އިލެކްޝަންސް ކޮމިޝަނުން ވޯޓު ފޮށިތައް ބަހައްޓާ ތަންތަނުގެ މައުލޫމާތުތައް ހާމަކުރުމާ ގުޅިގެން އެންމެ ބޮޑަށް ފާހަގަކުރެވިގެންދިޔަ އެއް ކަމަކީ،ރިސޯޓުތަކުގައި ބެހެއްޓޭ ވޯޓު ފޮށިތަކުގެ އަދަދު މަދު ކުރެވުމެވެ. ގާތްގަނޑަކަށް 130 ރިސޯޓުގައި މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ބަހައްޓަނީ ހަތް ރިސޯޓުގައެވެ. އެއީ ކުރަމަތި އައިލެންޑް ރިސޯޓާއި ކޮންރަޑް މޯލްޑިވްސް ރަންގަލި އާއި ސަން އައިލެންޑް ރިސޯޓާއި ބަނޑޮސް މޯލްޑިވްސް އާއި ޕެރެޑައިސް އައިލެންޑް ރިސޯޓު އެންޑް ސްޕާ އާއި ކުރެއްދޫ އައިލެންޑް ރިސޯޓާއި ދަ ސަން ޝިޔާމް އިރުފުށި މޯލްޑިވްސްގައެވެ.
މިފާއިތުވެދިޔަ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި 40 ރިސޯޓުގައި ވޯޓު ފޮށި ބެހެއްޓިފައިވެއެވެ. އޭރު ރިސޯޓެއްގައި ވޯޓު ފޮއްޓެއް ބަހައްޓަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 100 އަށް ވުރެ މަތިވުމުންނެވެ. އެހެން ނަމަވެސް މިފަހަރު އިލެކްޝަންސް ކޮމިޝަނުން ވަނީ މި ސީލިންގ ބޮޑު ކޮށްފައެވެ. އެގޮތުން ވޯޓު ފޮށި ބަހައްޓަނީ 250 މީހުން އެރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ ސަބަބުންނެވެ.
މިކަމާ ގުޅިގެން ރިސޯޓްގެ ގިނަ މުވައްޒަފުންތަކެއް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ރާއްޖެއެމްވީއާ ވާހަކަ ދެއްކި އެއް މުވައްޒަފަކު ހާމަކޮށްފައިވާ ގޮތުގައި ކޮންމެ ރިސޯޓެއްގައި ވެސް ވޯޓު ފޮއްޓެއް ބަހައްޓަން ޖެހޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.
" މިއީ މުޅި އިންޑަސްޓްރީ ހުރިހާ މުވައްޒަފުން ވެސް ކަންބޮޑުވާ ކަމެއް. މީގެ ކުރީ އަހަރުތަކެކޭ ވެސް އެއްގޮތަށް ވޯޓު ފޮށި ބަހައްޓަންޖެހޭ. އެންމެ ހަތް ރިސޯޓުގައި ބެހެއްޓުމަކީ ވަރަށް ނާއިންސާފުން ކުރާ ކަމެއް. މިނިންމުން ބަދަލު ކުރަން އިލެކްޝަންސް ކޮމިޝަނުން ޖެހޭ." ރިސޯޓް މުވައްޒަފަކު ކިޔާދިނެވެ.
މީގެ އިތުރުން ރިސޯޓެއްގައި މަސައްކަތް ކުރާ އެހެން މުވައްޒަފަކު ބުނީ، މިފަދަ ބަދަލެއް ގެނައުމުން އެއް ފަހަރާ ހުރިހާ މުވައްޒަފުން ކައިރި ސަރަހައްދުތަކަށް ވޯޓުލުމަށް ދިއުން ވާނީ ވަރަށް އުނދަގޫ ކަމަކަށް ކަމަށާއި ދެ ޝިފްޓަށް މުވައްޒަފުން ދިޔައަސް އެއީ ވާނޭ ކަމެއް ނޫން ކަމަށެވެ.
" ރިސޯޓުތަކުގައި މަސައްކަތް ކުރާ ކުދިންނަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވާނެ. ވަޒީފާ އަދާ ކުރަނީ ޑިއުޓީ ޝިފްޓްތަކަށް ބަހާލައިގެން. ވަން އެންޑް އޮންލީ އަށް ބަލާއިރު އެންމެ ކައިރީވެސް އޮންނާނީ ގާފަރު. އެރަށަށް ދެވޭނީ 3 ގަޑިއިރުން. މޫސުން ގޯސް ވެއްޖެ ނަމަ އިތުރަށް ދަތިތަކާ ކުރިމަތިވާނެ." ވަން އެންޑް އޮންލީ ރިސޯޓުގައި މަސައްކަތް ކުރި މުވައްޒަފަކު ކިޔާދިނެވެ.
އެހެން މުވައްޒަފަކު ބުނީ މިފަދަ ގޮތަކަށް ބަދަލު ގެނައުމުން ދަތުރުފަތުރު ކުރުމަށް ބޮޑު ހޭދައެއް ކުރަންޖެހޭނެ ކަމަށެވެ.
"ވިއްސަކަށް މިނެޓް ނަގާނެ ސްޕީޑް ލޯންޗެއްގައިވެސް ދާން. ރިސޯޓަކަށް ވެސް ފަސޭހައެއް ނުވާނެ ހުރިހާ ސްޓާފުންނަށް ޓްރާންސްފާ ހަމަޖައްސާދޭން. ދެތިން ހަތަރު ފަހަރު ދަތުރު ކުރަންޖެހޭނެ. އިލެކްޝަންސް ކޮމިޝަނުން އަޅުގަނޑުމެންނަށް ޓްރާންސްފާ ހަމަޖައްސާދޭތޯ. އަޅުގަނޑަކަށް ހިޔެއް ނުވޭ އެގޮތަށް ވާނެ ހެންނެއް. ވަރަށް ބޮޑު އުނދަގުލެއް ކުރިމަތިވާނެ."
މިބަދަލާ ގުޅިގެން ގިނަ ބަޔަކު ތަފާތު އެކި ގޮތްގޮތަށް އަންނަނީ ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މިފާއިތުވެދިޔަ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ބޮޑު ތާއީދެއް ލިބިފައި ވަނީ އިދިކޮޅު ފަރާތްތަކަށް ކަމަށެވެ. އެގޮތުން ރިސޯޓުތަކުގައި ވޯޓުލީ މީހުންގެ ގާތްގަނޑަކަށް 90 ޕަސެންޓް ތާއީދު ލިބިގެންދިޔައީ އިދިކޮޅު މެންބަރުންނަށެވެ. އަދި މި ފަހަރު އިންތިހާބާ ކުރިމަތިލާއިރު ވެސް ރައީސް އަބްދުﷲ ޔާމީނަށް ރިސޯޓުތަކުން މާ ބޮޑު ތާއީދެއް ލިބޭނެ ކަމަށް ނުބެލެވޭ ކަމަށް ސަރުކާރަށް އެނގޭ ކަމަށް ވެސް އެފަދަ ފަރާތްތަކުން ބުނެއެވެ. ސަބަބަކީ ރިސޯޓްތަކުގެ މުވައްޒަފުންނަށް ރިސޯޓްތަކުގެ ހިއްސާ ލިބޭނެ ކަމަށް ވީ ވައުދު ނުފުއްދުމާއި އެ ނޫން ވެސް ގިނަ ކަންކަން ރިސޯޓުގެ މުވައްޒަފުންނަށް ކޮންދިނުމަށް ވައުދުވެ އެ ވައުދުތައް ފުއްދާ ދެވިފައި ނެތުމުންވެސް ރިސޯޓުގެ މުވައްޒަފުންގެ ވޯޓު މިފަހަރު ނުލިބޭނެ ކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އިލެކްޝަންސްގެ މި ނިންމުމަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ އެގޮތުން ރިސޯޓުތަކުގައި 250 މީހުން ހަމަވާންޖެހޭ ކަމަށް ބުނާއިރު އެއަށް ވުރެ މާ އާބާދީ މަދު ރަށްރަށުގައި ވެސް ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
ރިސޯޓްތަކުގައި ވަޒީފާ އާދާކުރާ ދިވެހިންނަށް ވޯޓުލުމުގެ ހައްގުން މަހްރޫމްވާ ގޮތަށް އިލެކްޝަނުން ކަންކަންކުރަމުން ގެންދާ ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔަމުންދާ އިރު އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހްމަދު އަކްރަމު ވިދާޅުވީ، ރިސޯޓްތަކުގައި ވޯޓު ފޮށިތައް ބެހެއްޓޭ ވަރު މަދު ކުރީ މިފާއިތުވެދިޔަ ފަހަރު ތަކުގައި ބައެއް ރިސޯޓުތަކުން ވޯޓުލުމުގައި ކުރިމަތިވި ދަތިތަކުގެ ސަބަބުން ކަމަށެވެ.
"ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައަޅާފައިވާ ސީލިންގ ބޮޑު ކުރުމަށް ނިންމީ މިފާއިތުވެދިޔަ އިންތިހާބުތަކުގައި ކަންކަން ކުރިމަތިވި ގޮތުން. މިދިޔަ ކައުންސިލް އިންތިހާބުގައި ވޯޓުލުން ފެށުން ފަހުން ބައެއް ރަށްރަށުގައި ވޯޓު ފޮށި ހުރި ތަން ބަދަލު ކުރަން ޖެހުން ފަދަ ކަންކަން ކުރިމަތިވި." އަކްރަމް ވިދާޅުވިއެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރިސޯޓުތަކުން 18700 މުވައްޒަފުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު ވޯޓު ފޮށި ބަހައްޓާ ހަތް ރަށުގައި އެކަނި ތިބީ ގާތްގަނޑަކަށް 2000 މުވައްޒަފުންނެވެ. އަދި 20 ރިސޯޓެއްގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 200 އަށް ވުރެ ގިނަ މުވައްޒަފުން އެބަ ތިބިކަން އޭނާ ފާހަގަކުރެއްވިއެވެ.
ސެޕްޓެމްބަރު މަހު ފަހުކޮޅަކީ އާންމު ގޮތެއްގައި ރިސޯޓުތަކުގައި އޮކިއުޕެންސީ ރަގަޅު ދުވަސްވަރެކެވެ. އަދި އާދިއްތަ ދުވަހަކީ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަރަށް ބުރަކޮށް އުޅޭނެ ދުވަސްވަރެއްކެވެ. ސަބަބަކީ ގިނަ ބިދޭސީ މުވައްޒަފުންގެ އޮފް ދުވަހަކީ އާދިއްތަ ދުވަސް ކަމަށް ވުމެވެ. އެމީހުންގެ އޮފް ދުވަހުގައި ދިވެހިން ވޯޓުލަން އެހެން ރަށްރަށަށް ދިއުމަކީ މަސައްކަތްތައް ހުއްޓާނުލައި ކުރަން ވަރަށް އުނދަގޫ ކަމެއް ކަމަށް ގިނަ މުވައްޒަފުން ބުނެއެވެ. މިކަންކަމާ ހުރެވެސް ކައިރި ރައްތަކަށް ވޯޓުލުމަށް ދިއުމަށް ދަތިތަކާ ކުރިމަތިވާނެ ކަމަށް ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ބުނެއެވެ.
މީގެ ކުރިން ވެސް ގިނަ އިންތިހާބުތަކެއް ބޭއްވުނު އިރު ފަތުރުވެރިކަމުގެ ދާއިރާއަށް ލޮޅުން ނާރާ ގޮތަށް ކަންކަން އިންތިޒާފު ކުރެވިފައިވާ އިރު މި ފަހަރު ވެސް އެގޮތަށް ކަންތައްތައް ވެގެންދިއުމަށް މުވައްޒަފުން ނުއެދެއެވެ. މުވައްޒަފުން އެދެނީ އިލެކްޝަންސް ކޮމިޝަނުން މި ނިންމުން ބަދަލުކޮށް ހުރިހާ ފަރާތްތަކަށްވެސް ފުރިހަމަ މިނިވަންކަމާއެކު ވޯޓުލުމުގެ ހައްގު ކަށަވަރު ވެގެންދިއުމެވެ.