ކ. މާލެ
|
3 އޯގަސްޓް 2018 | ހުކުރު 23:44
ޖުމްހޫރީ ޕާޓީގެ ޖަލްސާގައި އަމީން ވާހަކަ ދައްކަވަނީ
ޖުމްހޫރީ ޕާޓީގެ ޖަލްސާގައި އަމީން ވާހަކަ ދައްކަވަނީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިޚާބު 2018
ޤައުމުގައި ހުރި މައްސަލަތައް ޙައްލުނުވަނީ ކޮންމެ ފަހަރަކު ޑިމޮކްރަސީގެ މަތިން ހަނދާންނެތުމުން: އަމީން
ގާނޫނު އަސާސީ ގެނައީ ހޮސްޕިޓަލް އަޅާކަށް ނޫން ކަމަށް ވިދާޅުވި
ޤާނޫނު އަސާސީއަކީ ރައްޔިތުން ބާރުވެރިކުރުވަން ގެނައި އެއްޗެއް ކަމަށް ވިދާޅުވި

ޤައުމުގައި ހުރި މައިގަނޑު ބޮޑެތި މައްސަލަތައް ޙައްލުނުވުމުގެ މައިގަނޑު ސަބަބަކީ ކޮންމެ ފަހަރަކުވެސް ޑިމޮކްރަސީ މަތިން ހަނދާން ނެތުން ކަމުގައި ޑެޕިއުޓީ ލީޑަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ދިހަ ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކުގެ ވާހަކަ ހުރިހާ ސިޔާސީ ފަރާތަކުންވެސް ދައްކަވަމުން ގެންދަވާ ކަމަށެވެ.

އަމީން ވިދާޅުވީ ކޮންމެ ސަރުކާރަކަށްވެސް ބްރިޖާއި، ގޯތި ގެދޮރާއި،ފާލަންތައް އެޅިދާނެ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ އުއްމީދު ގެއްލި ހަލާކުވެގެންދަނީ ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކުގެ މަތިން ހަނދާންނެތުމުގެ ސަބަބުން ކަމަށް އަމީން ވިދާޅުވިއެވެ.

"ބައެއް ސަރުކާރުތަކުން ވަޒީފާ އުފައްދާއިރު އެކަމުން ވައްކަންކުރާނެ، ހޮސްޕިޓަލްތައް އަޅާއިރު އެކަމުން ވައްކަން ކުރާނެ، އަނެއްބައި ސަރުކާރުތަކުން ވައްކަން ނުކޮށްވެސް އެކަންކުރާނެ، ނަމަވެސް ރައްޔިތުން ޙަލާކުވެގެންދަނީ ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކުގެ މަތިން ހަނދާންނެތުމުން" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ގާނޫނު އަސާސީއަށް ދިވެހިން ބޭނުންވެގެން ގެނައީ ކޮންމެހެން ހޮސްޕިޓަލެއް އަޅާކަށް ނޫން ކަމަށެވެ. ގާނޫނު އަސާސީއެއް ގެނައީ ރައްޔިތުންގެ ކަންކަން އިންތިޒާމު ކުރުމާއި ރައްޔިތުންގެ މިލްކުވެރިކަމާއި ހަމަހަމަކަން ކަށަވަރު ކުރުމަށް ކަމަށްވެސް އަމީން ވިދާޅުވިއެވެ.

ރާއްޖެއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ހުރި އެންމެ ބޮޑު މުއައްސަސާތަކަކީ ސިޔާސީ ޕާޓީތައް ކަމަށް އަމީން ވިދާޅުވިއެވެ. ސިޔާސީ ޕާޓީތަކުގެ ދައުރު ހަނިކުރުމަކީ ރާއްޖޭގައި ހުރި މައްސަލަތައް ޙައްލުކުރަން އޮތް ބޮޑު ގޮންޖެހުމެއް ކަމަށް އަމީން ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ދައުރު ހަނިކޮށް، ޕާޓީތަކަށް ފުރުސަތު ގެއްލުމަކީ ކޮރަޕްޝަނާއި ފަސާދައަށް މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާ ފުރުސަތެއް ކަމަށް އަމީން ވިދާޅުވިއެވެ. ސިޔާސީ ޕާޓީތަކުން އެގޮތަށް ވިިޔަ ނުދިނުމަށް މަސައްކަތްކޮށް، ސިޔާސީ ޙަރަކާތްތައް އިތުރުކުރަން ޖެހޭ ކަމަށް ވެސް އަމީން ވިދާޅުވިއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
3 އޯގަސްޓް 2018 | ހުކުރު 20:58
ހަސަން ހަމީދު
މިއީ އަބަދުވެސް ވަރަށް މޮޅު ވާހަކަ ދައްކާ މޮޅު ދަރިއެއް. މިރޭވެސް ވާހަކަދެއްކި އެންމެންގެ ތެރެއިންވެސް ވަކިން ހާއްސަކޮށް ފާހަގަކުރެވޭ.