މި ސަރުކާރަކީ ވަރަށް ބޮޑަށް ދެއްކުމުގެ ސަރުކާރެކެވެ. ބިލް ބޯޑުތަކުގައި އަދަދުތައް ލިޔެ ނެރުމުގެ ސަރުކާރެކެވެ. ބޮޑެތި ފޮޓޯތަކުން ތާއީދު ހޯދުމުގެ ސަރުކާރެކެވެ. އެ ބީދައިން ކުޅުނު އެއް ކުޅިއަކީ ރަށްވެހި ތަރައްޤީގެ ނަމުގައި މަޝްރޫއުތަކަށް ހިނގިކަމަށް ބުނެ ބޮޑެތި އަދަދުތަކަކާއެކު ނެރުނު "ރަށްވެހި ތަރައްޤީ" ފޮތެވެ.
މުޅި ފޮތަށް ބަލާލުމުންވެސް ދޭހަވަނީ އެޔެއް މިޔެއް ނޭނގޭ އަދަދުތަކެވެ. ބޮޑެތި ޚަރަދުތަކުން ހިންގާފައިވާ ކަމަށް ބުނާ މަޝްރޫއުތަކުން ނަގާފައިވާ ނާޖާއިޒު ފައިދާ ނުވަތަ ހިންގާފައިވާ ބޮޑެތި ޖަރީމާތަކެވެ. ނޫންނަމަ ރައްޔިތުންގެ ފައިސާއިން ހިންގާފައިވާ ބޮޑެތި އިސްރާފުތަކެވެ.
ފޮތުގައިވާ ކަންކަމަށް ވަކިވަކިން ބަލައިލައިފި ކޮންމެ މީހެއްގެ ސިކުނޑި ސުމަކަށް ދާވަރުވެއެވެ. ފޮތުގައި އޮތް ގޮތަށް ނަކަލުކޮށްލައިގެން ބައެއް ކަންކަމުގެ ހަޤީގަތް ހާމަކޮށްލާނަމެވެ. ގިނަ ވާހަކަތަކެއް ފޮތުން ރައްޔިތުންނަށް މިހާރުވެސް އެނގިފައި ވާތީ ބަލާލާނީ އާ ބައެއް ކަންކަމަށެވެ.
ހއ. މާރަންދޫ އިންޖީނުގެ އިމާރާތް ކުރުމުން ފަށާނަމެވެ. އެ ރަށުގައި އިންޖީނު ގެއެއް އިމާރާތް ކުރުމަށް 2.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ. ހަމަ އެ ރަށުގައި އިންޖީނުގެއެއް އިމާރާތްކުރުމަށް އިތުރު 4.8 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ހާހަކަށް ވުރެ މަދު މީހުން ދިރިއުޅޭ އެރަށުގައި އިމާރާތް ކުރެވެމުންދާ އިންޖީނުގެއަކަށް އިތުރު 4.2 މިލިއަން ރުފިޔާ ހޭދަކުރަމުންދާ ކަމަށް ފޮތުގައި ވަނީ ބުނެފައެވެ. ރަށްރަށުން ކަރަންޓް ކެނޑި މުޒާހަރާ ކުރަމުންދާއިރު މިއީ ބޮޑުވަރެކެވެ.
ތ ބުރުނީ އިންޖީނުގެ މަރާމާތު ކުރުމަށް 2.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައި ވާއިރު 336 މީހުން ދިރިއުޅޭ އެރަށުގައި އިންޖީނުގެއެއް މަރާމާތު ކުރުމަށް ވަނީ 3 މިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ.
ތ އަތޮޅު ހިރިލަންދޫގައި 25 މެޓްރިކް ޓަނުގެ އައިސް ޕްލާންޓެއް ޤާއިމް ކުރުމަށް 2.1 މިލިއަން ރުފިޔާ ހޭދަކޮށްފައި ވާއިރު، އެ އަތޮޅު ގުރައިދޫގައި 50 މެޓްރިކް ޓަނުގެ އައިސް ޕްލާންޓެއް ޤާއިމް ކުރުމަށް 12 މިލިއަން ރުފިޔާ ވަނީ ޚަރަދު ކޮށްފައެވެ. އެވަރުގެ ތަފާތެއް ހުރީ ކިހާ މޮޅު ފެންވަރެއްގައި ޤާއިމް ކުރީތީ ކަމެއް ބުނެދޭން އެނގޭނެ މީހަކު ނެތެވެ.
ށ.އަތޮޅު ފުނަދޫގައި 16 ކްލާސް ރޫމެއް އެޅުމަށް 28 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ބުނެފައި ވާއިރު އެއީ ޢާއްމުކޮށް މާލޭގައި ދޫކޮށްފައި ހުރި 1400 އަކަފޫޓުގެ ގޯއްޗެއްގައި 6 ކޮޓަރިއާއި ދެ ސިޓިންގރޫމް ހިމެނޭ ގޮތަށް 20 ބުރިއަށް އިމާރާތެއް އެޅޭނޭ ފައިސާއެވެ. މީހަކު ހައިރާންވެ އަންތަރީސް ނުވިއްޔާ ދެރައެވެ.
ބ. އަތޮޅު ކުޑަރިކިއްޔަށް 160 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް ގެންދިއުމަށް ހަތަރު ލައްކަ ރުފިޔާ ހޭދަކޮށްފައިވާއިރު ހަމަ އެރަށަށް އެއަށްވުރެ ކުޑަ 100 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް ގެންގޮސްފައިވަނީ ހަތް ލައްކަ ރުފިޔާ ޚަރަދުކޮށްފައެވެ. ރ އިންނަމާދޫއަށް 250 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް 6 ލައްކަ ރުފިޔާއަށް ފޯރުކޮށްދީފައި ވާއިރު ހަމަ އެރަށަށް އެއަށްވުރެ ކުޑަ 200 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް ގެންގޮސްފައިވަނީ 1.6 މިލިއަން ރުފިޔާ އަށެވެ. ފަރަގު ހުއްޓަސް މިއީ ޤަބޫލް ކުރެވޭނެ އަދަދެއް ހެއްޔެވެ.
އިތުރަށް ފޮތް ބަލައިފިނަމަ ގޮވާނީ ބޮލެވެ. ވިސްނަ ވިސްނާ ކޮސްވުން ނޫން ކަމެއް ވާނެހެނެއް ހިއެއް ނުވެއެވެ. މިއީ ރައްޔިތުންގެ ފައިސާއެވެ. އަތްނުފޯރާ ފަށުގައި އޮތް ކަރަންޓް ބިލާއި ހުސްނުވާ އާސަންދައިން ނުލިބޭ ބޭސްގަތުމަށް ބޮޑު ހޭދައެއް ކުރަން ޖެހިފައިވިއަސް ގަންނަ ގިނަ ތަކެއްޗަށް ދައްކަން ޖެހޭ ޖީއެސްޓީ ފައިސާއިން ބަޔަކު މީހުން ހިންގާ ބޮޑެތި ކޮރަޕްޝަނެވެ.