ކ. މާލެ
|
13 ޖުލައި 2018 | ހުކުރު 17:42
އިބޫއަށް މަރުހަބާ ކިޔުމަށް ގަން އެއާޕޯޓަށް ގޮސްތިބި މީހުންނާ ސަލާމްކުރައްވަނީ
އިބޫއަށް މަރުހަބާ ކިޔުމަށް ގަން އެއާޕޯޓަށް ގޮސްތިބި މީހުންނާ ސަލާމްކުރައްވަނީ
މުހައްމަދު ޝަރުހާން
އިބޫ އައްޑުއަށް
އައްޑޫ ދަތުރު: އިބޫ އަށް ހޫނު މަރުޚަބާއެއް
މި ދަތުރުފުޅުގައި އިބޫ ފުވައްމުލަކަށް ވެސް ވަޑައިގަންނަވާނެ
މިއީ އައްޑޫއަށް އީދެއް

ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ފުރަތަމަ ކެމްޕެއިން ދަތުރުފުޅުގައި ވެސް އައްޑޫން ވަރަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ. 

އިބޫ އާއި ގުޅިފައިވާ ޕާޓީތަކުގެ ޓީމް ހުކުރު ދުވަހު ހަވީރު އައްޑޫއަށް ވަޑައިގަތީ މުޅި ރާއްޖޭގައި ފެށުމަށް ނިންމާފައިވާ ގުޅިފައިވާ ޕާޓީތަކުގެ ދޮރުން ދޮރަށް ކެމްޕެއިން ރަސްމީކޮށް ފެށުމުގެ ގޮތުންނެވެ. އިބޫ އަށް މަރުހަބާ ކިޔުމަށްޓަކައި 700 އަށް ވުރެ ގިނަ މީހުން މިއަދު ގަން އެއާޕޯޓަށް އެއްވި އެވެ. ސަޕޯޓަރުންނާ ސަލާމްކުރެއްވުމަށް އިބޫ ގިނަ ވަގުތުތަކެއް ހޭދަކުރެއްވެވި އެވެ. 

އައްޑޫގައި ހުރި ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުރުޝިދު އަބްދުލް ހަކީމް ބުނި ގޮތުގައި "އައްޑޫން ފެނިގެންދަނީ އީދެއް އައިސްގެން އުޅޭހެން" ކަމަށެވެ. 

އައްޑޫގައި ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުގައި އިބޫ ވިދާޅުވީ މިހާރު މިރާއްޖޭގައި އޮތް އަނިޔާވެރިކަމުން ސަލާމަތްވުމަށް އައްޑޫ ރައްޔިތުން ކެތްމަދުވެފައިވާ މިއަދު އެކަނިވެސް އެނގިގެން ހިނގެއްޖެ ކަމަށެވެ. 

އައްޑޫ ތަރައްގީ ނުކޮށް ދިވެހިރާއްޖެ ތަރައްގީ ނުވާނެ ކަމަށާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ފައްޓަވާފައިވާ ތަރައްގީގެ މަޝްރޫއުތައް އެގޮތުގައި ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި އެވެ. 

އިބޫގެ ފުރަތަމަ ދަތުރުފުޅުގައި އައްޑޫ ސިޓީ ހިތަދޫގައި ކެމްޕެއިން ޓީމްތަކާ ބައްދަލުކުރާނެ އެވެ. ދޮރުން ދޮރަށް ރަސްމީކޮށް ފަށާނީ ފޭދޫންނެވެ. އެއަށްފަހު ހުޅުދޫ އާއި މީދޫއަށް ވަޑައިގެން އެ ދެ ރަށުގައި ވެސް ދޮރުން ދޮރަށް ކެމްޕެއިން ކުރިއަށް ގެންދިއުމާއި ކެމްޕެއިން ޓީމްތަކާއި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ފުވައްމަލު ސިޓީއަށް އިބޫ ވަޑައިގަންނަވަނީ ހޮނިހިރު ދުވަހުގެ މެންދުރު ފަހުގައެވެ. އަދި އެ ސިޓީގައި ވެސް ދޮރުން ދޮރަށް ކެމްޕެއިން ކުރެއްވުމުގެ އިތުރަށް އެރަށުގެ ކެމްޕެއިން ޓީމްތަކާއި އިބޫ ބައްދަލުކުރައްވާނެއެވެ. އާދިއްތަ ދުވަހު ފުވަމުއްލަކުން އެނބުރި އައްޑޫއަށް ވަޑައިގެން މަރަދޫ އާއި ހިތަދޫގެ ގެތަކަށް އިބޫ ޒިޔާރަތްކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖައްސަވާފައެވެ.

ކެންޑިޑޭޓޭއްގެ ގޮތުގައި ކަނޑައެޅި ފަހުން އިބޫ ވަނީ މާލޭ ސިޓީގައި ދޮރުން ދޮރަށް ކެމްޕެއިން ކުރައްވާފައެވެ. އެގޮތުން މާލެ އާއި ވިލިމާލެ އަދި އަންގާރަ ދުވަހު ހުޅުމާލޭގައި ވެސް ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް