ރާއްޖޭގެ ވިޔަފާރި މާހައުލު ހުޅުވިފައިވާކަން މޫޑީސް އާއި ފިޗްގެ ރޭޓިންގތަކުން ވެސް ވަރަށް ބޮޑަށް އެންގިގެންދާ ކަމަށް އެންވަޔަރމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ހދ. ހަނިމާދޫ ނަރުދަމާ ނިޒާމުގެ ހިދުމަތްދިނުން ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ވިދާޅުވީ، އިގްތިސާދީ ގޮތުން ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ކަންކަމަކީ މުހިއްމު މަސައްކަތްތަކެއް ކަމަށެވެ.
"ރާއްޖޭގެ ވިޔަފާރި މާހައުލު ހުޅުވިފައި ހުރި ވާހަކަ ބޭރުގެ ރީސަރޗު ކުރާ ފަރާތްތަކުން ވެސް ވަނީ ވަކި ދަރަޖަތަކެއް ދީފައި. ފިޗް އިން މިވަނީ ބީ ޕްލަސްއެއް ދީފައި. މޫޑީސް އިން މިވަނީ ބީޓޫއެއް ދީފައި. ރެޓިންގ ކުންފުނިތަކުން އައިސް ގްރޭޑް ކުރުމަށް ހުޅުވާލާފައި ވެސް ވަނީ ރައީސް ޔާމީންގެ ސަރުކާރުން," ތޯރިގް ވިދާޅުވިއެވެ.
އިންވެސްޓަރުންނަށް ފަހި މާހައުލެއް އޮތް ކަމަށް މިނިސްޓަރ ތޯރިގް ވިދާޅުވެފައިވާ އިރު މޫޑީސްގެ ބީޓޫ ކްރެޑިޓް ރޭޑިންގް އިން އަންގައިދެނީ ރާއްޖެއަކީ އިންވެސްޓް ކުރުމަށް ބޮޑެތި ރިސްކުތަކެއް ކުރިމަތިވާނެ ގައުމެއް ކަމަށެވެ. އެހެން ކަމުން މިއީ އެއްވެސް ވަރަކަށް އިންވެސްޓަރުންނަށް އިންވެސްޓް ކުރުމަށް ފަހި މާހައުލެއްގެ ގޮތުގައެއް ސިފައެއް ނުކުރެވޭނެއެވެ. މިރޭޓީންގގައި ރާއްޖެއިން ނަގާ ލޯންތަކާއި ވިއްކާ ބޮންޑުތަކަށް ވެސް ބޮޑު އިންޓްރެސްޓް ރޭޓެއް ދައްކަންޖެހެއެވެ. ސަބަބަކީ އެފަރާތުން ދޭ ލޯނު ނަގަނީ ބޮޑު ކްރެޑިޓް ރިސްކެއް ހިމެނޭ ގައުމަކަށް ވުމުންނެވެ. އަދި ލޯނު ކުޑަ އިންޓްރެސްޓް ރޭޓެއްގައި ހޯދުމަށް ވެސް ރާއްޖެއަށް މި ރޭޓިންގ އޮތުމުން އެއްވެސް ފަސޭހައެއް ނުވާނެއެވެ.