ކ. މާލެ
|
25 ޖުލައި 2018 | ބުދަ 08:34
ސުއޫދު މީޑިއާތަކަށް މައުލޫމާތު ދެއްވަނީ
ސުއޫދު މީޑިއާތަކަށް މައުލޫމާތު ދެއްވަނީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ވޯޓުލާ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އެދި ސުއޫދު ކޯޓަށް!
ވޯޓުލާ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް ނިންމީ އެ ދުވަހު ވަޒީފާ އަދާކުރާ މީހުންނަށް އުނދަގޫވާނެތީ
ކޮންމެ މީހަކަށް ވެސް ވޯޓުލުމުގެ ހައްޤު ފުރިހަމައަށް އަދާކުރުމުގެ ފުރުސަތު ލިބެންވާނެ
މީގެ ކުރިން ވެސް ވޯޓުލާ ދުވަސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވޭ

މިއަހަރު ބޭއްވުމަށް ނިންމާފައިވާ ރިޔާސީ އިންތިހާބުގައި ވޯޓުލާ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށް އެދި ކުރީގެ ބަންޑާރަ ނާއިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ކޯޓަށް ވަޑައިގަތުމަށް ނިންމައިފިއެވެ.

ސެޕްޓެމްބަރު 23 ވަނަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ނުވަތަ ވޯޓުލުން 22 ސެޕްޓެމްބަރުގައި ބޭއްވުމަށް އަމުރުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުން ކިހެނެއްވާތޯ ވިދާޅުވެ ސުއޫދު ވަނީ އަންގާރަ ދުވަހު ޓްވީޓެއް ކުރައްވާފައެވެ.

މިކަމާ ގުޅިގެން ރާއްޖެޓީވީއަށް ދެއްވި ފޯނު އިންޓަވިއުއެއްގައި ސުއޫދު ވިދާޅުވީ ވޯޓުލާ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅަން ޚިޔާލުކުރައްވަނީ، އެ ދުވަހު ވަޒީފާ އަދާކުރާ މީހުންނަށް އުނދަގޫވާނެތީ ކަމަށާއި ކޮންމެ މީހަކަށް ވެސް ވޯޓުލުމުގެ ހައްޤު ފުރިހަމައަށް އަދާކުރުމުގެ ފުރުސަތު ލިބެންވާނެތީ ކަމަށެވެ.  އަދި ޤާނޫނު އަސާސީގައި ވެސް ކޮންމެ މީހަކަށް ވޯޓުލުމުގެ ހައްޤު ފުރިހަމައަށް ލިބެން ޖެހޭނެކަން ބަޔާންކޮށްފައިވާ ކަމަށާއި އެ ހައްޤަށް ހުރަސް އެޅިދާނެތީ މައްސަލަ ކޯޓަށް ހުށަހަޅަން ނިންމީ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ވޯޓުލާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވާކަން ސުއޫދު ވަނީ ފާހަގަކުރައްވާފައެވެ.

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކަންތައްތަކާ ގުޅޭ ގޮތުން އާންމުންގެ ޝަކުވާތައް ވަނީ ގިނަވެފައެވެ. އެގޮތުން ސިވިލް ސާވިސް ކޮމިޝަނާ ސަރުކާރުގެ ކުންފުނިތަކުގެ ވެރިން އިސްވެ ތިބެ ރީ ރެޖިސްޓްރޭޝަން އޮޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް