ކ. މާލެ
|
3 އޯގަސްޓް 2018 | ހުކުރު 22:19
ޕީއެސްއެމްގެ ޗެނަލްތައް ހިންގާ އިމާރާތް: މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާގެ ލިމިޓް ވަނީ އުވާލާފައި
ޕީއެސްއެމްގެ ޗެނަލްތައް ހިންގާ އިމާރާތް: މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާގެ ލިމިޓް ވަނީ އުވާލާފައި
ރާއްޖެ އެމްވީ
ޕީއެސްއެމް
ޕީއެސްއެމް މުވައްޒަފުންނަށް ލިމިޓެއް ނެތި އިތުރު ގަޑީގެ ފައިސާ ދޭން ނިންމައިފި
އަސާސީ މުސާރައަށް ވުރެ އިނާޔަތް ބޮޑު ވެގެންދާނެ
އާ އުސޫލަށް އަމަލު ކުރަން ފެށީ މި މަހުން ފެށިގެން
އިތުރު ގަޑީގެ ފައިސާ ދިނުމަކީ ދާއިމީ ކަމެއް ނޫން: ހަލީލު

ރިޔާސީ އިންތިހާބާ ދިމާކޮށް، ޕަބްލިކް ސާވިސް މީީޑިއާ (ޕީއެސްއެމް)ގެ މުވައްޒަފުންގެ އިތުރު ގަޑީގެ ގޮތުގައި ދެމުންދާ ފައިސާގެ ލިމިޓް އުވާލައިފިއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ދައުލަތުގެ މީޑިއާގެ މުވައްޒަފުންގެ އިތުރު ގަޑީގެ ލިމިޓް އުވާލިކަން އެ ކުންފުނީގެ މުވައްޒަފުންނަށް އަންގާފައި ވަނީ މިދިޔަ ހަފްތާގައެވެ. އެގޮތުން ލިމިޓެއް ނެތި، މި ހިނގާ އޮގަސްޓު މަހުން ފެށިގެން އިތުރު ގަޑީގެ އިނާޔަތް ލިބޭނެކަން މުވައްޒަފުންނަށް ވަނީ އަންގާފައެވެ.

ޕީއެސްއެމް މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ދިނުމަށް ގެނައި އާ ބަދަލުގެ ސަބަބުން އަސާސީ މުސާރައަށް ވުރެ، އިތުރު ގަޑީގެ ފައިސާ ބޮޑުވުމުގެ ފުރުސަތު އޮންނާނެއެވެ. 

ޕީއެސްއެމްގެ މުވައްޒަފުންނަށް މީގެ ކުރިން، އިތުރު ގަޑީގެ ގޮތުގައި އެންމެ ގިނައިން ލިބެނީ އަސާސީ މުސާރައިގެ 50 ޕަސަންޓެވެ. އޮކްޓޯބަރު މަހު އެކުލަވާލި އެ އުސޫލު އުވާލުމަށްފަހު، ރިޔާސީ އިންތިހާބާ ދިމާކޮށް އެ ކުންފުނީގެ ބައެއް މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ވެސް ވަނީ ދީފައެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އިތުރު ގަޑީގެ ލިމިޓް އުވާލަން ނިންމީ، ކުންފުނީގެ ކުރީގެ ބޯޑުން އެކުލަވާލަން ނިންމި ޓާކްސް ބޭސްޑް އުސޫލުން މުވައްޒަފުންނަށް އިނާޔަތް ދިނުމާ ބެހޭ މިންގަނޑު ތައްޔާރު ކުރެވިފައި ނުވާތީ ކަމަށެވެ. ނަމަވެސް އެ މިންގަނޑު އެކުލަވާލެވެންދެން، ލިމިޓެއް ނެތި މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ދިނުމަށް ނިންމާފައިވާ ކަމަށް ހަލީލު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕީއެސްއެމްގެ މަގުސަދަކީ މުވައްޒަފުން މަސައްކަތް ކުރާ ވަގުތަށް ފައިސާ ދިނުމުގެ ބަދަލުގައި، ކުރާ ކޮންމެ މަސައްކަތަކަށް ފައިސާ ދިނުން ކަމަށެވެ. ގޮތުން މުވައްޒަފުން ކުރާ މަސައްކަތަށް ފައިސާ ދޭނެ އުސޫލެއް އެ ކުންފުނިން އެކުލަވާލާނެ ކަމަށާއި އެއަށްފަހު، އިތުރު ގަޑީގެ ފައިސާ އުވާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީއެސްއެމްގެ މުވައްޒަފުންގެ އަދަދު 400އަށް ވުރެ ގިނަ އެވެ. މިދިޔަ އަހަރުގެ ބަޖެޓުގައި އެކަނިވެސް އެ ކުންފުންޏަށް 60 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު ކަނޑައެޅި ބަޖެޓަށް ވުރެ 33 ޕަސެންޓު ބޮޑު ބަޖެޓެއް މިއަހަރަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން 80 މިލިއަން ރުފިޔާގެ ބަޖެޓެއް ޕީއެސްއެމަށް މިއަހަރު ކަނޑައަޅާފައިވާ ކަމަށް ދައުލަތުގެ ބަޖެޓުން ދައްކައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
4 އޯގަސްޓް 2018 | ހޮނިހިރު 16:19
Aahus
Thiboduvaru