ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގެ ވާހަކައަކީ ސިޔާސީ މަސްރަހުގައި ފާއިތުވި 3 ވަރަކަށް އަހަރު އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައެވެ. މިދެންނެވި މަޝްވަރާތަކުގެ ވާހަކަ ދެކެވޭވަރުން، ބައެއް ފަހަރު މިއީ މަޝްވަރާތައް ކުރިއަށްދާތީ ދެކެވޭ ވާހަކައެކޭ ވެސް ހީވެއެވެ. އެހެންނަމަވެސް ހަޤީޤަތް ބަލާލާއިރު އެކަން އޮތީ ދިމާ އިދިކޮޅަށެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައި އުފެދިފައިވާ ހަލަބޮލި ކަމަށް ސިޔާސީ ޕާޓީތަކާއި ސަރުކާރު މަޝްވަރާއަށްދާ ވާހަކަ 2015 ވަނަ އަހަރުއްސުރެ ދައްކައެވެ. އަދި ވާހަކަތަކުގެ އެއް ބުރު ބޭއްވުމަށް ފަހު ދެފަރާތުން އެއް ބަޔަކު އަނެއް ބަޔަކަށް އެއްޗެހި ގޮވުމަށް ފަހު އެކަންވެސް ފަނުފުލުން ދިޔައީއެވެ.
އިދިކޮޅު ފަރާތްތަކުން ކެންޑިޑޭޓެއްގެ ގޮތުގައި އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) ނެރުމުން ސަރުކާރުގެ ފަރާތުން މިދެންނެވި މަޝްވަރާތަކުގައި އިސްކޮށް މަސައްކަތްކުރައްވާ ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ އިދިކޮޅު ފަރާތްތަކަށް މަޝްވަރާއަށް ގޮވާލެއްވިއެވެ. އަދި އިބޫގެ ރަނިންގމޭޓެއްގެ ގޮތުގައި ފައިސަލް ނަސީމް ނިކުމެވަޑައިގަތުމުން ވެސް މިދެންނެވި މަޝްވަރާތަކަށް ސަރުކާރުން ގޮވާލިއެވެ. އެހެން ނަމަވެސް ސަރުކާރުގެ ޝަރުތަކީ ޝަރުތަކާއި ނުލައި އިދިކޮޅު ފަރާތްތަކުން މަޝްވަރާތަކަށް އައުމެވެ. މަޝްވަރާތައް ކުރިއަށް ނުގޮސްގެން އުޅޭ މައިގަނޑު ސަބަބަކީވެސް އެއީއެވެ.
މިސަރުކާރަކީ ކޮންމެ ކަމެއް ވަރިހަމަ ސަރުކާރެކެވެ. ރައީސް ޔާމީން ކެމްޕޭން ދަތުރުފުޅުތަކުގައި ދައުލަތުގެ ޚަރަދުގައި ވަޑައިގެން ރަށްރަށުގައި ކޯފާ އިސްކުރައްވާ ރާގަކަށް އެދައްކަވާ ވާހަކަފުޅުތަކުން އެކަން ހާމަވައެވެ. އެހެންނަމަވެސް ސަރުކާރުންވެސް މަޝްވަރާތަކަށް ދާން ގޮވާލާ އެއް ސަބަބަކީ މަޝްވަރާތަކަށް ދިޔުން ނޫން ގޮތެއް ސަރުކާރަށް ވެސް ނެތުމެވެ. ކިތަންމެ ވަރަކަށް ކަރުނަ ގޭހާ މުގުރާއި ޖަލުގެ ގޮޅިތައް ބޭނުންކުރިޔަސް، އިދިކޮޅު ފަރާތްތައް މައިތިރިކުރުމަކީ ސަރުކާރަށް ފަސޭހަ ކަމެއް ނޫނެވެ. އިދިކޮޅު ފަރާތްތަކުގެ އުނދަގުލުން ސަރުކާރަށް ސަލާމަތްވެވެން އޮތް ހަމައެކަނި ގޮތަކީ މަޝްވަރާތަކަށް ގޮސް، އިދިކޮޅު ސިޔާސީ ލީޑަރުންނާއި ވާހަކަ ދައްކައިގެން ސަރުކާރަށް އޮތް ޕްރެޝަރ ކުޑަކުރުމެވެ.
2015 ވަނަ އަހަރު ސަރުކާރުން ވަނީ އެކަން ތަޖުރިބާ ކޮށްފައެވެ. ނައިބު ރައީސް އަހުމަދު އަދީބުގެ ބެއްލެވުމުގެ ދަށުން އިދިކޮޅު ފަރާތްތަކާއިއެކު ކުރެވުނު މަޝްވަރާތަކުގެ ފައިދާ ދެފަރާތަށް ވެސް ކުރިއެވެ.
އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކުން ވާހަކަތަކަށް ދިޔުމުގައި ކުރާ ޝަރުތުތައް މިހާރު އެވަނީ ވަރުގަދަ ކޮށްފައެވެ. ވާހަކަތަކަށް ނުގޮސްގެން އިދިކޮޅު ފަރާތްތަކަށް އިތުރަށް ގެއްލޭނެ އެއްޗެއް ނެތް ހިސާބަށް ދިޔުމުން، ދެން އޮންނާނީ ކޮންމެ ގޮތެއް ހަދައިގެން ވެސް އިދިކޮޅު ފަރާތްތަކުން އެމީހުން ގޮތް ދޫނުކުރުމެވެ. މިހިސާބަށް ކަންތައް ދިޔައީ ސަރުކާރުގެ ދޯދިޔާ ކަމުންނެވެ.
އިދިކޮޅު ފަރާތްތަކުން އެވަނީ ވަރަށް ސާފުކޮށް އެފަރާތްތަކުގެ ސްޓޭންޑް ހާމަކޮށްފައެވެ. މިހާރު އޮތް މާހައުލުން މަޝްވަރާތަކަށް ދެވެން ނެތްކަމަށް އިދިކޮޅު ކެންޑިޑޭޓް އިބޫ އެވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދާއި، ރައީސް މައުމޫނާއި، ޤާސިމް އިބްރާހިމްގެ އިތުރުން ޝައިޚް އިމްރާން ބައިވެރިނުކޮށް މަޝްވަރާތަކަށް ނުދެވޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން އެވަނީ ހާމަކޮށްފައެވެ. އަދި ހަމައެއާއިއެކު މެދުވެރިއެއް ނެތި ވާހަކަތަކަށް ދިޔުމަށް އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދައެވެ.
ސަރުކާރަށް ދެން އޮތީ އިޚްލާސްތެރިކަން ދެއްކުމެވެ. ސިޔާސީ މަސްރަހު ހައްލުކުރަން ވާހަކަ ދައްކަން ޖެހެނީ ސިޔާސީ ލީޑަރުންނާއިއެކުއެވެ. އެއީ ޤައިދީންނަށް ވިޔަސް ނުވިޔަސް އެކަން އޮތީ އެހެންނެވެ. އެހެން ނޫންނަމަ ދެން ކޮން މަޝްވަރާއެއްތޯއެވެ؟ ސަރުކާރުން ބޭނުންވާ ބަޔަކާއި މަޝްވަރާ ކުރިޔަސް ސިޔާސީ ލީޑަރުން ނިންމަވާ ގޮތަށް ކަންތައް ކުރަން އާއްމުން އެތިބީ ތައްޔާރަށެވެ. ޖަލަށް ވަޑައިގެން މައުމޫނާއި މަޝްވަރާ ކުރައްވަންވީ ނޫންތޯއެވެ؟ ހަމައެހެން ޝައިޚް އިމްރާންއާއި މަޝްވަރާ ކުރައްވަން ވީ ނޫންތޯއެވެ؟ ޖަރުމަންވިލާތުގައި ހުންނެވި ޤާސިމް އާއި މަޝްވަރާ ކުރައްވަންވީ ނޫންތޯއެވެ؟ އެތަނުގައި އެމްބަސީއެއް އެބަހުއްޓެވެ. ރައީސް ނަޝީދާއި ވެސް ހަމަ މަޝްވަރާކުރައްވަންވީ ނޫންތޯއެވެ؟ ލަންކާގައިވެސް އިނގިރޭސިވިލާތުގައިވެސް ދިވެހި އެމްބަސީތައް އެބަހުއްޓެވެ.
ދެން އޮތީ ބޭރުގެ މެދުވެރިއެއްގެ އެހީގައި ވާހަކަތައް ބޭއްވުމެވެ. 2015 ވަނަ އަހަރު ހިނގި ކަންކަމުގައިވެސް ލަންކާގެ ސިޔާސީ ބޭފުޅުން މެދުވެރިއެއްގެ ރޯލު އަދާކުރެއްވިއެވެ. ހަމަ އެހެން މިފަހަރުވެސް ކަންތައް ކުރެވިދާނެ ނޫންތޯއެވެ؟ އދގެ އެހީގައި އެކަން ނުކުރަންވީ ސަބަބެއް ނެތެވެ. އިޚްލާސްތެރިކަމެއް ހުރިނަމަ އެކަން ސަރުކާރުން ކުރަންވީއެވެ.
ދިވެހި ރައްޔިތުން އުއްމީދު ކުރަނީ މަޝްވަރާތަކަށް ދިޔުމުގެ މަޝްވަރާތައް ދޫކޮށްލައި، އަވަހަށް ހަޤީޤީ މަޝްވަރާތަކަށް ސިޔާސީ ފަރާތްތަކުން ދާނެ ދުވަހަކަށެވެ. ސަރުކާރުގެ ސަޕޯޓަރުން ވެސް ބޭނުންވަނީ ސިޔާސީ ގޮތުން ވެރިކަންކުރާ ޕާޓީއަށް އޮތް ގޮންޖެހުންތައް ނައްތާލުމަށެވެ. އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ ސިޔާސީ ހައްޔަރީން މިނިވަންކޮށް، މިނިވަން އިންސާފުވެރި އިންތިޚާބެއް ލިބުމެވެ. މިހުރިހާ ކަމެއް ވާން އޮތީ މަޝްވަރާ ކޮށްގެންނެވެ. އިޚްލާސްތެރިކަން ދައްކައިގެންނެވެ. އިނބިލީހުގެ ކައިވެންޏަށް ނުވެ، މަޝްވަރާތަކެއް އަވަހަށް ފެންނާނެ ކަމަށް ދިވެހިން އުއްމީދުކުރެއެވެ.