ކ. މާލެ
|
7 ޖުލައި 2018 | ހޮނިހިރު 18:04
ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހީމާއި އެ ޕާޓީއާ ދާދިފަހުން ގުޅިވަޑައިގެން އެ ޕާޓީގެ ރައީސްކަން ހޯއްދެވި އަލީ ވަހީދު
ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހީމާއި އެ ޕާޓީއާ ދާދިފަހުން ގުޅިވަޑައިގެން އެ ޕާޓީގެ ރައީސްކަން ހޯއްދެވި އަލީ ވަހީދު
ޓްވިޓަރ
ރިޔާސީ އިންތިޚާބު 2018
ޤާސިމްގެގެ ޚިޔާލީ ވަޢުދު - ޚިޔާލީ ފޮލައެއް؟
ޚިޔާލީ ކެބިނެޓެއް އިއުލާންކުރެއްވުމަށް ފަހު މިފަހަރު އިއުލާންކުރެއްވީ ޚިޔާލީ ވައުދުތަކެއް
ގިނައިން ހުރީ އެމްޑީޕީގެ މެނިފެސްޓޯގައި ވެސް ހުރި ވާހަކަތައް
އެމްޑީޕީގެ މުހިންމު ބައެއް ވައުދުތަކާ ދެކޮޅު ވިސްނުން ވެސް ހުރި

ޤާސިމް އިބްރާހިމް އިއުލާންކުރެއްވި ޚިޔާލީ ކެބިނެޓަކާ އެކު މުޅި ކޯލިޝަންތެރެއަށް ގުޑުމެއް އެރިއެވެ. އެމްޑީޕީއިންނާއި ޖޭޕީއިން މިކަން ދޮގުކުރިޔަސް އެކަން ހިނގީ އެހެންނެވެ. އެމްޑީޕީގެ ބައިވެރިވުމެއް ނެތް ގޮތަށް ޤާސިމް ކެބިނެޓް އިއުލާންކުރެއްވުމުން އެމްޑީޕީއަށް ސިހުން ލިބުނު ކަމަށް ޚުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް ވާހަކަ ދައްކައިގެން، ނުވަތަ ކޯލިޝަންގައި އޮތް އެންމެ ބޮޑު އަދި އެންމެ ތާޢީދު ބޮޑު ޕާޓީއަކީ އެމްޑީޕީކަމުން، އެކާޑު ކުޅެގެން ނަމަވެސް، އެކަން އެމްޑީޕީ އިން ހައްލުކުރިއެވެ. ޕާޓީތަކުގެ މަޝްވަރާއާ އެކު ރިޔާސީ ކެންޑިޑޭޓަކީ އެމްޑީޕީގެ ކެންޑިޑޭޓެއް ކަމަށާއި، ރަނިންގމޭޓަކީ ޖޭޕީގެ ބޭފުޅެއް ކަމަށް ހަމަޖެހުނެވެ.

އެއާ އެކު އަނެއްކާ ވެސް ޤާސިމް އެވަނީ ހަމަ އެކަހަލަ ސިހުމެއް އެމްޑީޕީއަށް ގެނުވާފައެވެ. އެތައް ދުވަހެއްގެ ދިރާސާތަކަކަށް ފަހު، އެތަކެއް ކޮމިޓީތަކެއްގެ ބައްދަލުވުންތަކަކަށް ފަހު އެމްޑީޕީ އިން އެކުލަވާލި މެނިފެސްޓޯ އިއުލާންކޮށްފައި އޮއްވައި، ހަމަ ކުއްލިއަކަށް އެއާ ދިމާ އިދިކޮޅަށް ބައެއް ކަންކަން ހުށަހަޅުއްވައި، އޭގައި ހުރި ބައެއް ކަންކަން ތަކުރާރު ކުރައްވައި، ޤާސިމް އިބްރާހިމް ވަރުގަދަ ހުށަހެޅުންތަކެއް ހުށަހަޅުއްވައިފިއެވެ. އެމްޑީޕީ އިން އެތަކެއް ދިރާސާތަކެއް ކޮށް ރައްޔިތުންގެ ހިޔާލު ހޯދައި އެތައް ދެލި ކޮޕީއަކަށް ފަހު އިއުލާންކުރި މެނިފެސްޓޯއަށް ޤާސިމް ހުށަހެޅުއްވި 'ޚިޔާލުތަކަކީ' ކިހާ ވަރަކަށް ފިކުރު ކުރައްވާފައި ނުވަތަ ދިރާސާކުރައްވާފައި އެމަނިކުފާނު ހުށަހެޅުއްވި އިސްލާހުތަކެއްތޯ ސުވާލު އުފެދެއެވެ. އެ ވައުދުތައް އެކުލަވައިލެއްވުމަށް އެމަނިކުފާނު ހިޔާލު ހޯއްދެވީ ކޮން ރައްޔިތެއްގެ ކިބައިން ކަމެއް ނުވަތަ ޕާޓީގެ ކޮން ކޮމިޓީއަކުން ކަން ކަމެއް ނޭނގެއެވެ.

ޤާސިމް ހުށަހަޅުއްވާފައިވާ އެންމެ ފުރަތަމަ ކަމަކީ އިސްލާމް ދީނަށް އެއްވެސް މިންވަރަކަށް އުނިކަމެއް އަންނާނެ ކަމެއް ނުކުރުމެވެ. ސައްތައިން ސައްތަ އިސްލާމީ މި ޤައުމުގައި އެހެން ދީނެއް ފަތުރަން ނުވަތަ ދީނަށް ފުރައްސާރަކުރަން އުޅޭ ސަރުކާރެއް ގެންނަން ވިސްނާނީ ވެސް މޮޔައެކެވެ. އަދި އެއީ ވައުދެއް ނުވިއެއް ކަމަކު ގާނޫނުއަސާސީ އާއި ދިވެހިންގެ އަސްލު ވެސް ބިނާވެގެންވާ ކަމެކެވެ. އެމްޑީޕީ އިން ހުށަހަޅާފައިވާ މެނިފެސްޓޯގެ 10 ވަނަ ސޮފްހާގައި ވެސް އިސްލާމް ދީން ހިމާޔަތްކޮށް، ކުރިއެރުވުމަށް މަސައްކަތްކުރާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. 

ދެ ވަނަ ކަމަކަށް ޤާސިމް ހުށަހެޅުއްވީ ހެޔޮލަފާ ކޯލިޝަން ވެރިކަމެއް ކުރުމަށެވެ. ކޯލިޝަންތަކަށް ޤާނޫނީ ހައިސިއްޔަތު ގެންނަ ވާހަކަ އެމްޑީޕީގެ މެނިފެސްޓޯގެ 97 ވަނަ ސޮފްހާގައި އެބައޮތެވެ. 

ތިން ވަނަ ކަމެއްގެ ގޮތުގައި ޤާސިމް ހުށަހެޅުއްވި ހުށަހެޅުއްވުމަކީ ސަލާމަތީ ޚިދުމަތްތަކުގެ ސަޕޯޓް ހޯއްދެވުމަށް ދެއްކެވި ވާހަކަފުޅެއް ކަމަށް ބެލެވެއެވެ. ސިފައިންނާއި ފުލުހުންގެ ޚިދުމަތަށް ޤާނޫނަކުން ވިޔަސް އަދި އެނޫން ގޮތަކުން ވިޔަސް އުނިކަމެއް ނުގެނައުމަށް ޤާސިމް ގޮވައިލެއްވިއެވެ. އަދި ރާއްޖެ އިން ބޭރުން ސިފައިން ނުގެނައުމަށް ޤާސިމް ގޮވައިލެއްވިއެވެ. ޤާސިމް މިފަދަ ވާހަކައެއް ދެއްކެވުމުން ބައެއް ފަރާތްތަކަށް ހީވީ އެމްޑީޕީ އިން ސިފައިންނާއި ފުލުހުންގެ ބާރު ކަނޑުވާލައި، ރާއްޖެއަށް ބޭރުގެ ސިފައިން ގެންނަން އުޅެނީހެންނެވެ. އެހެން ނަމަވެސް އެފަދަ އެއްވެސް ވާހަކައެއް އެމްޑީޕީގެ މެނިފެސްޓޯގައި އަދި އެޕާޓީގެ އިސް މަޤާމެއްގައި ހުރި މީހަކު ވެސް ބުނެފައެއް ނެތެވެ. ފުލުހުންނާއި ސިފައިންނަކީ ވެސް ޤާނޫނަކުން ބާރު ލިބިގެން މަސައްކަތްކުރާ، އެޤާނޫނުތަކުގެ އިމުން ބޭރުވެއްޖެ ނަމަ ޤާނޫނާ ޚިލާފު ބައެއް ކަމަށް ކޮންމެ ބަޔަކު ތިއްބަސް ކަނޑައަޅަން ޖެހޭނެއެވެ. 

ޤާސިމް ހަތަރު ވަނަ ކަމެއްގެ ގޮތުގައި ހުށަހެޅުއްވީ ބޭރުގެ ފަނޑިޔާރުން ނުގެނައުމަށާއި، ސިޔާސީ ނުފޫޒުން ޖުޑީޝަލް ސަރވިސް ކޮމިޝަން މިނިވަންކުރުމަށެވެ. ޖޭއެސްސީ މިނިވަންކުރުމަކީ އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ކަމެކެވެ. މެނިފެސްޓޯގެ 106 ވަނަ ސޮފްޙާގައި އެވާހަކަ ބަޔާންކޮށްފައި ވެއެވެ. އެހެން ނަމަވެސް ބޭރުގެ ފަނޑިޔާރުން ރާއްޖެ ގެނެސް، ރާއްޖޭގެ ފަނޑިޔާރުން ތަމްރީންކޮށް، ޝަރުޢީ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބޭރުގެ މުސްލިމް ފަނޑިޔާރުން ގެނެސްގެން ރާއްޖޭގެ ޝަރުޢީ ދާއިރާއާ މެދު އިތުބާރު އުފެއްދުމަކީ އެމްޑީޕީގެ އެއް ވައުދެވެ. ރާއްޖޭގެ އެހެން ހުރިހާ ދާއިރާއެއްގައި ވެސް ބޭރު މީހުން އުޅޭ ފަދައިން ޝަރުޢީ ދާއިރާގައި ވެސް ބޭރު މީހުން ހަރަކާތްތެރިވުމަކީ މައްސަލައެއް ނޫނެވެ. އަދި އެއީ މިހާރު ރާއްޖެ އޮތް ހާލަތަށް ބަލާއިރު ކުރުން ރަނގަޅު ކަމެއް ކަމަށް ބެލެވެއެވެ.

ބޭރު ފަނޑިޔާރުން ގެނައުމުގެ ވާހަކައިގެ ތަފްސީލެއް އަދި ހާމަކުރުމުގެ ކުރިން އެ ވާހަކަ ދައްކާ ފަރާތްތަކަށް ހަނދާންކޮށްލަންޖެހޭ ކަމެއް އެބަ އޮތެވެ. މިހާރު މި އަމަލުކުރާ ގާނޫނު އަސާސީގެ ފުރަތަމަ ޑްރާފްޓް ހެއްދެވީ ބޭރުގެ ގާނޫނީ މާހިރެކެވެ. މި އިސްލާމީ ދިވެހިރާއްޖޭގެ އާ ގާނޫނުލްއުގޫބާތު އެކުލަވާލެއްވީ އެމެރިކާގެ ގާނޫނީ މާހިރެކެވެ. ރާއްޖޭގެ ގާނޫނުއަސާސީ ވެސް ފުރަތަމަ ޑްރާފްޓްކުރީ ބޭރުގެ ތަޖުރިބާކާރުން ކަމަށްވުމުން ގާނޫނުތަކުގައި މިހާރު ހުރި މައްސަަލަތަކާއި އެއަށް ގެނެވޭނެ ހައްލުތައް މިސާލާ އެކު ދެއްކުމަށް ބޭރުގެ މޮޅެތި ތަޖުރިބާކާރު ފަނޑިޔާރުންގެ އެހީތެރިކަން ބޭނުން ވެއެވެ. 

ޤާސިމްގެ 'ޚިޔާލީ ވައުދު'ތަކުގެ ތެރޭގައި 2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ވައްޓާލަން "ދީނަށްޓަކައި ޤައުމަށްޓަކައި" އޭ ބުނެ ނިކުތް މީހުން ހިތްހަމަޖައްސަން ގިނަ ކަންތައްތަކެއް ހުށަހަޅުއްވާފައި ވެއެވެ. އެގޮތުން އެއަރޕޯރޓް ފަދަ ސްޓްރެޓީޖިކް އިންވެސްޓްމަންޓްތައް އެއްވެސް ބައެއްގެ އަތްމައްޗަށް ދޫކޮށްނުލާނެ ކަމަށް ވިދާޅުވެފައި ވެއެވެ. މިފަދަ އިންވެސްޓްމަންޓްތައް ދިވެހިންނަށް ގެއްލުން ލިބޭ ގޮތަށް ބޭރުގެ ފަރާތްތަކުގެ އަތްމައްޗަށް ދިޔަ ނުދިނުމަށްޓަކައި ރީނެގޯޝިއޭޓްކުރަން ޖެހޭ އެއްބަސްވުންތައް ރީނެގޯޝިއޭޓްކުރާނެ ކަމަށް އެމްޑީޕީގެ މެނިފެސްޓޯގައި ވެއެވެ. އެހެން ނަމަވެސް ދިވެހިންނަށް ފައިދާވާ ގޮތަށް މިފަދަ އިންވެސްޓްމަންޓްތައް ރާއްޖެ އާއި ބޭރުގެ ފަރާތްތަކަށް ހުޅުވާލުމަކީ މުހިއްމު ކަމެކެވެ. އެއީ ބަވަނަވީ މި ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް އިގްތިސާދު ފުޅާކުރަނީ ބައިނަލްއަގުވާމީ ކުންފުނިތަކުގެ އެހީގައިކަން ހަމަ ރަނގަޅަށް ފެންނަން އެބަ އޮތެވެ. 

ޤާސިމްގެ ވައުދުތަކުގައި އެމަނިކުފާނަށް ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތަށް ޤާނޫނު އަސާސީއަށް ގެނެވިފައިވާ ބަދަލުތައް އިއާދަކުރުން ހިމެނެއެވެ. މިކަންކަމަކީ އިންތިޤާލީ ސަރުކާރެއްގައި ކުރަން އެމްޑީޕީ އިން ހުށަހަޅާފައިވާ ކަންކަމެވެ. 

ޤާސިމް ހުށަހަޅުއްވާފައިވާ ހަތް ވަނަ ކަމަކީ އެއްވެސް މިންވަރަށް މަސްތުވާތަކެތި ދިވެހި މުޖްތަމައުގައި ބަލައިނުގަތުމެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތަކީ އެމްޑީޕީ އިން 2008 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ މަސައްކަތެކެވެ. ކޮންމެ އިންތިޚާބެއްގައި ވެސް އެމްޑީޕީ އިން ހުށަހަޅާ ވައުދުތަކުގެ ތެރޭގައި މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރުމަށް ކަންތައްތަކެއް ހުށަހަޅައެވެ. މި ފަހަރުގެ މެނިފެސްޓޯގައި އެމްޑީޕީން ހިމަނާފައި ވަނީ ބާރުގަދަ މަސްތުވާތަކެތީގެ ވާހަކައެވެ. އެހެން ލިޔެފައި އޮތުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ޓުއަރިޒަމްގައި ބަނގުރަލަކީ މުހިންމު އެއްޗަކަށް ވެފައި އެއްވެސް ބާވަތެއްގެ މަސްތުވާތަކެތި ރާއްޖެ އަށް އެތެރެނުކުރާނެ ކަމަށް މެނިފެސްޓޯގައި ހިމަނައި އެކަން ތަންފީޒުކުރަން އުޅެފި ނަމަ އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ރިސޯޓު އޯނަރުން ކަމަށް ވުމެވެ. އަދި ޓުއަރިޒަމް ބައްޓަންވެފައިވާ ގޮތުން ރާ އެތެރެނުކުރެވޭ ގޮތެއް ވެއްޖެ ނަމަ އެންމެ ފުރަތަމަ އެކަމާ އަޑުއުފުއްލަވާނީ ވެސް ގާސިމް އާއި އެމަނިކުފާނުގެ ރިސޯޓުތަކުންކަން އެއީ ކަށަވަރު ކަމެކެވެ. 

އިންސާފު ލިބެން ޖެހޭ ފަރާތްތަކަށް އިންސާފު ލިބެންޖެހޭ ކަމަށް ޤާސިމް ހުށަހެޅުއްވިއިރު އިންސާފަކީ އެމްޑީޕީގެ ވައުދުތަކުގެ އެންމެ މުހިއްމު އެއް އަސާސެވެ. 

ޤާސިމް ހުށަހެޅުއްވި ކަންކަމުގެ ތެރެއިން އެންމެ ތަފާތު އެއް ހުށަހެޅުމަކީ ވެރިކަން ކުރަން ކައުންސިލެއް އުފެއްދުމެވެ. މިއީ ދިވެހި ރާއްޖޭގެ ޤާނޫނުއަސާސީ ތަންދޭ ކަމެއް ނޫނެވެ. އަދި ސީދާ ރައްޔިތުންގެ ވޯޓުން ހޮވާ ވެރިޔަކު ހުއްޓައި، ސިޔާސީ ޕާޓީތަކުގެ ވެރިން ހިމެނޭ ކައުންސިލަކުން އެ އަށް ވުރެ މަތިން ވެރިކަންކުރަން އުޅުމަކީ ހަމަޖެހޭ ކަމެއް ވެސް ނޫނެވެ. ޤާސިމް އެހުށަހެޅުއްވި ހުށަހެޅުއްވުމާ ކިރިޔާ ވެސް ގާތްކުރާ ޤާނޫނީ ސިފައެއް އަންނާނީ ބަރުލަމާނީ ވެރިކަމުގެ ނިޒާމެއްގައެވެ. އެމްޑީޕީގެ މެނިފެސްޓޯގައި ވެރިކަމުގެ ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ބުނެފައިވެއެވެ. އަދި އެއީ ރައްޔިތުންގެ ހިޔާލާއި ވިންދާ އެއްގޮތަށް ގެނެވޭ ބަދަލަކަށް ވާނެ ކަމަށް އެމްޑީޕީން ބުނެއެވެ. 

ވެރިކަންކުރަން ޖެހޭނީ ކައުންސިލަކުން ކަމަށް ޤާސިމް ވިދާޅުވިއިރު، ދެން އަންނަ އެހެން ނުކުތާއެއްގައި ޤާސިމް ވިދާޅު ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކޮށްގެން ނުވާނެ ކަމަށެވެ. އެހެންކަމުން މި ދެ ކަންތަކުން ކުރެ ކުރެވޭނީ ކޮންމެވެސް އެއް ކަމެކެވެ. ހުރިހާ މޮޅެއް ލިބޭކަށް ނެތެވެ. އެވިދާޅުވާ ކައުންސިލަކަށް ވެރިކަން ކޮންޓްރޯލްކުރުމުގެ ބާރު ދޭ ނަމަ ވެރިކަން ހިންގުމުގެ ނިޒާމަށް ބަދަލުތަކެއް އަންނަން ޖެހެއެވެ. 

އެންމެ ފަހު ކަމެއްގެ ގޮތުގައި ޤާސިމް ހުށަހެޅުއްވީ ކޮމަންވެލްތާއި އަލުން ގުޅި، ބޭރު ދުނިޔެއާ އެކު އޮންނަ ގުޅުން ބަދަހިކުރުމަށެވެ. މިއީ އެމްޑީޕީއިން އަބަދުވެސް ވަކާލާތުކުރަމުން އަންނަ ކަމެކެވެ. 

ޤާސިމް ހުށަހެޅުއްވި ކަންތައްތަކުގެ ތެރޭގައި ގިނައިން ހުރީ އެމްޑީޕީގެ މެނިފެސްޓޯގައި ހުރި ކަންކަމެވެ. އޭގައި ނެތް ކަމަކަށް ޤާސިމް ހުށަހެޅުއްވީ އޭގައި ހުރި ވާހަކަތަކާ މުޅިން އިދިކޮޅު ވާހަކަތަކެވެ. ކަމަކަށް ކަމެއް ކުރައްވާނަމޭ ހިތައި ކުރައްވާ ކަންކަމުން މިހެން އުފެދޭ ހިޔާލު ތަފާތުވުމަކުން ކޯލިޝަންގެ މަގުސަދަށް ބުރޫއެއް އަރުމަކީ ރައްޔިތުން އެދޭނެ ކަމެއް ނޫނެވެ. ކޯލިޝަނެއްގެ ގޮތުގައި ކުރިއަށްދާ ނަމަ، މިހެން ހުރި ކަންކަން ހިމުންކޮށްލަންޖެހެއެވެ. އުފެދޭ ހިޔާލުތައް ސީދާ އާންމުނާ ހަމައަށް ގެންދެވުމުގެ ބަދަލުގައި ގުޅިފައިވާ ޕާޓީތަކުގެ އެތެރޭގެ ނިޒާމުގެ ތެރޭގައި މަޝްވަރާކުރެވި ރީތިކޮށް ބައްޓަންކުރަންޖެހެއެވެ. ނޫން ނަމަ ކޮންމެ ކަމެއް ނިމިގެންދާނީ ކޯލީޝަންގައި ރެނދެން ލާފައެވެ. 

- ކޮމެންޓް
7 ޖުލައި 2018 | ހޮނިހިރު 13:53
mahLoofSupporter
kihaa dhera kameh.. kaleymen ah gaasim as gulhigen nuvehenyaa JP as dhuruvelan v nu.. JP ah supports kuraa varakah dhakka nudhy vaane nu..???