ކ. މާލެ
|
3 އޯގަސްޓް 2018 | ހުކުރު 23:48
އިދިކޮޅޮ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ):-ފޮޓޯ ރާއްޖެއެމްވީ
އިދިކޮޅޮ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ):-ފޮޓޯ ރާއްޖެއެމްވީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިޚާބު 2018
ހާއްސަ މަޖިލީހުގެ ރިޔާސަތުގައި ގާސިމް ނުއިންނެވި ނަމަ ފެހި ގާނޫނު އަސާސީ ލިބޭނެ ކަމާމެދު ޝައްކު: އިބޫ
ގާސިމް ކުރައްވަމުން ގެންދަވަނީ ވަރުގަދަ ޖިހާދެއް

ހާއްސަ މަޖިލީހުގެ ރިޔާސަތާ ގާސީމް އިބްރާހިމް ހަވާލުވެވަޑައިނުގެންނެވި ނަމަ މިއަދު އަމަލު ކުރަމުންދާ ފެހި ގާނޫނު އަސާސީ ލިބޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިދިކޮޅޮ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ހުކުރު ދުވަހުގެ ރޭ މ.ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ގާނޫނު އަސާސީ ވުޖޫދަށް ގެނައުމަށް ގާސިމް ކުރެއްވި މަސައްކަތަކީ ފާހަގަކޮށްލަން ޖެހޭ މަސައްކަތެއް ކަމަށެވެ.    

ރާއްޖެ އިސްލާހީ މަގަށް ގެންދިއުމަށް ގާސިމްގެ ދައުރު  ބޮޑު ކަމަށް ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ މިއަދުވެސް ގާސިމް ކުރައްވަމުން ގެންދަވަނީ ވަރުގަދަ ޖިހާދެއް ކަމަށެވެ. އަދި ގާސިމްގެ އަނބިކަނބަލުން ފާތިމަތު ނަހުލާ ސިޔާސީ މައިދާނަށް ނިކުތުމުން އެ ބޭފުޅުން ކުރައްވަމުން ގެންދަވާ ސިޔާސީ މަސައްކަތެއް އެކަނި ނޫން ކަން ހާމަވާނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިރޭ ބޭއްވި ޖަލްސާގެ ތެރެއިން:-ފޮޓޯ-ރާއްޖެއެމްވީ

އިބޫ ވިދާޅުވީ ރާއްޖޭގައި ސިޔާސީ ޕާޓީ އުފެއްދުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައި އޮއްވާ ގާސިމް އެ މަސައްކަތް ކުރެއްވި ކަމަށެވެ. އެގޮތުން ގާސިމް އިބްރާހިމާއި އެންމެ ފުރަތަމަ ވާހަކަ ދެކެވުނު ދުވަހަކީ ގާސިމް ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެމަނިކުފާނަށް ފޯނުން ގުޅުއްވި ދުވަސް ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އަދި އެމްޑީޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއި ކުރެއްވި 42 މެމްބަރުންގެ ތެރޭގައި ވެސް ގާސިމް ހިމެނިވަޑައިގަންނަވާ ކަން އިބޫ ފާހަގަ ކުރެއްވި އެވެ.

އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަނުގައި ޖުމްހޫރީ ޕާޓީ އޮތުމުގެ ނަތީޖާއަކަށް ވާނީ އިންތިހާބު ބޮޑު ތަފާތަކުން އެ ބޭފުޅުން ކާމިޔާބުކޮށް ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއް އެކުލަވާލުން ކަމަށެވެ. އަދި ވިދާޅުވީ  ޖުމްހޫރީ ޕާޓީއާ ގުޅޭ ގޮތުން އިބޫ ވިދާޅުވީ އިންޓާނަލް ޑިމޮކްރަސީ އެންމެ ރަނގަޅު އެއް ޕާޓީއަކީ ޖުމްހޫރީ ޕާޓީ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އެކަން ރަނިންގމޭޓަކު ހޮވުމަށް އެ ޕާޓީން އަމަލުކުރި ގޮތުން އެނގިވަޑައިގެންނެވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް