ކ. މާލެ
|
4 އޯގަސްޓް 2018 | ހޮނިހިރު 00:46
ޖުމްހޫރީ ޕާޓީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމް
ޖުމްހޫރީ ޕާޓީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމް
ވީނިއުސް
ޖުމްހޫރީ ޕާޓީ
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވަނީ ރައްޔިތުންނަށްޓަކައި ބޮޑެތި ގުރުބާނީތަކެއް ވެފައި: އަމީން
ގާސިމް ބޭނުންވަނީ ރައްޔިތުންނަށް ހެޔޮގޮތް ހޯދައިދީ ރައްޔިތުންނަށް ބޭނުންވާ މިސްރާބަށް ރާއްޖެ ބަދަލުކޮށްލަން
އެކަނި ކުރާ މަސައްކަތެއް ކާމިޔާބު ނުވާނެ، އެމަސައްކަތް ކާމިޔާބު ކުރުމަށް އެތައް ބައެއްގެ އެހީތެރިކަން ބޭނުންވާނެ
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގާއިމްކުރާ ވެރިކަމެއްގައި މަސައްކަތް ކުރާނީ ހުރިހާ ރައްޔިތުން ގޮވައިގެން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައްޔިތުންނަށްޓަކައި ބޮޑެތި ގުރުބާނީތަކެއް ވެވަޑައިގެންފައިވާ ކަމަށް އެޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ 10 ވަނަ އަހަރީ ދުވަހާއި ގުޅިގެން ހުކުރު ދުވަހުގެރޭ މ.ކުނޫޒްގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަމީން ވިދާޅުވީ ބޮޑެތި އަނިޔާތަކެއް ވެވަޑައިގެން ގާސިމް މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ހައްގުގައި ގައުމު އިސްލާހު ކުރުމަށް ކަމަށެވެ. ގާސިމްއަކީ ރައްޔިތުންގެ ފަރާތުން މާބޮޑެތި ބޭނުންތަކެއް ބޭނުންވާ ބޭފުޅެއް ނޫން ކަމަށާއި، އެމަނިކުފާނު ބޭނުންވަނީ ރައްޔިތުންނަށް ހެޔޮގޮތް ހޯދައިދީ ރައްޔިތުންނަށް ބޭނުންވާ މިސްރާބަށް ރާއްޖެ ބަދަލުކޮށްލަން ކަމަށް އަމީން ވިދާޅުވިއެވެ.

ގައުމުގެ އެންމެ މުހިންމު ބަޔަކީ ރައްޔިތުންކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ އެކަނި ކުރެވޭ މަސައްކަތެއް ކާމިޔާބު ނުވާނެ ކަމަށާއި، ރާއްޖޭގެ ތާރީހުން ވެސް މިކަމަށް ހެކިދޭނެ ކަމަށެވެ. އެއްވެސް މަސައްކަތެއްގައި އެކަނިމާއެކަނި ހޯދާނެ ކާމިޔާބެއް ނޯންނާނެ ކަމަށާއި، ކާމިޔާބު ހޯދޭނީ އެތައް ބައެއްގެ އެއްބާރުލުމާއި އެހީތެރިކަމާއެކު ކަމަށެވެ.

"އަޅުގަނޑުމެން ކޮންމެ މީހެއްގެ ވެސް ކުރިއެރުން ތަރައްގީ ކޮންމެ މީހަކު ބޭނުންވާ ހެޔޮ ގޮތް ގުޅިލާމެހިފައިވަނީ އެމީހަކު ހިމެނޭ މުޖުތަމައުގައި ނިސްބަތްވާ ބަޔަކާއެކު ކުރެވޭ މަސައްކަތުން. އެކަނިމާއެކަނި ހޯދޭ ނަތީޖާއަކުން ހޯދޭނެ މޮޅެއް އެއްވެސް ހާލެއްގައި އަޅުގަނޑުމެންނަށް ފެނިފައެއް ނެތް." އަމީން ވިދާޅުވިއެވެ.

ރައީސް ޔާމިންގެ ސަރުކާރާއެކު އިތުރު ސިޔާސީ ޕާޓީއެއް މަސައްކަތް ކުރާތަން ނުފެންނާތީ އެކަމަށް ފާޑު ވިދާޅުވެ އަމީން ވިދާޅުވީ އެކަނިމާއެކަނި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ނަމަވެސް ކާމިޔާބު ނުވާނެ ކަމަށާއި، އެކަނިމާއެކަނި އެކަން ކުރަން ނޫޅުން މާރަނގަޅު ވާނެ ކަމަށެވެ.

އަމީން ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގާއިމްކުރާ ވެރިކަމެއްގައި މަސައްކަތް ކުރާނީ ހުރިހާ ރައްޔިތުން ގޮވައިގެން ކަމަށާއި، އެއްވެސް މީހަކު ބާކީކޮށް ނުހައްގުން އަނިޔާ ނުދޭނެ ކަމަށެވެ. އަދި އިންސާފު ލިބެންޖެހޭ އާއިލާތަކަށް އިންސާފު ހޯދައިދޭނެ ކަމަށް އޭނަ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް