މަސްނޫއީ ވިސްނުން ނުވަތަ އާޓީފިޝަލް އިންޓެލިޖެންސްއަކީ އިންސްނުންނާއި އެހެނިހެން ޖަނަވާރުތަކުގައިވެސް ހުންނަ ޤުދުރަތީ ވިސްނުން ނުވަތަ އިންޓެލިޖެންސް ނޫން އެހެނިހެން ދާއިރާތަކުން މަސްނޫއީ ގޮތުން މެޝިންތަކުގެ ޒަރީއާއިން އުފައްދާފައި ހުންނަ އިންޓެލިޖެންސް އަދި އެ ދާއިރާއިން އައިސްފައިވާ ކުރިއެރުމެވެ. މަސްނޫއީ ވިސްނުމުގެ ދާއިރާއަކީ އިޤްތިޞާދީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ދުނިޔޭގައި ނަންހިނގާ ބޮޑެތި އިޤްތިޞާދުތަކުން ވަރަށް ބޮޑަށް ބަރޯސާ ވެފައިވާ ދާއިރާއެކެވެ. މީގެ އިތުރުން ކުރިއަރަމުން އަންނަ ކުދި ޤައުމުތަކުންވެސް އެންމެ ބޮޑަށް ތަރައްޤީ ކުރުމަށް މަސައްކަތް ކުރަމުންދާ ދާއިރާއެއްގެ ގޮތުގައި އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ މަސްނޫއީ ވިސްނުމުގެ ދާއިރާ ފާހަގަ ކޮށްލެވެއެވެ.
އިޤްތިސާދީ ދާއިރާއިން ދުނިޔެއަށް ބޮޑު އިންޤިލާބީ ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގައި މުޅި ދުނިޔޭގެ އިޤްތިސާދު ވެސް މުސްތަޤުބަލުގައި އެންމެ ބޮޑަށް ބަރޯސާވާނެ އެއް ދާއިރާއަކީ މަސްނޫއީ ވިސްނުން ނުވަތަ އާޓީފިޝަލް އިންޓެލިޖެންސް ގެ ދާއިރާ ކަމަށް އިޤްތިސާދީ މާހިރުން ދެކިލައްވައެވެ. ޤުދުރަތީ ގިނަ ވަސީލަތްތަކެއް ނެތް ނަމަވެސް ކުޑަ ޚަރަދަކުން ބޮޑު ކުރިއެރުމަށް ފަސޭހަކަމާއި ހަލުވިކަމާއެކު ތަރައްޤީ ކޮށް ކުރި އެރުވިދާނެ ދާއިރާއަކަށް މި ދާއިރާވާތީ މިދާއިރާ ތަރައްޤީ ކުރުމަށް ޤައުމުތަކުން ވަރަށް ބޮޑު އިސްކަމެއް ދެއެވެ.
ގުޅިފައިވާ އިއްތިހާދުގެ މެނިފެސްޓޯގައި ހިމެނުމަށް އަދާލަތު ޕާޓީން ހުށެހެޅި މަސްނޫއީ ވިސްނުމުގެ ސިޔާސަތާ ގުޅޭ ގޮތުން އެޕާޓީގެ މީޑިއާ ކޮމެޓީގެ ޗެއަރ އަލީ ނަޒީރު ވިދާޅުވީ އެޕާޓީގެ އެންމެ ބޮޑު ވިސްނުމަކީ ދިވެހިރާއްޖޭގެ އިންސާނީ ވަސީލަތް އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއަށް ފޯކަސްކޮށްގެން ތަރައްޤީ ކުރުން ކަމަށެވެ. އެގޮތުން ސްކޫލްތަކުގެ ކަރިކިއުލަމްގެ ތެރެއިންނާއި ކޮލެޖް ޔުނިވަރސިޓީތަކުގެ ތެރެއިން މަސްނޫއީ ވިސްނުމުގެ ދާއިރާއިން މީހުން ބިނާ ކުރުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާނެ ކަމަށް އަލީ ނަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން މަސްނޫއީ ވިސްނުމުގެ ދާއިރާއިން އިންވެސްޓް ކުރަން ބޭނުންވާ ޒުވާނުންނަށް އިސްލާމިކް ފައިނޭންސްގެ ތެރެއިން ލޯނު ހަމަޖައްސައިދޭނެ އުސޫލްތަކެއް ހަމަޖެއްސުމަކީ ވެސް އަދާލަތު ޕާޓީގެ ވިސްނުމެއް ކަމަށް ނަޒީރު ވިދާޅުވިއެވެ.
މަސްނޫއީ ވިސްނުމާއެކު ދުނިޔޭގެ އިޤްތިޞާދަށް އަންނަމުންދާ ބަދަލުތަކާ އެއްހަމައެއްގައި ރާއްޖެއިން ފައިހަމަ ކުރުމަށްޓަކައި ހަރުދަނާ ޕްލޭންތަކެއް ރާވައި ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރޭގައި މަސްނޫއީ ވިސްނުމުގެ ދާއިރާގައި ހިމެނޭ މެޝިން ލަރނިންގެ އިތުރުން ޑީޕް ލަރނިން އާއި ކޮމްޕިއުޓަރ އިންޖިނިއަރިންގ ފަދަ ދާއިރާތަކުގެ ދައުރު މިހާރަށް ވުރެ ބޮޑަށް ފުޅާކުރެވޭނެ ކަމަށް އަދާލަތު ޕާޓީން ބުނެއެވެ. ނަޒީރު ވިދާޅުވި ގޮތުގައި މަސްނޫއީ ވިސްނުމުގެ ސިޔާސަތު ބިނާކޮށްފައިވަނީ ޒުވާނުންނަށް މި ދާއިރާއިން އިތުރު ފުރުސަތުތައް ހޯދައިދީ މި ދާއިރާއިން ކުރިއަށް ގޮސް ރާއްޖޭގެ އިޤްތިޞާދު ޑައިވަރސިފައި ކުރުމަށް ކަމަށާއި އިޤްތިޞާދު ވަކި ކަމަކަށް ބަރޯސާވެފައި އޮންނަ އޮތުން ކުޑަ ކުރުމަކީ މިފަދަ ސިޔާސަތެއްގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.
ޖުމްލަ ސަތިރީސް ސިޔާސަތެއްގެ މައްޗަށް އެކުލެވޭ އަދާލަތު ޕާޓީގެ މެނިފެސްޓޯ އިއްޔެ އާންމުކޮށްފައިވާއިރު ގުޅިފައިވާ ޕާޓީތަކުގެ މެދުގައި އެ ސިޔާސަތުތަކާމެދު މަޝްވަރާކޮށް ހުރިހާ ޕާޓީތަކެއް އެއްބަސްވާ މެނިފެސްޓޯއެއް ވަރަށް އަވަހަށް އިއުލާން ކުރުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ގުޅިފައިވާ ޕާޓީތަކުން ވަނީ ހާމަކޮށްފައެވެ.