އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ 40،000 އަށް ވުރެ ގިނަ މެމްބަރުން ސަރުކާރުގެ ބޮޑެތި ފިއްތުންތަކާ އެކު ވެސް ނިކުމެ ވޯޓުލައި، އެޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއެވެ. ސަރުކާރުން އެމަނިކުފާނަށް ކުރިމަތިނުލެވޭނެ ކަމަށް ތަކުރާރުކޮށް ބުނަމުންދިޔަ ނަމަވެސް، އެމްޑީޕީގެ އާއްމު މެމްބަރުން އުއްމީދުކުރީ އެތައް ހާސް ދިވެހި ރައްޔިތުންނެއްގެ ބަހަށް ދިވެހި ސަރުކާރުން ދީލާލާނެ ކަމަށެވެ. މިސަރުކާރަކީ ރައްޔިތުންގެ އަޑެއް އަހާނެ ސަރުކާރެއް ނޫން ކަން އެނގި ތިބެ ވެސް، ޕްރައިމަރީގައި ވޯޓުލާން އެމްޑީޕީގެ މެމްބަރުން ނިކުތީ ކުޑަ ވެސް އުއްމީދެއް ލިބިދާނެ ކަމަށް ބަލައިގެންނެވެ.
އެހެންނަމަވެސް ސަރުކާރުން އޮތީ އެ އަށް ވުރެ ބޮޑަށް ވެރިކަން ދަމަހައްޓަން ބޭނުންވެފައެވެ. މިޤައުމުގައި ރަސްކަމެއް އިއުލާންކޮށްގެން ނަމަވެސް ދައުލަތުގެ މާލިއްޔަތުގެ މަތީގައި އަޅައިގެން އޮތް އަތް ނަގައި، މުލީއާގެ އާއި ހިލާލީގެ އިން ދުވަހަކު ވެސް ނިކުތުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތެވެ. އެ ޕާޓީގެ ބައެއް މެންބަރުން ދެކޭ ގޮތުގައި ގިޔާމަތާ ޖެހެންދެން ވެސް ވެރިކަމުގައި އޮންނާނީ އެޕާޓީއެވެ.
ދައުލަތުގެ މާލިއްޔަތާއި ސަރުކާރުގެ ތަންތަން އެވަނީ ޕީޕީއެ މްއިން އަމިއްލަކޮށްފައެވެ. އެކަން އެގޮތުގައި ދަމަހައްޓަން ޤާނޫނުތައް މުގުރައި، ޤާނޫނު އަސާސީ ވީދާ، ކުދިކުދި ކޮށްލިތާ ކިތަންމެ ދުވަހަކެވެ. ރައީސް ނަޝީދު ރިޔާސީ އިންތިޚާބަށް ނިކުމެވަޑައިގެންފި ނަމަ އެކަންކަން ނިމުމަކަށް އަންނާނެކަން ސަރުކާރަށް އެނގޭތީވެ، އެފުރުސަތު ލިބެން އޮތް ކިތަންމެ ހަނި މަގެއް އޮތް ނަމަވެސް، އެމަގެއް ބަންދުކުރަން ސަރުކާރުން އޮތީ ތައްޔާރަށެވެ. މުހައްމަދު ނަޝީދު ކިޔާ މީހުންނަށް ރާއްޖޭގެ ވެރިކަން ނުކުރެވޭނެ ކަމަށާއި، ނަން ބަދަލުކުރުމަށް ފަހު ވެސް 10 އަހަރު މަޑުކުރަން ޖެހޭނެ ކަމަށް ޤާނޫނުގައި ލިޔަން ޖެހުނު ނަމަ، އެކަންކުރަން ވެސް ޕީޕީއެމް އޮތީ ތައްޔާރަށެވެ.
ކޮންމެއަކަސް، ސަރުކާރުގެ ދުއްތުރާތަކާ ހެދި، ރައީސް ނަޝީދަށް ވެރިކަމަށް ކުރިމަތިލެއްވޭ ގޮތެއް ނުވިއެވެ.ސާޅީސް ހާސް ރައްޔިތުން އެއްޗެކޭ ބުނިހެން ވެސް ސަރުކާރަށް ހިއެއް ނުވިއެވެ. އެހެންކަމުން އެމްޑީޕީގެ ކެންޑިޑޭޓަކަށް އިންތިޚާބު ވާދަނުކުރެވިދާނެކަމުގެ ބިރު އޮތުމާ އެކު، ރިޔާސީ ޓިކެޓް ދޫކޮށްލައްވަން ރައީސް ނަޝީދު ނިންމެވީއެވެ. ކޮންގްރެސްއާ ދިމާކޮށް އެކަން ކުރައްވަން އެމަނިކުފާނު ނިންނެވީ ކޮންގްރެސް އިން ކެންޑިޑޭޓަކާ މެދު ގޮތެއް ނިންމަން ފުރުސަތު ދެއްވުމަށް ކަމަށް ބެލެވެއެވެ. އެކަން ކުރެވެން އޮތް ހަމައެކަނި މަގަކީ ވެސް އެއީއެވެ. މި ވަގުތު އެ ޕާޓީގެ އަސާސީ ގަވާއިދު އޮތް ގޮތުން ރިޔާސީ ޓިކެޓް ދިނުން ކަނޑައަޅާފައި އޮތީ ޕްރައިމަރީއަކުންނެވެ. އެހެންކަމުން އެ މާއްދާތައް ބަދަލު ގެނެވެން އޮތީ ކޮންގްރެސްއެއް ބާއްވައިގެންނެވެ.
އަނެއްކޮޅުން ކޮންގްރެސްއާ ދިމާކޮށް ރައީސް ނަޝީދު އެކަން ކުރެއްވުމުގެ އަނެއް މަގުސަދަކީ މީގެ ކުރިން ބޭއްވި ޕްރައިމަރީ ވެސް އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަނެފައި އޮތުމެވެ. އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުތުތައް ހަމަނުވާ ބޭފުޅަކަށް ރިޔާސީ ޓިކެޓް ނުދެވޭނެ ކަމަށް ބަލައި އިލެކްޝަނުން އެ ޕްރައިމަރީ ބަލައިގަނެފައި ނުވާ އިރު ރައީސް ނަޝީދާ އެކު ބާއްވާ ކޮންގްރެސްއަކުން ނިންމާ ނިންމުންތައް ވެސް އިލެކްޝަނުން ބަލައިނުގަންނާނެކަން އެއީ ކަށަވަރު ކަމެކެވެ. ކޮންގްރެސް އަށް ފުރުސަތު ދިނުމަށް އެމަނިކުފާނު އެވަނީ ނިންމަވާފައެވެ.
ކޮންގްރެސްއިން ނުވަތަ ޤައުމީ މަޖިލީހުން ގޮތެއް ނިންމިޔަސް، ދެން އެމްޑީޕީގެ ކެންޑިޑޭޓަކަށް ވުން އެންމެ ގާތް ބޭފުޅަކީ ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ އާއި ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) އެވެ. އިބޫ ފިޔަވައި ދެން ކެންޑިޑޭޓަކަށް ވާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދެވެ. އެހެންނަމަވެސް ރައީސް ނަޝީދުގެ ނިންމެވުން އެންގެވިތަނާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޝާހިދު ވިދާޅުވީ ޕާޓީގެ އެއްބައިވަންތަކަމަށްޓަކައި އެމަނިކުފާނު އިބޫއަށް ތާޢީދުކުރައްވަން ނިންމަވާފައިވާކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ތެރޭގައި އޮތިއްޔާ އެއޮތް ރިޔާސީ ޓިކެޓްގެ ވާދަވެރިކަމެއް ވެސް ދެނެއް ނޯންނާނެއެވެ. މީގެ ކުރިން އެ ދެ ބޭފުޅުންނަށް ތާއީދުކުރައްވާ ބޭފުޅުން ދެ ބަޔަކަށް ބެހި ސޯޝަލް މީޑިއާގަ އާއި ޕާޓީގެ ތެރޭގައި ވެސް އަދި ކޮންގްރެސް އަށް ތައްޔާރުވަމުން ދިޔަ އިރު ވެސް ޒާތެއްގެ ކެމްޕެއިނެއް އޮތީ ފެށިފައެވެ.
ގުޅިފައިވާ ޕާޓީތަކުގެ އިސް ބޭފުޅުންގެ ވާހަކަފުޅުތަކަށް ބަލާއިރު ވެސް، އިބޫއަކީ އެންމެންނަށް އެއްބަސްވެވޭ ކެންޑިޑޭޓެވެ. އެއް ކެންޑިޑޭޓް ނެރުމުގެ މައްސަލައިގައި ޕާޓީތަކަށް އެއްގަލަކަށް ނޭރުނީ ރައީސް ނަޝީދު އެމްޑީޕީގެ ޓިކެޓްގައި ނިކުންނަވާތީ އެކަމަށް ބައެއް ބޭފުޅުން ނުރުހިގެން ކަމަށް ވެސް އަޑުތައް އަރާފައިވެއެވެ. އެހެންނަމަވެސް އިބޫއަކީ ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ ކެންޑިޑޭޓެއް ކަމަށާއި، އިބޫގެ ފަހަތަށް އަރަން އެހެން ޕާޓީތައް ވެސް ތައްޔާރަށް އޮތް ކަމަށް މީގެ ކުރިން ބައެއް އަޑުތައް ފެތުރުނެވެ. އެހެންނަމަވެސް އެވާހަކަތަކަކީ ޤާސިމް އިބްރާހިމް 'ޚިޔާލީ ކެބިނެޓް' އިއުލާންކުރެއްވުމުގެ ކުރީގެ ވާހަކަތަކަކަށް ވާތީ، މިހާރު ޕާޓީތަކުގެ ވިސްނުންތައް ހުރީ ސީދާ ކިހިނެއް ކަމެއް އަދި މުޅިން ސާފެއް ނޫނެވެ.
ހޮނިހިރު ދުވަހު ކޮންގްރެސް ފަށާއިރު، ކޮންގްރެސްގެ ތެރެއިން އަސާސީ ޤަވާޢިދަށް ބަދަލުގެނެސްގެން، އިބޫއަށް ޓިކެޓް ދޭނެ ކަމަށް ބެލެވެއެވެ. އެމްޑީޕީގެ ޕީޖީ މެމްބަރުންނާއި، ޕާޓީގެ އިސް ބޭފުޅުން އެގެންދަވަނީ އިބޫއަށް ބައިއަތު ހިއްޕަވަމުންނެވެ. އަދި ސޯޝަލް މީޑިއާގައި އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން މިހާރު ވެސް ވަނީ އިބޫގެ ކެމްޕޭން ފަށާފައެވެ. މީގެ އިތުރުން މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ސައިލެންޓް މެޖޯރިޓީގެ ބޮޑު ބައެއް ވެސް އިބޫ އަށް ތާއީދުކުރާނެ ކަމަށް ބެލެވެއެވެ. ސިޔާސީ ޕާޓީތަކާ ތަންކޮޅެއް ދުރުގައި ބޮޑު އާބާދީއެއް އޮތް އިރު އިބޫއަކީ އެ ފަރާތްތަކުގެ ރުހުން ހޯދަން ވެސް ރަނގަޅު ކެންޑިޑޭޓެއް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. މީގެ އިތުރުން ސަރުކާރުގައި މިހާރު ތިއްބެވި ބެއެއް ބޭފުޅުންނަށް ވެސް ސީދާ އިބޫ އަށް ނޫނެކޭ ބުނުމަކީ ދަތިކަމަށް ވެދާނެ ކަމަށް ބައެއް ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ. އިބޫއަކީ ވިއްކަން ފަސޭހަ ނަމެއްކަން މީގެ މާކުރިން ވެސް އޮތީ ބެލެވިފައެވެ.
ދެން އޮތީ ކޮންގްރެސްގައި ވާގޮތެއް ބެލުމެވެ. އެމްޑީޕީއަކީ މިނިވަން ޚިޔާލުގެ ޕާޓީއެކެވެ. މެމްބަރުންގެ ބާރު އޮންނަ ޕާޓީއެކެވެ.ގޮތެއް ނިންމާނީ މެމްބަރުންނެވެ.