މީހަކު ގުޅީ ރުޅި ގަދަވެގެންނެވެ. ވެފައި ހުރިވަރުން ރަނގަޅަށް ވާހަކަ ވެސް ނުދެއްކެއެވެ. ފޯނު ހަމަ ނެގުމާ އެކު އަމުނާލީ ބޮޑު ފަތިވަރެކެވެ. މިއީ ދެން ކިހާ ބޮޑު ކަމެއް ހެއްޔެވެ. މިވަރުން ދެން ނޭރިއްޔާ މާ ރަނގަޅު ވާނެއެވެ. މިއުޅެނީކީ ހަނގުރާމައެއްގެ ތެރެއަކު ނޫން ވިއްޔާއެވެ. ދެން ވެސް އެތައް ބައިވަރު އެއްޗެހި ގޮވައިފިއެވެ. ކީ ހުރިހާ ވާހަކަތަކެއް ކިޔޭ ވަރަށް ވުރެ ވެސް ބާޒާރުމަތީ ބަހުރުވަ އަށް ވެސް ވެއްޓުނީމައެވެ.
މާބޮޑަށް ދިގުލީމާ ނުހުރެވިގެން އަހައިފީމެވެ. ވީގޮތް ބުނީ އެހާ ހިސާބުންނެވެ. ރައީސް ޔާމީން ހއ. ދިއްދޫއަށް ވަޑައިގެންނެވިއިރު ބަޑިހިފާފައި ތިބި މީހުންގެ ގިނަ ކަމުން ކުދިން ގަން ބިރުންގެ ސަބަބުންނެވެ. މާ ގިނަ ވާހަކަ ނުދައްކާ އޭނާ ފޮނުވާލީ ފޮޓޯއެކެވެ.
ފެންނަނީ ބަރު ހަތިޔާރާ އެކު ހުރި ސިފައިންގެ މީހެކެވެ. ސީދާ އެޓެންޝަންގައެވެ. ވަޒަން ނާރާ ޖެކެޓާ އެކުގައެވެ. އަޅާފައި ހުރި ލޯކަޅު އައިނުން އިތުރަށް މިލިޓްރީ ވަންތަކަން ދައްކާލައެވެ. އަތުގައި އޮތް ބަޑީގައި ހިފާލާފައި ހުރީ ސިކުންތެއްގެ ތެރޭގައި ވެސް އަމާޒަށް ފޮނުވާލެވޭވަރަށް ތައްޔާރުވެގެންނެވެ. ހީވަނީ އިރާގު ފަދަ ހަނގުރާމަވެރި މައިދާނެގައި އުޅޭ ސިފައިންގެ މީހެއް ހެންނެވެ. އެއީ ރައީސް ޔާމީން ދިއްދޫއަށް ވަޑައިގެން މަރުހަބާ ދަންނަވަން އައިސްތިބި ބޮޑެތި މީހުންނާ ކުޑަކުދިންނާ ސަލާމް ކުރައްވަމުން ގެންދެވި ވަގުތެވެ. އެކަމަކު ގާތުގައި ހުރި ބޮޑުސިންގާ ފިރިހެނެއްގެ ނަޒަރު ހުއްޓިފައި ހުރީ އެސިފައިންގެ މީހާއަށެވެ. މޫނުމައްޗަށް ވެރިވެފައިވާ މަންޒަރުން އެތައް ބައިވަރު ސުވާލެއް ހުރިހެން ހީވެއެވެ. އެތައް ބައިވަރު ވާހަކަތަކެއް ހިތަށް އަރާ ފައިބަމުން ދާކަމަށް ބެލެވެއެވެ.
އަހަންނަށް އެފޮޓޯ ބަލައިލީމާ ފާހަގަ ކުރެވުނީ އަދި މުޅިން އެހެން ކަމެކެވެ. އަންހެނެއްގެ އުރުގައި އިން ކުޑަކުއްޖަކު ބަލަހައްޓައިގެން ހުރި ގޮތުންނެވެ. އަތްޖަހަމުން ދިޔަ އަޑާއި، ހިސާބަކަށް ތައުރީފްކޮށް ގޮވަމުންދިޔަ ހަޅޭކުގެ އަޑު އެކުއްޖާއަށް ނުވެސް އިވޭ ކަހަލައެވެ. ކަޅި ހުއްޓާލައިގެން ހުރީ ސިފައިންގެ ބޭބެއާ ދިމާލަށެވެ. ހަމަ އެފަދަ އެހެން ކުއްޖަކު ވެސް އޭނާގެ ގާތުގައި އިށީނދެލައިގެން އިނނެވެ. އޭނާ އަށް ވެސް އެހަލަބޮލި މާހައުލުގައި އެހެންކަމެއް ހިނގާހެން ވެސް ހީނުވެއެވެ. ސީދާ އެސިފައިންގެ މީހާއަށް ބަލަހައްޓައިގެންނެވެ. ފެންނަ ފެނުމަށް އެކުއްޖާ ހުރީ ކަންބޮޑުވެފައެވެ. ނޫން ނަމަ ބިރުގެންފައެވެ.
ދެން ބަލާލެވުނީ ޓްވީޓް ވެސް ކޮށްފައިވާ އެފޮޓޯއާ ގުޅިގެން މީހުން ކޮށްފައިވާ ކޮމެންޓްތަކަށެވެ. ފުރަތަމަ ކޮމެންޓަކީ ދިއްދޫ ކައުންސިލްގެ ރައީސް ޢަލީ ޙާޝިމް ދީދީގެ ކޮމެންޓެކެވެ. އޭނާ ވިދާޅުވީ ދިއްދޫ ކުޑަކުދިން ބިރުގެންނެވުން ނޫން ކަމެއް ރައީސް ޔާމީން ނުކުރައްވާ ކަމަށާއި ވެރިކަމުގެ ދައުރު ނިމޭއިރު މުޅިން އަލަށް ދިއްދޫއަށް އަޔަތީ ކުރިކަމަކީ މިއީ ކަމަށެވެ. އަދި މަގޭ ރަށުގެ ރައްޔިތުން މިތިބީ ސަރުކާރުން ދައްކާހާ ކަމަކަށް ބޯލަނބާކަށް ނޫން ކަމަށާއި ބިރެއް ނުދެއްކޭނެ ކަމަށެވެ.
Dhidhdhoo kuda kudhin birugennevun noon kameh @presidencymv @PresidentYAG nukurey miadhu! Verikamuga dhauru nimey iru mulhin alah Dhidhdhoo ah ayathee kuri kamakee mi! Magey rashuge rayyithun mithibee sarukaarun dhakkaahaa kamakah bo-lanbaakah noon! Bireh nudhekkeyne! pic.twitter.com/RUzq1qQjyn
— Ali Hashim Didi (@hashimex) July 18, 2018
ކުރީގެ ބަންޑާރަނައިބު އަދި މަޝްހޫރު ޤާނޫނީ ވަކީލު ހުސްނުއް ސުއޫދު ވެސް އެންމެބޮޑަށް ކަންބޮޑުވުން ފާހަގަ ކުރެއްވީ އެކުޑަކުއްޖާއާ މެދުއެވެ. ސުއޫދު ވިދާޅުވީ މިއީ ގާޒާއެއް އަދި ކާބުލްއެއް ނޫން ކަމަށެވެ. މިއީ މުރަކައިން އުފެދިފައިވާ ހަމަހިމޭން ކުދި ޖަޒީރާ ޤައުމެއް ކަމަށެވެ. އެކުޑަކުޑަ ކުއްޖާގެ މޫނުމަތިންވެސް ސިފަވަނީ ފަތުރުވެރިން ސުވަރުގެއެއްގެ ގޮތުގައި ދެކޭ ރާއްޖޭގެ ހާލަތު އޮތް ގޮތްކަންކަމަށެވެ.
This is not from Gaza or Kabul. This is from a peaceful tiny coral island of Maldives. The look on the little girl's face sums up life on this tourist paradise. pic.twitter.com/9jVaeedqpp
— Husnu Al Suood (@hsuood) July 18, 2018
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ކުރިމަތި ކުރެއްވީ ބޮޑު ސުވާލެކެވެ. ހަތިޔާރާއެކު ހުރި ސިފައިންގެ މީހާއަށް އިޝާރާތްކޮށް މުސްތަފާ ވިދާޅުވީ ފެންނާން އެހެރީ އިޒްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ބޮޑީގާޑް ހެއްޔެވެ. އަދި އެއީ ފަލަސްތީނު ހެއްޔޭ ވެސް މުސްތަފާ އައްސަވާފައިވެއެވެ. ފެންނަން އިން ކުޑަކުއްޖާ އެއިނީ ވިރިވިރި ކަމަށް ވެސް މުސްތަފާ ވިދާޅުވިއެވެ.
Mii Palastine tha ehuree Benjamin Netanyahu
— Mohamed Musthafa (@Thimarafushi) July 18, 2018
Prime Minister of Israel ge bodyguard baa? Theedhe kuda kuhjaa e inee fihviriviri! pic.twitter.com/eOWh5JT7FX
ކޮންމެއަކަސް އެފޮޓޯއާ މެދު މީހުން ލައްކަ ވާހަކަ ދައްކައިފިއެވެ. އަދި ރައީސް ޔާމީން ރަށްރަށަށް އަރާވަޑައިގަންނަވާއިރު އެއޮންނަ ފުލުސް ފޯހާއި ސިފައިންގެ ފޯސްއާ މެދު މީހުންނަށް ވަރަށް ގިނަ ކަންކަން ހާމަވެއެވެ. ވަށައިގެން އެތުރޭ ބޮޑީގާޑުންނާއި ސަފުގެ ދެފަރާތުން ހަތިޔާރާ އެކު ހަރަކާތްތެރިވާ ސިފައިންގެ ސަބަބުންނެވެ. ނުގޮތަކަށް ބަލައިލިއަސް އަދި ނޫން ނަމަ ބަހެއް ބުންޏަސް ވާގޮތާއި ވާނޭ ގޮތް ހާމަވާ ކަމަށެވެ. މިސާލެއްގެ ގޮތުގައި އިހަވަންދޫ އިން ފޮޓޯއެއް ނެގި ބަޔަކަށް އެސްއޯ ފުލުހުންގެ ފަރާތުން ލިބުނު އަނިޔާ އިން ސާފުވެއެވެ. އެއްބަޔަކު ބުނަނީ މިއީ އެމަނިކުފާނަށް މީހުންގެ ތާއީދު ނެތުމުން ގަންނާ ކުރައްވާ ބިރުން ކޮށްލާވަރު ކަމަށެވެ. އަދި ތާއީދު ނުކުރާ މީހަކު އަނގައިން ވެސް ބުނިއަ ނުދޭން އަރުވާލާ ވަރު ކަމަށެވެ. އަނެއް ބަޔަކު ބުނަނީ މިއީ ހައިބަތު ދެއްކުން ކަމަށެވެ. ބާރުވެރިކަން ދެއްކުން ކަމަށެވެ. ގަދަފަދަ ކަމާއި ކޮންމެ ގޮތަކުން ވެސް ހުންނަވާނެކަން ހާމަކޮށްދެއްވުން ކަމަށެވެ.
ކޮންމެއަކަސް އެންމެ ފޮޓޯއަކުން ވެސް ލައްކަ ވާހަކަތައް އެނގިއްޖެއެވެ. ޤައުމުގެ ހާލަތު އެނގިއްޖެއެވެ. އަމުދުން ރައީސް ޔާމީންގެ ހާލަތު ވެސް އެފޮޓޯއިން ހާމަވެގެން ހިނގައްޖެއެވެ.