ކ. މާލެ
|
17 ޖުލައި 2018 | އަންގާރަ 21:37
ހުރަވަޅި އައިލެންޑް ރިސޯޓް - މިއަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓް ފޮށި ބަހައްޓަނީ އެންމެ ހަތް ރިސޯޓްގައި
ހުރަވަޅި އައިލެންޑް ރިސޯޓް - މިއަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓް ފޮށި ބަހައްޓަނީ އެންމެ ހަތް ރިސޯޓްގައި
ހުސެން ފިޔާޒް
ރިޔާސީ އިންތިހާބު 2018
ރިސޯޓް ހިއްސާ ނުލިބުނަސް...
ރައީސް ޔާމީން ވަނީ ރިސޯޓް ހިއްސާ މުވައްޒަފުންނަށް ލިބޭނެ ގޮތެއް ހައްދަވާނެ ކަމަށް ވިދާޅުވެފައި
މާޒީގައި ރައީސް ޔާމީނަށް ރިސޯޓްތަކުން މެޖޯރިޓީ ލިބިލައްވާފައެއް ނެތް
ރިސޯޓްތަކުގައި މަސައްކަތްކުރާ މުއައްޒަފުން ވޯޓް ލުމަށް ދިގު ދަތުރުތަކެއް ކުރަން ޖެހޭ

ރާއްޖޭގެ ރިސޯޓުތަކުގެ މުވައްޒަފުން މި އަހަރު ބާއްވާ ރިޔާސީ އިންޠިހާބުގެ ވޯޓުލުމުގެ ހައްގުން މަޙްރޫމުވެދާނެ ކަމުގެ ޚަބަރާއެކު އެންމެންނަށްވެސް ލިބުނީ ބޮޑު ސިޙުމެކެވެ. ސަތޭކައަށްވުރެ ގިނަ ރިސޯޓުގެ ތެރެއިން މިފަހަރު ވޯޓުފޮށި ބަހައްޓާނީ ހަތް ރިސޯޓުގައޭ އިލެކްޝަން ކޮމިޝަނުން ބުނުމުން ލިބުން ޙައިރާންކަން އެއަށްވުރެ ބޮޑެވެ. އެހެންނުވާންވީ ސަބަބެއްވެސް ނެތެވެ. އެއީ ރަންބިސް އަޅާ ކުކުޅެވެ. މި ޤައުމުގެ އިޤްތިސާދު އެމައްޗަށް ބިނާވެފައިވާ މައިގަނޑު ސިނާއަތެވެ. ރާއްޖެއަށް ވަންނަ އެންމެ ގިނަ ބޭރު ފައިސާ އެބައެއްގެ އަތްމަތިން ލައިފާ ވަންނަ މީހުން ތިބި އިންޑަސްޓްރީއެވެ. އެހެންކަމުން އެފަދަ އަގުބޮޑު ސިނާއަތެއްގައި އުޅޭ ރައްޔިތުންނާމެދު އެހާ ބޮޑު އިޙްމާލެއް ވެދާނެ ކަމަށް ޤަބޫލުކުރަން ބޭނުން ނުވާތީއެވެ. އެކަމަށް ކިތަންމެ ބޭނުން ނުވިއަސް ޙަޤީޤަތް ވާނީ ހަމަ ޙަޤީޤަތަށެވެ.

ރާއްޖޭގެ އެކި ރަށްރަށުން އަނބި ދަރިންނާއި އާއިލާތަށް ދޫކޮށް ދުރު ހިސާބު ތަކުގައި ހެދިފައިވާ ރިސޯޓުތަކަށް އައިސް ބުރަ މަސައްކަތްތަކެއް ކުރަމުންދާ ދިވެހި އެތަކެއް ރައްޔިތުންނަކަށް ސަރުކާރުން މި ދޭން އުޅެނީ ކިހާ ބޮޑު ލަނޑެއްތޯއެވެ. މަޙްރޫމް ކުރަން އެ އުޅެނީ ކިހާ ބޮޑު ޙައްޤަކުންތޯއެވެ. އެމީހުންގެ ފިކުރާއި ޚިޔާލު ތިމާމެންނާ ތަފާތު ވުމަކީ ވޯޓު ދިނުންފަދަ އަސާސީ ޙައްޤުތަކުން މަޙްރޫމްކޮށް އަދަބު ދޭންޖެހޭވަރު ކުށެއްތޯއެވެ.

މާޒީގައި ރިސޯޓުތަކުން މެޖޯރިޓީ ލިބިފާ ނެތުމަކީ މިއަދު އެމީހުންގެ ކިބައިން ބަދަލު ހިފަން ވެދާނެ ކަމެއްތޯއެވެ. އެއީވެސް ދިވެހި ރައްޔިތުންނެވެ. އެއީވެސް ދިވެހި އެތައް އާއިލާއެކެވެ. އެމީހުންގެ ބަސްއަހާނެ ކިތަންމެ ބަޔަކުވެސް ތިބޭނެ ނޫންތޯއެވެ. އެހެނަކަމުން އެމީހުންގެ ވޯޓު ހިފަހައްޓައިގެން ހާސިލްކުރެވޭނެ މޮޅެއް އޮންނާނެތޯއެވެ. އެއީ ރަންބިސް އަޅާ ކުކުޅު ބަލަހައްޓާ މީހުންނެވެ. އެ ކުކުޅަށް އަޅާލާ ކާންދޭ މީހުންނެވެ. އެއިން ބިސް އަޅުވައިގެން އެ ބިހުން ދިވެހި އިޤްތިޞާދު ވަރުގަދަ ކުރާ މީހުންނެވެ. އެއީ ބުރަ މަސައްކަތް ކުރާ ބައެކެވެ. މަތިވެރި ޤުރުބާނީއެއްވާ ބައެއްވެސް މެއެވެ.

އެމީހުންގެ ވެސް އުންމީދުތަކަކާއި ހުވަފެން ތަކެއްވެސް ވާނެއެވެ. ރިސޯޓުން ދެއްވަން ބުނި ހިއްސާގެ މަތިން އެމީހުން ހަނދާން ނެތޭހާ ދުވަހެއް އަދި ނުވެއެއްނޫންތޯއެވެ. މިއީ ޒުވާނުންގެ އުންމީދޭ ވިދާޅުވެ އެމީހުންނަށް އުންމީދު ދެއްވި އިރު  ވޯޓުލުން ފަދަ އަސާސީ ޙައްޤަކުން އެމީހުން މަޙްރޫމް ވެގެން ދާ ތަން ބައްލަވަން ކެތްކުރެއްވެނީ ކިހިނަކުންތޯއެވެ. ރިސޯޓުގެ ހިއްސާ ނުލިބުނު ތާންގައި ވޯޓުން މުސްތަޤުބަލު ކަނޑައެޅުމުގެ ފުރުސަތު ރިސޯޓު ތަކުގެ މުވައްޒަފުންނަށް ގެއްލުވާލުމުށްވުރެ ނިކަމެތި ކަމެއް އެމީހުންނަށް ކުރިމަތު ކުރެވިދާނެތޯއެވެ. ތިމާމެންގެ އަމިއްލަ އެދުމަށްޓަކައި އެތައް ހާސް ބައެއްގެ ޙައްޤުތައް ޤުރުބާން ކުރުމަށްވުރެ ހުތުރު އަމަލެއް ހިންގިދާނެތޯއެވެ.

- ކޮމެންޓް