ރިޔާސީ ކެމްޕޭނުގައި ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ހޯއްދެވުމަށް ސަރުކާރުގެ އިސްވެރިން ރަށްރަށަށް ފުރާ ވަޑައިގަންނަވަމުން ގްރީން ޒޯނުގައި ފަހަކަށް އައިސް ގްރޫޕް ފޮޓޯ ނަންގަވާފައި ހުންނަވާތީ ފެނުން ވަނީ ތަކުރާރުވާން ފަށައިފަ އެވެ.
ޕީޕީއެމްގެ ކެމްޕޭން ހަރަކާތްތަކަށް ގްރީން ޒޯން ބޭނުންކުރުން އާންމުވެފައިވާއިރު، މިދިޔަ ޖޫން މަހު އެމްޑިޕީން އުކުޅަހުގައި ބޭއްވި ކޮންގްރެސްއަށް އެޕާޓީގެ ކޮންގްރެސްމަނުން ފުރަން ތައްޔާރުވީ ގްރީން ޒޯން ގައި ހުންނަ އެމްއެމްއޭގެ ހުޅަނގުން އޮންނަ ސަރަހައްދުނެވެ. ނަމަވެސް އެކަން އެހެން އޮތްކަން އެނގުމާއި އެކު، ދިވެހި ފުލުހުންގެ މުއައްސަސާ އިން ވަނީ ސިޔާސީ ޕާޓީގެ ހަރަކާތްތައް ހިންގުމަށް ގްރީން ޒޯން ބޭނުން ނުކުރެވޭނެކަން އަންގާފަ އެވެ. އެމްޑީޕީއަށް އެ ސަރަހައްދުގެ ބަނދަރު ބޭނުންކުރުންވެސް މަނާކޮށްފަ އެވެ.
ފުލުހުން ޖޫން މަހުގެ 29 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ގްރީން ޒޯނުގެ ގޮތުގައި ކަނޑައެޅިފައިވާ ސަރަހައްދަށް މީހުން އެއްކޮށް ސިޔާސީ ޕާޓީއެއްގެ ކޮންގްރެސްއަށް ފުރުމުގެ ނަމުގައި ގާނޫނާއި ޚިލާފް އަމަލުތަކެއް އެ ސަރަހައްދުގައި ހިންގަން ރާވަމުންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ. އެހެންކަމާއިއެކު ގާނޫނާއި ގަވާއިދާއި ޚިލާފު އެއްވެސް އަމަލެއް ހިންގުމަށް ފުރުސަތު ނުދެވޭނެވާހަކަވެސް ފުލުހުން ބުންޏެވެ.
އެމްޑީޕީގެ ކޮންގްރެސްއަށް އެޕާޓީގެ ކޮންގްރެސްމަނުން އުކުޅަހަށް ފުރުން ފުލުހުން ސިފަކުރީ، ގާނޫނާއި ޚިލާފުކަމެއްގެ ގޮތުގައެވެ. ނަމަވެސް އެ ވިދާޅުވިފަދަ "ކޮންގްރެސް އަށް ފުރުމުގެ ނަމުގައި" އެމްޑީޕީން ގާނޫނާއި ޚިލާފަށް އެއްވެސް ކަމެއް ކުރިކަން އެނގިފައެއް ނެތެވެ. ފަހަރުގައި ފުލުހުންގެ މައްޗަށް މަތިން އައި އޯޑަރަށް ތަބާވީ ތޯއްޗެކެވެ.
އެބޭފުޅުންގެ މަސައްކަތަކަށްވީ އެ ސަރަހައްދުން އެމްޑީޕީގެ މީހުން ފުރިޔަ ނުދީ އެކަން ހުއްޓުވުމެވެ. އެކަން ފުލުހުން ކާމިޔާބުކުރިއެވެ.
އެކަމަކު، އެމްޑީޕީތޯއެވެ. ޕްލޭން ބީ ރާވާލައި ކޮންގްރެސްއަށް ދިމަ ދިމާލުން 1000 ހާ މީހުން އުކުޅަހަށް ފުރުވާލިއެވެ. އެއްވެސް ހަމަ ނުޖެހުމަކަށް ފުރުސަތު ނުދީ، އަމާން އޮމާންކަމާއި އެކު ރާއްޖޭގެ ރަށަކަށް އެންމެ ގިނަ މީހުން އެއްފަހަރާ އަރައި، މުޅި އއ. އުކުޅަސް ފުރާލައި ކޮންގްރެސް ކާމިޔާބުކުރިއެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔައީ އެމްޑީޕީން ކަންކުރާ ރީތި އުސޫލް ސަރުކާރާއި ޕީޕީއެމަށް ތާއީދު ކުރާ މީހުންވެސް ބަލަން ވެއްޖެކަމަށެވެ.
ފުލުހުން ބުނި ޤައިރު ގާނޫނީ އެއްވެސް ކަމެއް ނުހިނގައެވެ. އަދި އެފަދަ ކަމެއް މީހަކު ހިންގަން އުޅެގެން ވަރުގަދަ އިންޓެލިޖެންސް ސެންޓަރަށް މައުލޫމާތެއްވެސް ނުދަނީ ކަންނޭނގެއެވެ. މީހަކާއި މެދު ތުހުމަތެއްވެސް ކޮށްލިތަނެއް ނުފެނުނެވެ. ސާފުވެގެން ދިޔަ ކަމަކީ އެމްޑީޕީން ޖޫން މަހުގެ 30 ވަނަ ދުވަހު އުކުޅަހުގައި ބޭއްވި ކޮންގްރެސް ހުއްޓުވުމުގެ ނިޔަތެއް ސަރުކާރުގެ ކޮންމެވެސް ބަޔަކު އަޑީގައި ތިބެގެން މަސައްކަތް ކުރިކަމެވެ. އެކަމަކު އެކަން ދިޔައީ ހަމަ ޗޮކުންނެވެ.
އެމްޑީޕީގެ ކޮންގްރެސްއަށް ފުރުން ސިޔާސީ ހަރަކާތަކަށް ހަދައި، ޖާގަ ނުދިނުމުގެ ގޮތުން އެމްއެމްއޭ ހިމެނޭ ގްރީން ޒޯނުން ފުރުސަތު ނުދިންއިރު، އޭގެ ފަސް ދުވަސްފަހުން ރައީސް އަބުދުﷲ ޔާމީނަށް ތާއީދު ހޯއްދެވުމަށް މ. އަތޮޅަށް ފުރި ޕީޕީއެމްގެ ކެމްޕެއިން ޓީމް ފުރީ ޖުމްހޫރީ މައިދާން ކުރިމަތިންނެވެ. ނުވިތާކަށް ވަރުގެ ކޮޅަށް ޕިންކް ކޮށްލައިގެން ޓޫރިޒަމް މިނިސްޓަރު އިސްކޮށް ހުންނެވި ކެމްޕެއިން ގްރޫޕްގެ ފޮޓޯ ނަގާފައި ހުރީ ސީދާ ގްރީން ޒޯން، ނުވަތަ ޖުމްހޫރީ މައިދާނުގެ މެދުގައި ތިއްބަވައިގެންނެވެ.
އެދުވަހު ދިވެހި ނޫސްވެރިން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާނަށް އެ ފޮޓޯ ފޮނުވުމަށްފަހު އެބޭފުޅުން އެ ތިއްބެވީ ސިޔާސީ ހަރަކާތަކަށް ފުރަން ގޮސްނޫންތޯ، އެމައުލޫމާތު ފުލުހުންގެ އިންޓެލްއަށް ކުރިން ލިބިފައި ނުވަނީތޯ ސުވާލުކުރިއެވެ. އަދި އެކަން ހުއްޓުވަން ފުލުހުން މަސައްކަތް ނުކުރައްވަނީތޯ އެހުމުން ޝިފާން ކަހާތަން ހިރުވާވެސް ނުލިއެވެ. ނޫސްވެރިން ކުރި ސުވާލަށް ފުލުހުންގެ މީޑިއާއިން ޗުއްޕުވެސް ނުބުންޏެވެ. ބުނާނީވެސް ވަކި ކީކޭ ތޯއެވެ. ފުލުހުން ތިބެނީ ވަކިކޮޅަކަށްޖެހި ސިޔާސީ ވަކިކުލައަކަށް ދީލާލާފައިކަމަށް ދެކެވޭ ވާހަކައަށް މިކަމުން ބާރު ނުލިބޭތޯއެވެ. ނުވަތަ އެބޭފުޅުން ތިއްބެވީ ވަކި ބައެއްގެ ނުފޫޒުގެ ދަށުގައި ނަގޫފިތިފައިކަމަށް ނުދެންނެވޭނެތޯއެވެ.
އެފަދަ އަނެއް މަންޒަރު މިއަދު އަނެއްކާވެސް ވަނީ ތަކުރާރުވެފައެވެ. ހައިރާން ވާންވީ ސަބަބެއްވެސް ނެތެވެ. ފުލުހުންގެ ފުރިހަމަ ހިމާޔަތްވެސް މި ގައުމުގައި ލިބެނީ ވަކިބަޔަކަށެވެ.
އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ދާދި މިދާކަށް ދުވަހު ހުޅުމާލެއަށް ކުރެއްވި ދަތުރުފުޅެއްގައި އެމަނިކުފާނުގެ ގައިކޮޅަށް އަތްލާ މާރާމާރީ ހިންގުމަށް މަސައްކަތްކުރި މީހުން ކެމެރާތަކަކަށް އަރާފައި ހުއްޓެވެ. އެމަންޒަރުތައް ލައިވްވެސް ވިއެވެ. އެބަޔަކު ސާފްކޮށް އެނގެއެވެ. އެ ހަމަނުޖެހުން ހިނގި ސަރަހައްދަށް ފުލުހުން އައިއިރުވެސް އެމީހުން ތިއްބެވެ. އެކަމަކު އެމީހުން މިނިވަންކަމާއިއެކު ހުޅުމާލޭގައި ދެކޮޅަށް ދުއްވާލަދުއްވާލާ ތިއްބެވެ. މިއީ ފުލުހުންގެ ތަފާތުކުރުން ހުރި މިންވަރެވެ. މުޅި މުއައްސަސާއަށްވެސް ހުތުރެވެ.
ޕީޕީއެމްގެ އިސްބޭފުޅުން މިއަދުވެސް ގްރީން ޒޯނުގައި ޕިންކް ޓީޝާޓް ތުރުކުރައްވައިގެން ތިއްބަވާ ފޮޓޯ ޓްވީޓްކޮށް އެއޮށްފުރީ ހުޅުމާލެއަށެވެ. ފުރިހަމަ ހިމާޔަތުގައެވެ. މިއަދު ގްރީންޒޯންގައި އޮތީ ޕިންކް ކުލަޖެހިފައެވެ. ފުލުހުންނަކަށްވެސް އެތަނެއް ނުފެނެއެވެ. މަނަލެއްވެސް ނޫނެވެ. އިންސާފާއި ހަމަހަމަކަން އޮތް މިންވަރު ވަޒަން ކޮށްލައްވާށެވެ.