ކ. މާލެ
|
4 އޯގަސްޓް 2018 | ހޮނިހިރު 00:49
ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު
ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު
ސޯޝަލް މީޑިއާ
ރިޔާސީ އިންތިހާބު 2018
އިބޫ އަކީ ތަފާތު ޚިޔާލުގެ ބޭފުޅުންވެސް އިހުތިރާމް ކުރެއްވި ބޭފުޅެއް: އަލީ ވަހީދު
ކޯލިޝަންގެ ދީނީ ސިޔާސަތަކީ ވެރިފައި ކުރަންޖެހޭ ދީނީ ސިޔާސަތެއް ނޫން
ރައްޔިތުންގެ މަޖިލީހުގެ އެންމެ ގިނަ ދުވަސްވީ މެމްބަރުގެ ހައިސިއްޔަތުން އިބޫ އަކީ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންވެސް އިހުތިރާމް ކުރައްވާ ބޭފުޅެއް

އިދިކޮޅު ކޯލިޝަނުން ރިޔާސީ އިންތިޚާބަށް ނެރޭ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަކީ ތަފާތު ޚިޔާލުގެ ބޭފުޅުންވެސް އިހުތިރާމް ކުރެއްވި ބޭފުޅެއްކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އެންމެ ގިނަ ދުވަސްވީ މެމްބަރުގެ ހައިސިއްޔަތުން އިބޫ އަކީ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންވެސް އިހުތިރާމް ކުރައްވާ ބޭފުޅެއްކަމަށެވެ.

އިބޫގެ ދީނީ ސިޔާސަތެއް ނެތްކަމަށް ޝަހީމު ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވައި އަލީ ވަހީދު ވިދާޅުވީ އެބޭފުޅުންނަކީ ދީން ހަތިޔާރަކަށް ހަދާނެ ބައެއް ނޫން ކަމަށެވެ.

" އަޅުގަނޑު ދަންނަވަން ބޭނުންވަނީ ޑރ. ޝަހީމަށް އަޅުގަނޑުމެންގެ ނުވަތަ ކޯލިޝަންގެ ދީނީ ސިޔާސަތަކީ ވެރިފައި ކުރަންޖެހޭ ދީނީ ސިޔާސަތެއް ނޫންކަން. އަޅުގަނޑުމެންގެ ދީނީ ސިޔާސަތަކީ ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތާއި ދަންނަބޭކަލުންގެ އިޖުމާއު. އަޅުގަނޑުމެންގެ ދީނީ ސިޔާސަކީ ޑރ. ޝަހީމް ތިހީކުރައްވާކަހަލަ އެއަޑު ވެރިފައިކުރަން މިއަޑު ވެރިފައިކުރަން މިހެން އޮންނަ އެއްޗެއް ނޫނޭ.އަޅުގަނޑުމެންނަކީ ދީން ހަތިޔާރަކަށް ނަގާނެ ބައެއް ނޫނޭ." އަލީ ވަހީދު ވިދާޅުވިއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އިބޫއަށްލާ ވޯޓަކީ ލޯބިން ލާނެ ވޯޓެއްކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަލީ ވަހީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ކާމިޔާބުކަމާއެކީ ކުރިއަށް ދެވެނީ ހަތަރު ލީޑަރުން ކަމަށްވާ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާނުގެ މިންނެތް މަސައްކަތުންކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް