ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑިއާމެދު ސުވާލު އުފެދިއްޖެ ނަމަ އެކަމުގައި އެންމެ ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުން ކަން އެނގޭތީ އެ މައްސަލަ އެ ވަނީ މެމްބަރުން ކޯޓަށް ހުށައަޅާފަ އެވެ. ނަމަވެސް އެ މައްސަލައެއް ކޯޓު ތެރޭގައި އުޅޭތާ އެތައް ދުވަހެއް ފާއިތުވެގެން ދިޔައިރު ވެސް ގޮތެއް ނުނިންމަ އެވެ. އޭގެ ބަދަލުގައި މިދޔަ ބުދަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު ހުކުމުގައި ވެސް އޮތީ މެމްބަރުންގެ ގޮނޑީގެ މައްސަލަ އެ ކޯޓުން ބަލަން ޖެހޭނެ ކަމަށް ދެކޭ ކަމަށެވެ. އެއަކު އާ ވާހަކައެއް ނެެތެވެ.
ސުޕްރީމް ކޯޓުން ބުދަ ދުވަހު ހުކުމް ކުރި މައްސަލައަކީ އެކެއް ފެބްރުއަރީގައި ނެރުނު އަމުރުގެ ބައެއް ބާތިލް ކުރުމަށް ހުށައެޅި މައްސަލައި ގޮތެއް ނިންމަން ކުރި ހުކުމެކެވެ. އޭގައި ޝަރީއަތަށް ފާހަގަ ކުރެވުނު ކަންކަމުގެ ތެރޭގައި ގޮނޑި ގެއްލިފައިވާ އިލެކްޝަނުން ކަނޑައަޅާފައިވާ މެމްބަރުންތަކެއް އެ ކޯޓަށް މައްސަލަތަކެއް ހުށައަޅާފައިވާކަމާއި އެ މައްސަލަތަކުގައި އެ ކޯޓުން ގޮތެއް ނިންމަން ޖެހޭ ކަމަށް ބުނެފައިވެ އެވެ. އިލެކްޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މެމްބަރުންނަށް ރައްޔިތުން މަޖިލީހަށް ވަދެވޭނެ ކަމަށް އެކެއް ފެބްރުއަރީގައި ނެރުނު އަމުރުގައި ބުނެފައިވާ ބައި އެކަނި ބާތިލް ކޮށްލުމަށް ފަހު ނިންމާލީ އެވެ. މެމްބަރުންގެ ގޮނޑީގެ މައްސަލައިގައި ސާފު ނިޔާއެެއް ކަނޑަނޭޅެނީ ކީއްވެ ކަމެއް ނޭނގެ އެވެ.
ސުޕްރީމް ކޯޓުން ތަކުރާރުކޮން އެ ބުނީ ގޮނޑިއާމެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ. އެހާ ހިސާބުން އަނެއްކާ ވެސް ޔަގީންވެގެން ދަނީ އެ މެމްބަރުން ގޮނޑި ހުސްވެއްޖެ ކަމަށް ބަލައި ބައި އިލެކްޝަނެއް ބޭއްވޭނީ އެ މައްސަލަ ނިމުމުން ކަމެވެ. ގޮނޑި ގެއްލުނު ކަމަށްވާނީ އެެގޮތަށް ސުޕްރީމް ކޯޓުން ކަނޑައެޅީމަ އެވެ. އެހެން ކަމުން އަސްލަކަށްވާން ޖެހޭނީ ބަޔަކު އެ ގޮނޑި ގެއްލިއްޖެ ކަމަށް ކިތަންމެ ވަރަަކަށް ބުނި ނަމަވެސް ސުޕްރީމް ކޯޓުން ގޮތެއް ކަނޑަނާޅާ އޮތްހާ ހިނދު އެ މެމްބަރުންގެ ގޮނޑި ނުގެއްލި އޮތުމެވެ. ރޯދަ އަށް ހުރި މީހަކު ރޯދަ ގެއްލޭ ފަދަ ކަމެއް ނުކުރާ ހިނދު ބަޔަކު މީހުން ކިތަންމެ ވަރަކަށް އެ މީހާއަކީ ރޯދަވެރިއެއް ނޫނޭ ބުންޏަސް ރޯދަ ނުގެއްލޭ ފަދައިންނެވެ. އިލެކްޝަންސް ކޮމިޝަނުން ބައި އިލެކްޝަނަް ނުބާއްވާ އޮންނަނީ ވެސް އެހެންވެ ކަމަށް ބަލަން ޖެހެ އެެވެ.
މި ހާލަަތުގައި ވެސް މެމްބަރުންތަކެއް މަޖިލީހަށް ނުވަދެވިގެން އުޅޭއިރު ސުޕްރީމް ކޯޓު ބަލަހައްޓައިގެން އޮންނަ މައްސަލަ މާ ސީރިއަސް މައްސަަލައެކެވެ. ސުޕްރީމް ކޯޓަށް ވަކިން މައްސަލައެއް ހުށަނާޅާތީ މެމްބަރުން މަޖިލީހަށް ވަނުމަށް ހުރަސްއަޅާ ފަރާތްތަކާމެދު ފިޔަވަޅެއް ނޭޅެނީ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ސަލާމަތްވެވޭކަށް ވެސް ނެތެވެ. ސަބަބަކީ މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ބުނި ބަހެއްގެ މައްޗަށް ވެސް އެ ކޯޓުގެ އަމިއްލަ އިސްނެގުމަށް މައްސަލަ ބަލާ އެ ކޮމިޝަނުގެ މެމްބަރުންނާމެދު ވަނީ ފިޔަވަޅުއަޅާފަ އެވެ. އެހެން ނަމަވެސް މެމްބަރުންތަކެއްގެ މައްސަލަ ކޯޓަށް ހުށައެޅުމުންވެސް ސާފު ނިޔާއެއް ކަނޑައަޅާދޭން ނުކެރިގެން އުޅެނީ ކާކު ދެކެ ބިރުން ކަމެއް ނޭނގެ އެވެ. ގައިމު އޭގެ މާ ފަހުން ހުށައެޅުން މައްސަލަތަކުގައި ފައިސަލާ ކުރުވަނިވި ހުކުމްތައް ވަނީ ކަނޑައަޅުއްވާފަ އެވެ.
ސުޕްރީމް ކޯޓަށް މައްސަލައެއް ހުށައެޅުނީމަ އޭގެ ނަތީޖާއެއްގެ ގޮތުން އިތުރު މައްސަލަތަކެއް އުފެދޭ ކަމުގައިވާނަމަ ކޯޓުގެ ބޭނުމަކީ ކޮބައި ހެއްޔެ އެވެ. މައްސަލައަށް ހައްލު ހޯދާދީ އިންސާފު ގާއިމު ކޮށްދިނުމަކީ ޝަރުއީ ދާއިރާގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން ބެލި ނަމަވެސް ސުޕްރީމް ކޯޓުގެ ޒިންމާއަކަށްވާއިރު މެމްބަރުންގެ ގޮނޑީގެ މައްސަލައިގައި އެއް ވާހަކަތަކެއް ތަކުރާރު ކޮށްފައި މި ޖަހަނީ ކޮން "ސަކަރާތެއް" ހެއްޔެވެ. ބޭނުންވަނީ ގޮނޑި ގެއްލިފައިވާނަމަ ގެއްލިފައިވާ ކަން ނުވަތަ ނޫންކަން ކަނޑައަޅާދިނުމެވެ.