ފުލުހުން ގާނޫނު ތަންފީޒު ކުރުމުގައި އަމަލު ކުރަން ޖެހޭނީ އިންސާފާއި ހަމަހަމަކަމާއެކު ކަމަށް ގާނޫނުތަކުގައި ލިޔެފައި އޮތަސް މިއަދު ދިވެހި ފުލުހުންގެ ކިބައިން އެކަން ނުފެންނަ ކަމަށް އާންމު ރައްޔިތުން ބުނާ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އެހެން ގިނަ ބަޔަކު ދެކޭ އެންމެ ބޮޑު ސަބަބަކީ ރޯމާދުވާލު ފުލުހުން މަގުތައް މަތީ އެ ހިންގަމުންދާ އަމަލުތަކާ ހެދި އެވެ. އޭގެ ތެރެއިން އަނެއްކާ ވެސް ފުލުހުންގެ ހަމައެއް ލަމައެއް ނެތްވަރު މާލޭ މަގުމަތިން މި ވަނީ ފެނިފަ އެވެ.
އެމްޑީޕީން މިއަހަރު ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން މާލޭގެ އެއްގެ ފާރުގައި ކެމްޕެއިން ޕޯސްޓަރެއް ހަރުކުރަން އުޅުމުން ފުލުހުން ގޮސް އެކަން ހުއްޓުވިގޮތް އެންމެނަށް ވަނީ ފެނިފަ އެވެ. ހީވީ ގައުމީ ސަލާމަތަށް ނުކުރައްވާ ފަދަ އަމަލެއް ބަޔަލު ހިންގަން ފެށުމުން އެކަން ހުއްޓުވާން ފުލުހުން މަސައްކަތްކުރި ހެނެވެ. ޕޯސްޓަރު ހަރުކުރަމުންދިޔަ މީހުންގެ އަތުން ޕޯސްޓަރުތައް ޖަހައިގަނެ އެ އެއްޗެހި ގެންގޮސް ވީދާލާ އުކާލިތަން ވެސް ވަނީ ފެނިފަ އެވެ. އެކަން ފުލުހުން ކުރީ ގާނޫނުތަކާއި ގަވައިދުތައް ތަންފީޒު ކުރުމުގެ ނަމުގަ އެވެ.
އެކަން އެހެން ހިނގާފައިވަނިކޮށް މިއަދު މި ވަނީ އެހެން ދުވަހެއް ފެނިފަ އެވެ. ކުރީ އެއް ކަމެކެވެ. ތަފާތަކީ މި ފަހަރު މިކަން ކުރީ ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމް ކަމަށް ވުމެވެ. ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމަށް ޕީޕީއެމް އިން އެ ވަނީ މާލޭގެ މަގުތަކުގައި ދިދަތައް ދަމާފަ އެވެ. ހަމަ އެކަނި ދިދަތައް ދެމީކީ ވެސް ނޫނެވެ. މާލޭގެ މަގުތަކުގައި ހުރި ސީސީޓީވީ ކެމެރާތައް ވެސް ފޮރުވާލީ އެވެ. ދައްކަން ބޭނުންވަނީ ފުލުހުން އެކަމާ ކުރިމަތިލި ގޮތެވެ. ވަނދު ވައްތަރަކަށް ބަޔާނެއް ނެރެ އެހެން އަމަލު ނުކުރަން ހުރިހާ ފަރާތްކަށް އިލްތިމާސް ކުރަމޭ ކިޔާ ބަޔާން ނެރެލީ އެވެ. އެކަން ކޮށްގެން އުޅެނީ ކޮން ޕާޓީއަކުން ހެން ވެސް ފުލުހުންނަކަށް އެނގޭހެނެއް ފުލުހުންގެ ބަޔާނަކުން ހިޔެއް ނުވެ އެވެ.
އަދި އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ފުލުހުންނަކަށް ޕީޕީއެމްގެ ކެމްޕެއިން ދިދަތައް ކަނޑާލާކަށް ނުކެރުނެވެ.ކޮންމެ ރެއަކު ދިދަތައް ދަމަމުންދާއިރު އެކަން ނުވެސް ހުއްޓުވުނެވެ. މައްސަލައަކަށް ވަނީ ޕީޕީއެމް އިން ދިދަތައް ދަމާއިރު ފުލުހުން އަޅާ ނުލާ ތިބުމެއް ނޫނެވެ. އަދި މަގުމަތީގައި ހުރި ކެމެރާތައް ފޮރުވޭ ގޮތަށް ދަމާފައިހުރި ދިދަތައް ފުލުހުން ގޮސް ކަނޑާ ނުލުމެއް ނޫނެވެ. މައްސަލައަކީ މިއީ އެމްޑީޕީން ކުރި ކަމެއް ނަމަ މިއަދު އެއިން އެންމެ ދިދައެއް ވެސް މާލޭގެ މަގެއްގައި ނީންނާނެތީ އެވެ. އެމްޑީޕީން ހަރުކުރަން އުޅުނު ޕޯސްޓަރުތައް ހަމައެއް ނެތި ގަދަކަމުން ޖަހައިގަނެގެން ދިޔަ ފުލުހުންނަށް މިއަދު ޕީޕީއެމް އިން ދަމާ ދިދަތައް ނުފެންނާތީ އެވެ.
އެހެން ނަމަވެސް މިއީކީ އާ ކަމެއް ނޫނެވެ. ހަމައެއް އިންސާފެއް ނެތި ކުރަމުން އައި ކަންކަމުގެ ތެރެއަށް އިތުރު ބޮޅެކެވެ. އެމްޑީޕީން އުކުޅަހުގައި ބޭއްވި ކޮންގްރެސްއަށް ދިއުމަށް މާލޭގެ ރަސްމީ ފާލަން ކައިރިން ފުރާތީ ފުލުހުން ސަމާލު ކަމަށް އައިސްގެން އެ ވީ ގޮތާއި އެމްޑީޕީން ޕްރައިމަރީގައި ވޯޓުލާން އުޅުމުން ފުލުހުން އެކަން ހުއްޓުވަން އުޅުނު ގޮތާއި އެމްޑީޕީގެ ދެ މީހަކު އެއްތަންވިއަސް ފުލުހުންގެ ބޮޑެތި ފައުޖުތައް ފޮނުވައިގެން އެއްވުން ރޫޅާލާން އުޅުނު ގޮތަކީ ފުލުހުންގެ ކިބައިން ފެނުނު ކަންކަމެވެ.
ރައްޔިތުންގެ އިތުބާރާ ޔަގީންކަން އެންމެ ބޮޑަށް ބޭނުންވާ ފުލުހުންގެ މުވައްސަސާއިން ކުރާ މި ފަދަ އަމަލުތަކުގެ ސަބަބުން އިތުބާރު ގެއްލެނީ އެވެ.