ކ. މާލެ
|
1 އޯގަސްޓް 2018 | ބުދަ 12:20
ބ. އޭދަފުއްޓަށް އިބޫ ކުރެއްވި ދަތުރުގެ ތެރެއިން: އިބޫ ވަނީ ބ. އަތޮޅުގެ ގިނަ ރަށްތަކަށް ވައުދުވެ ވަޑައިގެންފައި
ބ. އޭދަފުއްޓަށް އިބޫ ކުރެއްވި ދަތުރުގެ ތެރެއިން: އިބޫ ވަނީ ބ. އަތޮޅުގެ ގިނަ ރަށްތަކަށް ވައުދުވެ ވަޑައިގެންފައި
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
އިބޫއާ އެކު ބ. އަތޮޅަށް އުއްމީދުގެ އަލިކަން
ގިނަ ވައުދުތައް ވެވަޑައިގެންނެވި

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބ. އަތޮޅަށް އެމަނިކުފާނު ވަނީ ވަޑައިގެންފައެވެ. އިބޫ ބ. އަތޮޅުގެ ހަތް ރަށަކަށް ވަޑައިގެންނެވުމަށް ފަހު އެނބުރި ވަޑައިގެންނެވިއިރު އެ ރަށްތަކަށް އެމަނިކުފާނުގެ ފަރާތުން ވަނީ އުއްމީދުގެ އަލިކަން ގެނެސް ދެއްވާފައެވެ.

އިބޫ އެންމެ ފުރަތަމަ ވަޑައިގެންނެވީ ބ. ގޮއިދޫއަށެވެ. އެރަށުގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެރަށަށް ބައެއް ކަންކަން ކޮށްދެއްވާނެ ކަމަށް ވައުދު ވެވަޑައިގެންނެވިއެވެ. ގޮއިދޫ ފެހެންދޫ އާއި ފުޅަދޫއަކީ އެއް ފަޅެއްގެ ތެރޭގައި އޮންނަ ތިން ރަށަށް ވާއިރު އެމަނިކުފާނުގެ ވެރިކަމެއްގައި އެ ތިން ރަށަކީ ވެސް ދޫކޮށްލައްވާނެ ތިން ރަށް ނޫން ކަމަށް ވިދާޅުވިއެވެ.

ގޮއިދޫއަށް ވެވަޑައިގެންނެވި ވައުދުތައް: 

 

  • ގެސްޓް ހައުސް ވިޔަފާރިކުރިއެރުމަށް ގޮއިދޫއަށް ބޭނުންވާ ކަންކަން ކޮށްދިނުން
  • ގޮއިދޫގެ ބޯފެނާއި  ނަރުދަމާގެ ނިޒާމް ގާއިމުކޮށްދިނުން
  • ބ. އަތޮޅުގައި ޔުނެސްކޯއިން ހިމާޔާތްކޮށްފައިވާ ތިމާވެށީގެ ސަރައްދު ދެމެހެއްޓެނެވި ގޮތެއްގައި ހިމާޔަތްކުރާނަން

އެ އަށް ފަހު އެ އަތޮޅު ތުޅާދޫއަށް ވަޑައިގެން ވެސް އެމަނިކުފާނު ވަނީ އެރަށުގައި ތަރައްގީއަށްޓަކައި ކުރަން ޖެހޭ ބައެއް ކަންކަމަށް ނަޒަރު ހިންގަވާފައެވެ. އެރަށުގެ ރައްޔިތުންނަށް ދަތިވެފައިވާ ކަންކަމަށް ހައްލު ހޯދައިދެއްވާނެ ކަމުގެ ފޮނި އުއްމީދެއް އެމަނިކުފާނުގެ ވައުދުތަކުން އެރަށުގެ ރައްޔިތުންނަށް ލިބިގެންދިޔައެވެ. ރާއްޖެގެ ހުރިހާ ރައްޔިތުން މާލެއަށް ޖަމާކޮށް ގެންގުޅުމަށް މިއަދުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ދެކޮޅު ކަމަށާއި އެމަނިކުފާނުގެ ސަރުކާރުގައި އެ ސިޔާސަތު ނައްތާލައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި ކޮންމެ މީހަކަށް ވެސް އެމީހެއްގެ އަމިއްލަ ރަށުގައި ހަމަޖެހިލައިގެން އުޅެވޭނެ މަގު ސަރުކާރުން ހޯދައިދޭނެ ކަމަށް ވައުދު ވެވަޑައިގެންނެވިއެވެ. ހަމައެހެންމެ މާލޭގެ ދެ ސަރައްދެއްގައި މާލޭ ފަދަ ދެ ސިޓީ ތަރައްގީ ކުރުމުގެ މަސައްކަތް ގުޅިފައިވާ ޕާޓީތަކުން އެކުލަވާލާ ސަރުކާރުގައި ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ވެސް އެތެރޭގެ އުދުހުންތަކުގެ އަގުތައް އަތްފޯރާ ފަށަށް ކުޑަ ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވަނީ ތުޅާދޫގައި ބޭއްވެވި ޖަލްސާގައެވެ. އަދި ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ސަރުކާރުން މިހާރު ހޭދަކުރަމުންދާ ވަރަށް ވުރެ ތިން ގުނަ އިތުރަށް އެމަނިކުފާނުގެ ސަރުކާރުގައި ހޭދަ ކުރައްވާނެ ކަމަށް ވެސް މިޖަލްސާގައި ވަނީ ވިދާޅުވެފައެވެ.

ތުޅާދޫގައި ވެޑައިގެންނެވި ބައެއް ވައުދުތައް:

  •  ތުޅާދޫ ހިމެނޭ ގޮތަށް ރާއްޖޭގައި ބިން އޮތް ރަށްރަށުގައި ގޯތި ދޫކުރަން ފެށުން
  • މަސްވެރިން ބާނާ މަހުގެ އަސްލު އަގު ހޯދައިދިނުން
  • ތުޅާދޫ ކައިރި އިތުރު ކަނދުފައްޗެއް ހަރުކޮށްދިނުން

ބ. ހިތާދޫއަށް ވަޑައިގެން ވެސް އެމަނިކުފާނު ދެއްކެވީ އުއްމީދުން ފުރިފައިވާ ވާހަކަފުޅުތަކެކެވެ. އެގޮތުން އެރަށުގެ ބޯފެނަކީ ގައިން ތާހިރުވުމަށް ވެސް ބޭނުން ނުކުރެވޭހާ ތަގައްޔަރުވެފައިވާ ފެނަކަށްވާއިރު އެމަނިކުފާނުގެ ވެރިކަމެއްގައި އެންމެ ފުރަތަމަ ފަށާ މަޝްރޫއެއްގެ ގޮތުގައި އެރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ފައްޓަވާނެ ކަމަށް ވައުދު ވެވަޑައިގެންނެވިއެވެ. ހިތާދޫގައި އެމަނިކުފާނު ދެއްކެވި އުއްމީދީ ވާހަކަފުޅާ އެކު އެރަށުގެ ރައްޔިތުން ހެއްވާލިއެވެ. ހިތާދޫއަށް ވެވަޑައިގެންނެވި ވައުދުތައް:

  •  ފެނާއި ނަރުދަމާ ގާއިމުކޮށްދެއްވުން
  • އެއްގަމު ތޮއްޓާއި ބޭރު ތޮށިގަނޑު މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދިނުން

އެ އަށް ފަހު އެމަނިކުފާނު އޭދަފުއްޓަށް ވަޑައިގެން ގައުމުގެ މުހިންމު ކަންކަމާ ގުޅޭ ގޮތުން އެމަނިކުފާނު ސިޔާސަތުތައް ހާމަ ކުރެއްވިއެވެ. ކުދި އަދި މެދު ފަންތީގެ ގިނަ ގިނަ ވިޔަފާރީތަކެއް ހިނގަމުންދާ އޭދަފުށީގައި ހުންނަވައި ވިޔަފާރިވެރިންނަށް ހުރި ދަތިތައް ފިއްލަވާދެއްވާނެ ކަމަށް ވިދާޅުވިއެވެ. މި ގޮތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން "ހިތަށް އެރިހާ" ގަވައިދުތައް ހަދައި ވިޔަފާރީތަކަށް ދަތިވާނެ ގޮތަށް ޓެކްސްގެ ނިޒާމަށް ގެނެސްފައިވާ ބަދަލުތައް ނައްތާލައްވާނެ ކަމަށް ވިދާޅުވިއެވެ. ސަރުކާރު ހިއްސަވާ ކުންފުނި، އެސްޓިއޯ އިން ކުރަމުންދާ ބައެއް ވިޔަފާރީތައް އެއީ ހަމައެކަނި އާންމު ރައްޔިތުން ކުރާ ވިޔަފާރީތަކަށް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވެ ދެއްކެވި މިފަދަ ހުރިހާ ވާހަކަފުޅުތަކުން އޭދަފުށީގައި ތިބި ގިނަ ރައްޔިތުން އުފާކުރި ތަން ފެނުނެވެ.

އޭދަފުއްޓަށް ވެވަޑައިގެންނެވި ބައެއް ވައުދުތައް:

  • ތައުލީމީ ނިޒާމް އިތުރަށް ތަރައްގީ ކޮށްދިނުން
  • ރަށުން ގޯތި ދޫކުރަން ފެށުން

ބ. ކެންދޫގައި ބަނދަރު މަތީގައި ހުންނަވައިގެން އިބޫ ދެއްކެވި ވާހަކަފުޅަކީ ޔަގީނުން ވެސް އެރަށުގެ ރައްޔިތުން އެންމެ އަޑުއަހަން ބޭނުންވާނެ ވާހަކަތަކެވެ. އަސާސީ ހިދުމަތެއް ކަމުގައިވީ ނަމަވެސް ސަރުކާރުން ކޮށްނުދީ ހުރި ބައެއް ކަންކަން އެމަނިކުފާނު ސަރުކާރުގައި ކޮށްދެއްވާނީ އެއީ ގާނޫނު އަސާސީއާ އެއްގޮތަށް ވެރިކަން ކުރާ މީހެއްގެ މައްޗަށް ލާޒިމްވާ ކަމެއްގެ ގޮތުގައި ދެކިގެން ކަމަށް އިބޫ ވިދާޅުވިއެވެ. ކައުންސިލްތަކަށް ބާރުބެރިކަންދީ ކައިރީގައި ހުރި ފަޅުރަށްތަކަކީ ކައުންސިލްތަކުން ބަލަހައްޓާ ތަންތަން ކަމަށް ހަމަޖައްސަވާދެއްވާނެ ކަމަށް ވިދާޅުވުމަކީ ވެސް ކެންދޫ ކައިރީގައި އޮތް ފަޅުރަށްތަކުގެ ބޭނުން ޖެހިފައިވާ ކެންދޫގެ ރައްޔިތުންނަށް ލިބިގެންދިޔަ އުއްމީދެކެވެ.

ކެންދޫއަށް ވެވަޑައިގެންނެވި ބައެއް ވައުދުތައް:

  • ފެންޕާލާންޓުން ފެން ހޮޅިތައް ގޭގެއަށް ގުޅާލަދިނުން
  • ނަރުދަމާގެ ނިޒާމް ގާއިމު ކޮށްދިނުން

ގެސްޓް ހައުސްގެ ވިޔަފާރި ފުޅާވަމުންދާ ދަރަވަންދޫއަށް ވަޑައިގެން މި ވަގުތު އެރަށަށް ކޮށްދެއްވާނެ ކަމަށް ވައުދު ވެވަޑައިގެންނެވި ކަންކަމަކީ އެރަށަށް މިއަދު އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންތަކެވެ. އަދި އެމަނިކުފާނު މި ދަތުރުފުޅުގައި ވަޑައިނުގެންނެވުނު ރަށްރަށާ މެދު ވެސް އެމަނިކުފާނުގެ ވިސްނުންފުޅު ހުރިކަން ދަރަންވަދޫގައި ދެއްކެވި ވާހަކަފުޅުގައި ހާމަކުރެއްވެވިއެވެ. މި ގޮތުން އެމަނިކުފާނަށް ވަޑައިނުގެންނެވުނު ރަށްރަށުގެ ބޯފެނާއި ނަރުދަމާ އާއި ކަރަންޓްގެ ހިދުމަތް ލިބުމުގައި ހުރި ދަތިތަކަށް އެމަނިކުފާނުގެ ވެރިކަމެއްގައި ހައްލު ހޯދަދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވިއެވެ.

ދަރަވަންދޫއަށް ވެވަޑައިގެންނެވި ވައުދު:

 

  • ދަރަންވަންދޫގެ ނަރުދަމާގެ ނިޒާމް ގާއިމުކޮށްދިނުން      

ކުޑަރިކިލިއަށް ވަޑައިގެން އެމަނިކުފާނުގެ ސަޕޯޓަރުންނާ އެކު ބޭއްވި ބައްދަލުވުމުގައިވެސް އެމަނިކުފާނު ވަނީ އެރަށަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދަދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެއް މަސައްކަތެއް ކުރާތާ ގިނަ ދުވަސްވެފައިވާ މީހުނަށް އެމަނިކުފާނުގެ ސަރުކާރުގައި ހާއްސަ އެލަވަންސްއެއް ތައާރަފު ކުރައްވާނެ ކަމުގެ ވައުދު މުޅި ރާއްޖެއަށް ނިސްބަތްވާ ގޮތައް އެމަނިކުފާނު ވެވަޑައިގެންނެވި އެވެ.

ކުޑަރިކިއްޔަށް ވެވަޑައިގެންނެވި ވައުދު:

  • ބަނދަރު މަރާމާތުކޮށް ބޭރު ތޮށިލައިދިނުން
  • ނަރުދަމާގެ ނިޒާމް ރަނގަޅުކޮށްދިނުން

މާޅޮހުގައި ވެސް އެމަނިކުފާނަށް ފެނިވަޑައިގެންނެވި އެންމެ ބޮޑު މައްސަލައަކަށްވީ އެރަށުގެ ރަނގަޅު ބަނދަރެއް ހެދިފައި ނެތުމާއި ބޯފެނުގެ ނިޒާމެއް ނެތުމުގެ މައްސަލަ އެވެ. އެކަން އެމަނިކުފާނުގެ ސަރުކާރުގައި ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވުން ވެގެން ދިޔައީ ދިގު އިންތިޒާރުތަކެއްގެ ނިންމުން އަންނަ އުޅޭ ކަމުގެ ފޮނި އުއްމީދެއް ލިބުނު ކަމަށެވެ.

މާޅޮހަށް ވެޑައިގެންނެވި ވައުދުތައް:

  • ބޯފެނުގެ ނިޒާމް ގާއިމުކުރުން
  • ނަރުދަމާގެ ނިޒާމް ގާއިމުކޮށްދިނުން
  • ބަނދަރު މަރާމާތު ކުރުން

އިބޫ ބ. އަތޮޅަށް ކުރެއްވި މި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލަކަށްވީ އެ އަތޮޅު ކަމަދޫ އެވެ. ކަމަދޫއަށް ވަޑައިގެން އެރަށުގައި ހޭދަ ކުރެއްވި ވަގުތު ކޮޅު ވެސް އެމަނިކުފާނު ބޭނުންކުރެއްވީ މާޔޫސްވެފައި ތިބި ރައްޔިތުންނަށް އުއްމީދެއް ގެނައުމަށް އެމަނިކުފާނުގެ ސިޔާސަތު ހާމަ ކުރެއްވުމަށެވެ. މި ހުރިހާ ކަމަކާއެކު އިބޫ ބ. އަތޮޅަށް ކުރެއްވި މި ދަތުރުފުޅުވީ އެރަށް އުއްމީދުގެ އަލިކަން ގެނެސްދިން އުފާވެރި ފަތުރުފުޅަކަށެވެ.

ކަމަދޫއަށް ވެެވަޑައިގެންނެވި ވައުދުތައް: 

  • ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ނިންމުން
  • ނަރުދަމާގެ ނިޒާމް ގާއިމުކޮށްދިނުން

މި ހުރިހާ ކަމަކާ އެކު އިބޫ ވެރިކަމަށް އައުމަށް ކުރިއްސުރެ ބޭނުންވެފައި ތިބި މީހުންނާއި އަދި ސިޔާސަތުތައް އެނގުމުން ވޯޓުދޭން ބޭނުންވާ މީހުންގެ ރޫހު ވަރުގަދަ ވެގެންދިޔައެވެ. އިބޫއަކީ ބ. އަތޮޅަށް އުއްމީދުގެ އަލިކަން ގެނެސްދެއްވި އަދި ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ކެންޑިޑޭޭޓަށް ވެގެން ދިޔައީ ކަމަށް ބެލެވިދާނެއެވެ. 

- ކޮމެންޓް