ހީވީ ދެންމެ ދެންމެ ކޯލިޝަން ރޫޅިދާނެ ހެންނެވެ. އެކަކު އަނެކަކަށް ކަރުމާރު ހިފާފާނެ ހެންނެވެ. ބޮޑުތަނުން ދެބަސްވެ މޫނާ މޫނު ދިމާ ނުކުރެވޭވަރަށް ގުޅިފައިވާ ޕާޓީތަކުގެ މީހުންގެ މެދުގައި ޒުވާބު ދީފާނެ ހެންނެވެ.
އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. ހަޤީގަތުގައި ވެސް ޖަޒީރާ ރައީސްގެ ނަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ކަންކަން ފެށުމާ އެކު ސަރުކާރާއި ސަރުކާރުގެ ބައިވެރިން ވެސް ލައްކަ ކަންކަން ކޮށްފިއެވެ. ހީވީ އިދިކޮޅު އެއްކޮށް ފަނިކޮށްލެވުނީ ކަމަށެވެ. ގުޅިފައިވާ ޕާޓީތަކުގެ މީހުންގެ މެދުގައި ރަނގަޅަށް ޖައްސާލެވޭނެ ކަމަށެވެ. ކަންވީ ވެސް އެހެންނެވެ. ޕާޓީތަކުގެ އެކްޓިވިސްޓުންގެ މެދުގައި ލޭ ކެކުނެވެ. އިންތިޚާބަށް ނެރޭނީ އެއް ކެންޑިޑޭޓޭ ބުނަމުން ދިޔަޔަސް ޕީޕީއެމް ކުދިން ދައްކާ ވާހަކަތަކާ އެކު ރައީސް ނަޝީދު ކެމްޕެއިން ކުރައްވާތީ މޭ ބޮޑުވާ ގޮތް ވީއެވެ.
އެމްޑީޕީން އޭރު ކަހާތަން ހިރުވައެއް ވެސް ނުލިއެވެ. ކެމްޕެއިން ބާރަށް ޖެއްސިއެވެ. މާދުރުގައި ހުންނަވައިގެން ވެސް ރައީސް ނަޝީދު ސީދާ ގޭގޭގެ ދޮރާހަމައަށް ވަޑައިގެންނެވިއެވެ. ރަށްރަށުގެ ހަރުގެތަކުގައި ފޯރި ހިއްޕާލިއެވެ. ނެގިމަޑުވެފައިތިބި މީހުންތައް ހޭލައްވާލިއެވެ. ރަނގަޅަށް ޖޯޝާއި ފޯރި ޖައްސާލަދީ އަނެއްކާ ވެސް ރަށްރަށުގައި އެމްޑީޕީގެ ހަރަކާތްތައް ގަދައަށް ފަށައިގަތެވެ.
ސަރުކާރަށްވީ މުޅިން އެހެން ގޮތެކެވެ. އެބާރުގަނޑުގައި ޖެހިގެން އޮންނާކަށް ކެރިކުޅަދާނައެއް ނުވިއެވެ. ދެނެކާ ދެނެއް ނެތެވެ. ނަޝީދުގެ އެހަރަކާތް ހުއްޓުވުނިއްޔާ ހުއްޓުވުނު ގޮތަކަށް ހުއްޓުވަން ފޫގަޅާލިއެވެ. ޓީވީތަކަށް އެންގީ ރައީސް ނަޝީދުގެ އަޑު އެއްގޮތަކަށް ވެސް ގެނެސްދީގެން ނުވާނެ ކަމަށެވެ. ބުނިއްޔާ ބުނިހާ ގޮތެއް ހަދައިދޭން ނަގާފައިވާ އިލެކްޝަންސް ކޮމިޝަނަށް އެންގީ ޕްރައިމަރީ ހުއްޓުވުމަށެވެ. އިސާހިތަކު ވޯޓުލާ ގަޑި ޖެހުނުއިރު ސަރުކާރަށް ބަލާކަށް ނޯވެވުނެވެ. ޤާނޫނާ ޚިލާފް ވެދާނެ ކަމަށް ބުނެ ޕާޓީއެއްގެ އެތެރޭގެ ޕްރައިމަރީ ހުއްޓުވަން އުޅުނީއެވެ. ނަޒާހާތްތެރިކަމާމެދު ސުވާލު އުފެދިފައިވާ ކޯޓަކުން ހުކުމްވެސް ނެރުނީއެވެ. ފުލުހުން ނެރެ ވޯޓު ފޮށިތަކާއި ކަރުދާސްތައް ޖަހައިގަނެގެން ގެންދިޔައިރު އެޔެއް މިޔެއް ނުބަލައެވެ. ގަޔަށް އަތްލާ މާރާމާރީ ހިންގާ ހިސާބަށް ފުލުހުން ރޯދައަށްހުއްޓާ ރުޅިވެސް ގަދަކުރީއެވެ.
ދޫނުދީ އެއްވާމެއްގައި ލެވުނު ގޮތަކުން ވޯޓުލައިގެން ވެސް އެނގުނީ ނަޝީދަށް ބައިލައްކައާ ކައިރިކުރާ އަދަދަކަށް އެވަރުން ވެސް ވޯޓުލައިފިކަމެވެ. ސަރުކާރުގެ ސަކަރާތްގަނޑު ވަތަކުތޯ ނުޖެހި ވެގެން ދިޔައީ ފެނަށެވެ.
ހުރިހާ ކަމަކީ ވެސް އެމްޑީޕީން ދެއްކި ޗަރުކޭސް ގަނޑެއްކަން އެނގުނީ ދެވަނަ ޕްލޭން ހާމަވީމައެވެ. ޕާޓީތަކުގެ މެދުގައި އަށާރަ ނަވާރަ ކޮމެޓީގެ މަސައްކަތް ނިންމާލީމައެވެ. އެއް ކެންޑިޑޭޓަކު ނެރެން ގުޅިފައިވާ ޕާޓީތަކުން ވަމުން އައި ވައުދު ފުއްދީތީއެވެ. އެކެންޑިޑޭޓަކީ އިއްތިހާދުގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓެއްކަމަށް ނިންމީމައެވެ. ރަނިންގމޭޓަކީ ޖޭޕީގެ މީހަކު ކަމަށް އިއުލާން ކުރީމައެވެ. ޑީލެއް ހައްދަވައިގެން ރައީސް މައުމޫނު ވެސް ޖަލުން ނުކުމެވަޑައިނުގަތް އެއުމުރުގައި ވެސް ހިތްވަރު ކުރެއްވީތީއެވެ.
ކޮންމެއަކަސް އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ޗަރުކޭސް ގަނޑުގައި ސަރުކާރު ރަނގަޅަށް ޖެހިއްޖެއެވެ. ބޭރު ދުނިޔެއަށް ދައްކާލާނެ ކިތައްމެ ފޮޓޯއަކާއި މަންޒަރެއް ހިލޭ ސާބަހަށް ދީފިއެވެ. ސަރުކާރުގެ ފެންވަރު އިތުރަށް އެތެރެއަށާއި ބޭރަށް އިތުރަށް ހާމަވެއްޖެއެވެ. ރައީސް ޔާމީނަށް ތާއީދުކޮށްގެންތިބި ބަޔަކުވެސް މޫނު އަނެއް ފަރާތައް އަނބުރާލައިފިއެވެ. ހަމަޔާ އިންސާފް ހުރިގޮތް ފެނިފައެވެ. ކޯލިޝަނުން އެވަނީ ފުރަތަމަ ދުވަހު އެއްބަސްވިގޮތައް އެއް ކެންޑިޑޭޓަކު ދައްކާ ރަނގަޅަށް ކެމްޕޭނަށް ތައްޔާރު ވެފައެވެ. ކުރެވުނު ކަންކަމާހުރެ ސަރުކާރަށް އެވަނީ ކެމްޕޭނަށް ބޯ ދިއްކޮށްލަންވެސް ނުކެރިފައެވެ. ދެން ކަންވެދާނެ ގޮތުގެ ތަސްވީރެއް ފެނި މެންބަރުންނާ މުއައްސަސާތަކުގެ ވެރިންވެސް ދެވަނަ ވިސްނުމެއް ވިސްނަން ފަށާފައެވެ.