ކ. މާލެ
|
2 ޖުލައި 2018 | ހޯމަ 19:36
ހޮނިހިރު ދުވަހު އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި އިބޫ ވާހަކަ ދައްކަވަނީ
ހޮނިހިރު ދުވަހު އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި އިބޫ ވާހަކަ ދައްކަވަނީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
އިބޫއަށް މަރުހަބާ ކިޔުން: ހެޔޮ ނިޔަތުގައިތަ؟ ހީލަތްތެރިކަމެއްތަ؟
އިބޫ އަށް ގިނަ ބައެއްގެ ތާއިދު އެބަ އޮތް
ސަރުކާރުން އިބޫ އަށް މަރުހަބާކީ މަތި ރީތިކުރުމުގެ ގޮތުން

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ހުދުމުޚްތާރުކަން ބޮޑުވުމުގެ ސަބަބުން ގިނަ ބައެއްގެ ވިސްނުމުގައި ހުރީ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕާޓީތަކަށް ފުރުސަތު ގެއްލި، ހަމައެކަނި ރައީސް ޔާމީންގެ ނަންފުޅު އޮންނާނެ ކަމަށެވެ. ވާނީ ވެސް އެހެންނެވެ؛ އިދިކޮޅު ސިޔާސީ ލީޑަރުން ތިބީ ޖަލުގަ އެވެ. އެންމެ ފަހުން، ސަރުކާރާ ދެކޮޅު ވުމުން، އެއްބަފާ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ވެސް ޖަލަށްލީ އެވެ. ގާނޫނުތައް ވަނީ ހިތުހުރި ގޮތަކަށް ބަދަލުކޮށްފަ އެވެ. މަޖިލީހާއި ސުޕްރީމް ކޯޓް ހިސޯރުކޮށްފަ އެވެ. ފުލުހުންނާއި ސިފައިން ސިޔާސީވެފަ އެވެ. މުއައްސަސާތަކުގެ މިނިވަންކަން ގެއްލިފަ އެވެ.

މި ދަރަޖައަށް ދައުލަތް ހަރާބުކޮށްލާފައި އޮތުމުން، އާންމު ރައްޔިތުންގެ ވެސް މާޔޫސްކަން އުފެދެމުންދިޔަ އެވެ. އިންސާފުވެރި އިންތިހާބަކަށް ކުރެވުނު އުއްމީދު ފަނޑުވަމުންދިޔަ އެވެ. އެއް ކެންޑިޑޭޓެއް ނެރުމުގައި މައްސަލައިގައި ޕާޓީތަކުގެ ހިޔާލުތައް ތަފާތުވުމުން، އެކަން ވާނެ ކަމުގެ އުއްމީދު ގެއްލުނެވެ.

ނަމަވެސް، ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓެއް ނެރެން ނިންމުމަކީ ރައްޔިތުންގެ މަގުބޫލްކަން ކުޑަވެފައިވާ އަދި ވައްކަމާއި ހިޔާނާތުގެ ތުހްމަތުތައް ކުރެވޭ ސަރުކާރަށް ފަސޭހަ ކަމަކަށް ނުވާނެ އެވެ. މި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ކުރިން ވިދާޅުވެފައިވާ ގޮތުގައި، އަދި އެ ބޭފުޅުން ދެކެވަޑައިގެންނެވި ގޮތުގައި، އެންމެ ފަހު ވަގުތާ ޖެހެންދެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ ކުރީ ރައީސް މުހައްމަދު ނަޝީދެވެ. ސަރުކާރުގެ ހިސާބުޖެހުމާ މުޅިން އިދިކޮޅަށް، ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރެން ނިންމުން ވެގެން ދިޔައީ ސަރުކާރަށް ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. ސިހުމަކަށެވެ.

އެމްޑީޕީގެ ބޭއްވި ކޮންގްރެސްއި އިބޫ

 

އެމްޑީޕީން ހޮނިހިރު ދުވަހު ބޭއްވި ކޮންގްރެސްއިން، އެ ޕާޓީގެ ކެންޑިޑޭޓަކަށް ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް ނިންމުމާއެކު، އެ މަނިކުފާނަށް މަރުހަބާ ކިޔުމުގެ ބަދަލުގައި ވެރިކަންކުރާ ޕާޓީން ޕްރެސް ކޮންފަރެންސް ބާއްވައިގެން އިބޫއަށް ފާޑުކިޔުމަށް އަވަސްވެ ގަތެވެ. ނާތަހުޒީބު ކަމުގެ ކޮޅެއް ވެސް ނެތެވެ. މީގެ ކުރިން އިބޫ އަށް ތައުރީފުކުރި މެމްބަރުން ވެސް އިބޫ އަށް ފާޑުކިޔެވެ.

ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެމްބަރު، އަދި ރައީސް ޔާމީންގެ އަރިހުގައި ތިއްބެވި ގިނަ ބޭފުޅުން ގޮތަށް ހިޔާނާތުގެ ތުހްމަތުން ފަސްބައި ކިލަނބުވެފައި ނެތް އިބޫގެ މަޑުމައިތިރި މިޒާޖާއި ހިކުމަތްތެރިކަމާއި، ތަޖުރިބާގެ ސަބަބުން އަދި ސަރުކާރުގެ އަނިޔާވެރިކަމުގެ ސަބަބުން ޕީޕީއެމްގެ ގިނަ އަދަދެއްގެ މެމްބަރުންގެ ތާއިދު ވެސް އޮތީ އިބޫ އަށެވެ. އެ ޕާޓީއަށް ނިސްބަތްވާ ބޮޑެތި ބައެއް މަހްޖަނުން ކެމްޕޭނަށް އިބޫއަށް ހަރަދުކުރަން ތިބީ ތައްޔާރަށެވެ. މިކަންކަން ޕީޕީއެމްގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާއިރު، އަދި އިބޫއަކީ އެންމެ ރަނގަޅު ކެންޑިޑޭޓްކަމަށް ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު ނިހާނު ވެސް ވިދާޅުވެފައިވާއިރު، ކެންޑިޑޭޓްކަމަށް ކަނޑައެޅިތާ 24 ގަޑިއިރު ނުވަނީސް ޕީޕީއެމްގެ މެމްބަރުން ފެއްޓެވީ އިބޫއަށް ފާޑުކިޔުމަށެވެ.

އާދީއްތަ ދުވަހު ޕީޕީއެމްއިން ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އެމްޑީޕީގެ ޓިކެޓުގައި ކޮންމެ މީހަކު އިންތިޚާބަށް ނުކުމެވަޑައިގަތަސް ހިނގާނީ ނަޝީދުގެ ބާރު ކަމަށެވެ. އަދި އިބޫ ވެސް ވާނީ، ނަޝީދުގެ ޕަޕެޓަކަށް ކަމަށާއި އަމިއްލަ އިޚުތިޔާރުގައި އެއްވެސް ކަމެއް ކުރެއްވުމުގެ ބާރު ލިބިވަޑައި ނުގަންނަވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވިއިރު، ކެންޑިޑެސީ ގަބޫލުކުރެއްވުމުގެ ގޮތުން ދެއްވި ތަގުރީރުގައި ވަރަށް ސާފު ބަހުން އިބޫ ވިދާޅުވެފައިވަނީ "މީހެއްގެ އަޅަކަށް" ވެވަޑައިނުގަންނަވާނެ ކަމަށެވެ.

ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުމަށް ފަހު އިބޫ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ

ނިހާނު ވެސް އިބޫއަށް ފާޑުވިދާޅުވި އެވެ. ނަމަވެސް މީގެ އެންމެ ބޮޑު ޖޯކަކީ، ނިހާނާއި އަބްދުއްރަހީމްގެ ފާޑުކިޔުމުން ނިއުސް ކޮންފަރެންސް ބޭއްވިތާ 24 ގަޑިއިރު ނުވަނީސް ރައީސް އޮފީހުން އިބޫއަށް މަރުހަބާ ކިޔުމެވެ. ރީތި ނަމޫނާއެކެވެ. ނަމަވެސް ސުވާލު އުފެދެނީ، އިބޫއަށް މަރުހަބާކީ ހެޔޮ ނިޔަތުގައިތޯ ނުވަތަ ހީލަތްތެރިކަމުގައިތޯ އެވެ.

ސަރުކާރުގެ ހިންގާ ޕާޓީގެ ރާގާއި ސަރުކާރުގެ ރާގު ކުޑައިރުކޮޅެއްގެ ތެރޭގައި ބަދަލުވީ ކީއްވެ ހެއްޔެވެ؟

އިބޫއަށް މަރުހަބާ ކިޔައި، ޓްވީޓް ކުރުމަށް ފަހު، އޯލް ޕާޓީ ޓޯކްސްގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ނެރުއްވި ބަޔާނުގައި ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، ރިޔާސީ އިންތިޚާބަށް ޝަރުތު ހަމަވާ ބޭފުޅަކު އެމްޑީޕީން ކަނޑައެޅުމަކީ ޑިމޮކްރެސީ ކުރިއެރުވުމަށާއި މިނިވަން، އިންސާފުވެރި އަދި ދެފުށް ފެންނަ އިންތިޚާބަކަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން ވެސް އިބޫ އަށް މަރުހަބާ ވިދާޅުވެ ހާއްސަ ސިޓީފުޅެއް ފޮނުއްވި އެވެ. އަދި ށ. އަތޮޅަށް ރައީސް ޔާމީން ފެއްޓެވި ދަތުރުފުޅުގައި ބިލެތްފައްސަށް ވަޑައިގެން  ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އިބޫ ހަމަޖެއްސުމުން އުފާފުޅުވާ ކަމަށެވެ. އެ ނިންމުމަކީ އެމްޑީޕީގެ އިތުރުން ގައުމަށް ވެސް ހަމަޖެހުން ލިބިގެންދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

ސަރުކާރުގެ ރާގު މި ބަދަލުވެގެން ދިޔައީ، ސަރުކާރުގެ އިސްވެރިންނާމެދު ފިޔަވަޅު އަޅާނެކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ސަރުކާރުގެ ޓީމެއް އީޔޫގެ ވެރިންނާ ބައްދަލުކުރެއްވުމަށް ވަޑައިގެންފައިވަނިކޮށެވެ.

 

ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުން ޖަލްސާއެއްގައި

އިބޫ ކެންޑިޑޭޓަކަށް ވުމަކީ މިނިވަން، އިންސާފުވެރި އަދި ދެފުށް ފެންނަ އިންތިޚާބަކަށް މަގުފަހިވާނެ ކަމެއް ކަމާއި ކެމްޕެއިން ކުރިއަށް ގެންދަންވީ ކަމަށް ބުނާއިރު، މި ވާހަކައިގެ ހެޔޮ ނިޔަތެއް ނެތްކަން އެނގެނީ، އިދިކޮޅު ލީޑަރުންނަށް ސިޔާސީ ތުހްމަތުތަކެއްކޮށް ބަންދުކޮށްފައި ތިބުމެވެ. ދައުލަތުގެ ހަރަދުގައި ރައީސް ޔާމީން ދަތުރުފުޅު ކުރައްވާއިރު، އިދިކޮޅު ފަރާތްތަކުން ކެމްޕެއިންގެ ހަރަކާތެއް ފެށިނަމަވެސް ފުލުހުން ނުކުމެ ހުއްޓުވުމެވެ. ގާނޫނާ ހިލާފަށް ގޮނޑި ގެއްލުވާލާފައިވާ މެމްބަރުންނަށް މަޖިލީހަށް ނުވަދެވުމެވެ.  

މި ދަރަޖައިގައި ކަންކަން ހިންގަމުން ދިޔައިރު  ކެންޑިޑޭޓަކަށް އިބޫ ހޮވި ކޮންގްރެސް އުކުޅަހުގައި ބޭއްވިދާނެ ކަމަށް ވެސް ހިއެއް ނުކުރެވުނެވެ. އެ ކޮންގްރެސް އަށް މީހުން ފުރަން އުޅުމުން އެކަމަށް ފުލުހުން ބިރު ދެއްކި އެވެ. އެހެންވެ، ދައުލަތުގެ ހަރަދުގައި ގަނެ ފުލުހުންނާ ހަވާލުކޮށްފައިވާ ޕެޕަ ސުޕްރޭ އާއި ޝީލްޑްތައް ނުފެނި ކޮންގްރެސް ބޭއްވިދާނެ ކަމަށް ހިއެއް ވެސް ނުކުރެ އެވެ. މި ފަދަ ބިރުވެރި މާހައުލެއް އޮތްވައި، އިބޫ އަށް މަރުހަބާ ކިޔުމާއި ކެމްޕޭން ކުރުމުމުގެ ވާހަކަ ދެއްކެވުމަކީ ހެޔޮ ނިޔަތެއް އޮވެގެން ދެއްކި ވާހަކައެއް ކަމާމެދު ކޮންމެ މީހަކު ވެސް ސުވާލު އުފައްދާނެ އެވެ. ހެޔޮ ނިޔަތް އޮވެގެން ކުރިއަށްދާނަމަ ސަރުކާރުގެ ނިޔަތާއި އަމަލުން ވެސް، އަދި ދައުލަތުގެ މުއައްސަސާތަކުން ވެސް މިކަން ފެނިގެންދާނެ އެވެ. ހެޔޮނިޔަތުގައި އަމަލުތައް ބަހައްޓާށެވެ.

- ކޮމެންޓް