވެހި ރާއްޖޭގެ ވެރިކަމަށް ގެންނަން ދައްތަމެންގެ ކޮއްކޮ [އަބްދުﷲ ރިޔާޒު] ބުނި ދައްތަމެންގެ ޖާނާއި މާލު ގުރުބާން ކުރާށޭ. ދައްތަމެންގެ ދެމަފިރިންގެ މުޅި އާއިލާ، އެހާ ގުރުބާން ވެގެން ޔާމީން ވެރިކަމަށް ގެނައީ. ވަރަށް މަސައްކަތް ކޮށްގެން. ދައްތަމެން ނުކުރާނެ ކަމެއް ނޯންނާނެ. ދައްތަމެން ރޯދަ ހިފިން ޔާމީން ހޮވޭތޯ. ޖާނާއި މާލު ގުރުބާން ކޮށްގެން ޙަރަދު ކުރިން. އެކަމަކު އެންމެ ފުރަތަމަ ވެސް ކުރި ކަމަކީ ދައްތަމެންގެ ދެ ލޮލުގެ ކޮއި ގެންގޮސް ޖަލަށް ކޮށްޕާލީ. ދައްތަމެން ހިތުން ދުވަހަކު ވެސް އެކަން ފިލައިގެން ނުދާނެ. ދުވަހަކު ވެސް ޔާމީނަން ދައްތަގެ މި އަތުން ދެން ވޯޓެއް ނުލާނަން. ދުވަހަކު ވެސް،" ތިމަރަފުށީ ނާޒްގޭގެ ސިޓިން ރޫމްގައި ސޯފާއެއްގައި އިށީންދެގެން އިން އަބްދުﷲ ރިޔާޒުގެ އެއްބަނޑު އެއްބަފާ ތައްދަ މޫމިނާ ހުސެއިން ގިސްލާ ރޮމުން ބުންޏެއެވެ.

މޫމިނާއަކީ އަބްދުﷲ ރިޔާޒުގެ އެއްބަފާ ތައްދަ

އުމުރުން 57 އަހަރުގެ  މޫމިނާ ބުނި ގޮތުގައި ތިމަރަފުށީ މާޖެހި އާއިލާއަކީ މުޅި ރާއްޖެއަށް މަޝްހޫރު އެ ރަށު ބޮޑު އާއިލާއެއް ކަމަށެވެ. އެ އާއިލާގައި މިހާރު ވެސް އޭރު ވެސް އެންމެ ބަސްވިކޭ މީހަކީ އަބްދުﷲ ރިޔާޒެވެ. ރިޔާޒުގެ އެދުމުގެ މަތިން ރަށު ފެންވަރުގައި 2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ގެނެއުމަށް ކެމްޕެއިން ކުރުމަށް ޙަރަދު ކުރިއެވެ. އަދި އަމަލީ ގޮތުން މަސައްކަތްކޮށް ރައީސް ޔާމީން ވެރިކަމަށް ގެނެއުމަށް މީހުން ގާތަށް ގޮސް އާދޭސް ވެސް ކުރިއެވެ. އޭރު އެކަން އެގޮތަށް ކުރީ ދުވަހަކު ވެސް މިފަދަ ދުވަހެއް އެ މީހުންނަށް ފެންނާނެ ކަމަކަށެއް ނޫނެވެ. ހެޔޮ ކަމެއްގެ ބަދަލުގައި ތެޔޮ ހަމެއް ލިބޭ ފަދައިން ޔާމީން ވެރިކަމަށް ގެނައުމަށް ކުރި މަސައްކަތުގެ ބަދަލުގައި އަނިޔާވެރިވާނެކަމަކަށެއް ނޫނެވެ. 

ސިފައިންގޭގައި މަސައްކަތް ކުރެއްވުމަށް ފަހު، ފުލުހުންގެ ތަމްރީނުތަކާއި ކުރިއެރުންތައް ހޯދުމަށް ބޮޑެތި ބަދަލުތަކެއް ފުލުހުންގެ މުއައްސަސާއަށް ގެންނެވި އަބްދުﷲ ރިޔާޒު ރައްޔިތުންގެ ޙައްގުގައި މަސައްކަތް ކުރަން ފެށުމުގެ ނަތީޖާއަކަށްވީ ގާނޫނޫ ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުކޮށް، ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ. ދައުލަތުގެ ސަލާމަތީ ހިދުމަތުގައި 25 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ރިޔާޒަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ވެސް މިހާރު ދަނީ ކުރިއަށެވެ. ނަމަވެސް އެއީ ލަދުވެތި ކަމެއްގެ ގޮތުގައި މޫމިނާ އާއި އޭނާގެ އާއިލާ ނުދެކެއެވެ. އޭގެ ބަދަލުގައި އެމީހުންނަށް އޮންނަ ހިތްހަމަޖެހުމަކީ ކޮއްކޮ ޖަލަށް ލާފައި ހުރީ ކުށެއް ކޮށްގެން ނޫން ކަމެވެ. ކޮއްކޮއަށްޓަކައި އެމީހުން ފަހުރުވެރިވެއެވެ. 

ކޯޓަށް ހާޒިރުކުރުމަށް ފަހު ދޫނިދޫއަށް އަބްދުﷲ ރިޔާޒު އަނބުރާ ގެންދަނީ

"ރިޔާޒުގެ ކުށެއް އޮތް ނަމަ ދައްތަމެންގެ މައްސަލައެއް ނެތް. އެކަމަކު ރިޔާޒުގެ ކުށަކީ ކޮބާ؟ ދައްތައަށް ޔަގީންކަން އެބައޮތް ދައްތަގެ ކޮއްކޮ ގާނޫނާއި ގަވައިދާ ޙިލާފަށް އެއްވެސް ކަމެއް ދުވަހަކު ވެސް ނުކުރާނެކަން. އެއީ ގާނޫނާ ގަވައިދާ އެއްގޮތަށް ހުރުމަތްތެރިކޮށް ހިތާނެ ކުއްޖެއް. އެއީ ދިވެހި ރާއްޖޭގެ ގާނޫނު ތަންފީޒުކުރުމަށް 25 އަހަރު ވަޒީފާ އަދާކުރި ކުއްޖެއް. ދައްތަމެންނަން ވެސް، ދައްތަގެ ފިރިމީހާ އާއި ދެ މީހުންނަން އަންގާފައި އޮންނަނީ ކުށެއް ނުކުރާށޭ،" ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން މޫމިނާ ބުންޏެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެތަކެއް އާއިލާތަކަށް ނުހައްގުން އަނިޔާ ލިބޭ ކަމަށް މޫމިނާ ފާހަގަކުރިއެވެ. އަނިޔާވެރިކަމަގެ ޙިތި ރަހަ ކަރުގައި ލުމުން ނޫނީ އެކަމުގެ ވޭނެން ނޭނގޭނެ ކަމަށް ވެސް މޫމިނާ ގަބޫލުކުރެއެވެ. އެގޮތުން ނުހައްގުން ޖަލަށް ލާފައިވާ ހުރިހާ އާއިލާތަކުން ވެސް ކެތްތެރިކަމާ އެކު ހިތްވަރުކުރުމަށް މޫމިނާ ވަނީ އެދިފައެވެ. އަދި އަނިޔާވެރިކަމާ ދޮޅަށް އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި ރައީސް މައުމޫންގެ ސަޕޯޓަރުން ކުރާ މަސައްކަތުގައި މޫމިނާ މިއަދު ހުރީ ބައިވެރިވެ އަނިޔާވެރިކަން ނިމުމަކަށް ގެނެއުމަށް ކުރީ ސަފުގައި މަސައްކަތް ކުރަން ތައްޔާރަށެވެ. ވެރިކަމަށް ޔާމީނު ގެނައުމަށް 2013 ވަނަ އަހަރު މަސައްކަތް ކުރި މިންވަރަށް ވުރެ އެތައް ގުނައެއް މަސައްކަތްކުރަން ތައްޔާރަށެވެ. ޖާނާއި މާލުން ގުރުބާންވާން ތައްޔާރަށެވެ.

"ވަރަށް ހިތްދަތިވޭ ރިޔާޒު އޭ ބުންޏަސް ރޮވޭ. މިހާރު ވެސް އެތާނގަ، ޖަލުގަ ހުއްޓާ ދައްތަ ގޮސްފިން ދެ ފަހަރު ބައްދަލުކުރަން. ވަރަށް ހިއްދަތިވޭ އަހަރުމެންގެ އާއިލާގައި ހުރި އެންމެ ހަގު ކުއްޖާ. އެއީ އާއިލާގެ އެންމެގެ ވެރިމީހާ،" މޫމިނާ ބުންޏެވެ.

 

އަބްދުﷲ ރިޔާޒު ހައްޔަރުކޮށްގެން ގެންދަނީ 

ރިޔާޒުގެ ހައްގުގައި މިއަދު މަސައްކަތް ކޮށްދޭ އެންމެހާ ރައްޔިތުންނަން މޫމިނާގެ ހިތުގެ އެންމެ އަޑިން ވަނީ ޝުކުރު ވެސް ދަންނަވާފައެވެ. ހާއްސަކޮށް ޕާޓީތަކުގެ ވެރިންނާއި ސަޕޯޓަރުން ކެނޑިނޭޅި ކުރަމުން ގެންދާ މަސައްކަތަށް އޭނާ ހިތުގެ އެންމެ އަޑިން ޝުކުރު އަރާކުރެއެވެ.

"ހުރިހާ އެންމެންނަން ވެސް ދައްތަގެ ފަރާތުން ފަށްފަށުން ޝުކުރު ދަންނަވަން. މި ކޯލިޝަންގައި އުޅޭ ހުރިހާ އެންމެންނަން ވެސް ދައްތަގެ ފަރާތުން ޝުކުރިއްޔާ. ދައްތަ އެ ހުރިހާ އެންމެންނަން ވެސް ދައްތަގެ ފަރާތުން ކޮށްދެވެން އޮތް އެއްބާރުލުމެއް، ކޮއްކޮ (ރިޔާޒުގެ) އާއިލާގެ ފަރާތުން ދެވެން އޮތް އެއްބާރުލުމެއް ދޭން ތައްޔަރަށް މި ހުރީ،" މޫމިނާ ބުންޏެއެވެ.

މޫމިނާ އާއި އާއިލާ އިން ދެކޭ ގޮތުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަކީ އިންސާފު ހޯދުމަށް އެދި ރޮއި އާދޭސް ކުރަމުންދާ ރާއްޖޭގެ ރައްޔިތުންގެ އަޑު އައްސަވާ ލީޑަރެކެވެ. މިއަދު އެފަދަ އާއިލާތަކަށް އިންސާފު ހޯދަދެއްވާނީ އިބޫ ކަމަށް ދައްތަ ގަބޫލުކުރެއެވެ. އެންކަމުން ތިމަރަފުށީ މާޖެހި އާއިލާގެ ފަރާތުންނާއި މޫމިނާގެ އަމިއްލަ ނަމުގައި އިބޫ އާއި އެމަނިކުފާންގެ ރަނިންގ މޭޓް ފައިސަލް ނަސީމަށް ވޯޓް ދިނުމަށްއާދޭހާ އެކު ދިވެހި ރައްޔިޔުންގެ ކިބައިން އެދޭ ކަމަށް އޭނާ ބުންޏެއެވެ.

"ދައްތައަށް ވާމީހަކަސް، ދައްތަގެ ބަހެއް އަހާ މީހަކަސް، ދައްތަގެ އާއިލާގެ މީހަކަސް، ދައްތަގެ އާއިލާގެ ބަހެއް އަހާ މީހަކަސް އިބޫ އަށް ވޯޓުދިނުމަށް ހަތަރަސް ފައިން، ދައްތައަށް ހަތަރު ވޯޓުލެވެންޔާ އިބޫއަށް ލާނީ ހަތަރު ވޯޓު، އެހާ ވެސް ބޭނުން އިބޫ ހޮވަން."

 

- ކޮމެންޓް
6 އޯގަސްޓް 2018 | ހޯމަ 06:15
ބާބު
ބަގާވާތް ކުރަންޏާ ވާނެ
6 އޯގަސްޓް 2018 | ހޯމަ 03:11
ސައްތާރު
ބޮޑު ސިންގާ ސިޓީ އުރައެއް ހިފައިގެން މީނަ ދުވި އިރު ދައްތަ ކޮބައިތަ؟ ޖަލުގަ އެތިބީ ތިބެންވާ މީހުން. ބޮޑު ބަޢާވާތއެއް ކުރި އިރު އެވާހަކަ ވެސް ދައްތަ ދައްކާލި ނަމަ
4 އޯގަސްޓް 2018 | ހޮނިހިރު 16:31
Kaidha
Hini ahanay.afraaseem matin hadaan vany.
4 އޯގަސްޓް 2018 | ހޮނިހިރު 14:51
އިބްރާހިމް ސަނާޙު
ކޮންމެ ގޮތަކަށް ކޮންމެ އެއްޗެކޭ ކިޔައިގެން ރައްޔިތުންނަށް ހަގީގަތް އޮޅުވާލެވޭތޯ އުޅޭބައެއް މާޖެހިގޭ އާއިލާ އަކީ. ތިމަރަފުށީގެ ރައްޔިތުންނައް ފިޔަވާ އެހެން ބަޔަކަށް ނޭގޭނެ އެއާއިލާގެ ގޮތް. ކެރިހުރެ މި ބުނަނީ.
4 އޯގަސްޓް 2018 | ހޮނިހިރު 14:44
James
Tikahala kithamme aailaa eh mi raajjey ga ebathithi.yaamin gr aniyaaaveri kan feni mikamun salaamaiy nuvevifa