ކ. މާލެ
|
31 ޖުލައި 2018 | އަންގާރަ 18:32
އެޕްރެންޓިސްޝިޕް ޕްރޮގްރާމް ތައާރަފުކުރުމުގެ ތެރެއިން
އެޕްރެންޓިސްޝިޕް ޕްރޮގްރާމް ތައާރަފުކުރުމުގެ ތެރެއިން
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީއިން ހުނަވަރުގެ ނަމުގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ތައާރަފްކޮށްފި
ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ގްރޭޑް 10 އެއް ނިންމާފައިވުމާއި އުމުރުން 16 އަހަރު ފުރިފައިވުން ހިމެނޭ
ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހު

އެމްޓީސީސީއިން "ހުނަވަރު" ގެ ނަމުގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް އަންގާރަ ދުވަހު ތައާރަފް ކޮށްފިއެވެ.

މި ޕްރޮގްރާމް ތައާރަފު ކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި "ހުނަވަރު ޕްރޮގްރާމް" އިފްތިތާހު ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަޒީރުއެވެ.

މި ޕްރޮގްރާމް ހުޅުވާލުމުގެ މަޤްސަދަކީ ސްކޫލް ނިންމާ ވަޒީފާގެ މާހައުލަށް ނިކުންނަށް ޒުވާނުންނަށް ފަންނީ އަދި މަސައްކަތްތެރިކަމުގެ ދާއިރާތަކުން ކުރިއަށް ދިއުމަށް ބޭނުންވާ އަސާސީ ހުނަރު އާލާކުރުމާއިއެކު ޒުވާނުން ފަންނީ އަދި މަސައްކަތްތެރިކަމުގެ ދާއިރާ އިން ކުރިއަށް ދިއުމުގެ ފުރުސަތު ހުޅުވާލުމެވެ.

މި ޕްރޮގްރާމްގެ ތެރެއިން ހެވީ ވެހިކަލް އޮޕަރޭޓް ކުރުމާއި، ކަނޑުގައި ދުއްވާ އުޅަނދު ފަހަރު އޮޕަރޭޓް ކުރުމާއި، އިންޖިނިއަރިން، ވެލްޑިން، ޑްރެޖިން އަދި އެންވަޔަރަމެންޓަލް ސާރވޭއިންގެ ދާއިރާ އިން ގިނަ ބައިވެރިންތަކެއް ތަމްރީނު ކުރެވިގެންދާނެ ކަމަށާއި ޕްރޮގްރާމް ކާމިޔާބު ކަމާއެކީ ނިންމާލާ ދަރިވަރުންނަށް ވަޒީފާގެ ފުރުސަތުތައް ލިބިގެންދާނެ ކަމަށް އެމްޓިސީސީން ބުންޏެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ ފަންނީ ހުނަރު ހުރި ކުދިން ހޯދަން ދަތި ކަމަށާއި ހުނަރުވެރި ކުދިން ނުލިބުމުގެ ސަބަބުން އެހެން ޤައުމުތަކުން މީހުން ވަޒީފާއަށް ގެންނަން ޖެހޭ ކަމަށެވެ. ޕްރޮގްރާމް ހިންގާ މައިގަނޑު ސަބަބަކީ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ހުޅުވާލުމަށް ކަމަށް ވެސް ޒިޔަތު ވިދާޅުވިއެވެ.   

ހަފްތާއަކު 48 ގަޑިއިރުގެ އަމަލީ ތަޖުރިބާ، ފަންނީ ހުނަރާއިއެކު ލިބިގެންދާނެ ފަދަ ގޮތަކަށް ބައްޓަންކުރެވިފައިވާ މި ޕްރޮގްރާމްގެ ދަށުން ކޮންމެ ބައިވެރިޔަކަށް 5000 ރުފިޔާގެ އެލަވެންސްއެއް ދެވޭނެއެވެ. މިޕްރޮގްރާމްގެ ދަށުން 200 އަށް ވުރެ ގިނަ ބައިވެރިން ފުރަތަމަ އަހަރު ތަމްރީނު ކުރާނެއެވެ.

އެމްޓީސީސީން އިތުރަށް ބުނީ ހުނަވަރު ޕްރޮގްރާމަކަށް އެޕްލިކޭޝަން ފޯމް އޮގަސްޓް މަހުގެ 28 ވަނަ ދުވަހާއި ހަމައަށް ހުށަހެޅޭނެ ކަމަށެވެ.

ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ގްރޭޑް 10 އެއް ނިންމާފައިވުމާއި އުމުރުން 16 އަހަރު ފުރިފައިވުން ހިމެނެއެވެ.

ހުނަވަރު ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް